ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރައްވަމުން އަންނަ ރާއްޖޭގެ ތަފާސްހިސާބުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
އެ ބިލަށް ހިޔާލު ހޯދަން ހުޅުވާލީ މިއަދުއެވެ. މަޖިލީހުގެ އިދާރާއިން ބުނީ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.
ތަފާސްހިސާބުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަންއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމު ކުރުމާއި، ބޭނުންކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުމެވެ.
އެ ބިލުގައި ރާއްޖޭގެ ހުރިހާ ކަމަކާބެހޭ ތަފާސްހިސާބުތަކުގެ ކަންކަން ހަމަޖެއްސުމަށް މިނިވަން މުއައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދަން ހިމަނާފައިވެއެވެ.
އެ ބިއުރޯގެ މަސައްކަތްތައް ބައްޓަންކުރާނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭ ފަދަ ގޮތަކަށް ކަމަށް ބިލުގައި ބުނެފައިވެއެވެ.