ފުރަަބަންދަށް ދިން ލުއިތަކަށްފަހު ދެން އަމަލުކުރާނެ ގޮތާމެދު މަޝްވަރާކޮށްފި

ފުރަަބަންދަށް ދިން ލުއިތަކަށްފަހު ދެން އަމަލުކުރާނެ ގޮތާމެދު މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން---

ރާއްޖޭގައި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރެމުންދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރަން އެޅި ފުރަބަންދުގެ ފިޔަވަޅުތަަކަށްފަހު ނުކުތް ނަތީޖާތަކަށް ބިނާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރާނެ ގޮތްތަކާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެއްވިއެވެ.

މިއީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޯވިޑް-19 ގެ ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަމުން ގެންދާ ބައްދަލުކުރެއްވުމެކެވެ.

ބައްދަލުވުމުގައި ސިއްހީ ދާއިރާއިން މިކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން މި ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރީންނާއި ރައީސް މަޝްވަރާ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސްއޮފީހުގެ ބައެއް އިސް ވެރިންނާއި، ސިއްހީ ދާއިރާގެ މާހިރުން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ވެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މިިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މުޅި މާލެ ފުރަބަންދުކޮށް ރަށްރަށަށް ދަތުރުކުރުން މަނާކުރިއެވެ. އަދި އޭގެ ފަހުން މިދިޔަ މަހުގެ 15 އިން ފެށިގެން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރަށް ނުކުމެވޭނެ ފުރުސަތު ދީފައެވެ. އަދި މިމަހުގެ އެކަކުން ފެށިގެން ސްކޫލްތައް ހުޅުވައި އިއްޔެވަނީ އަލުން ސަރުކާރުގެ އޮފީސްތައްވެސް ހުޅުވައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ 2517 މީހަކު ފެނިފައިވާއިރު ބަލީގައި 13 މީހުން ވަނީ މަރުވެފައެވެ. އަދި 2180 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް