އެފްއޭއެމްގެ ޕޮޒިޓިވް ކޭސް: އެކަހެރިވާން އެންގީ ދިމާވިތާ ހަތް ދުވަސް ފަހުން

އެފްއޭއެމްގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ހޮވުނު ބައްސާމް އަދީލް ޖަލީލް އަދި އެކްޒެކެޓިވް ކޮމިޓީއަށް ހޮވުނު މެމްބަރުން --- ފޮޓޯ/ އެފްއޭއެމް

މި މަހުގެ ދެވަނަ ދުވަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އިންތިހާބީ ކޮންގްރެސްގަޔާއި، އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ކޮވިޑަށް ޕޮޒިޓިވްވިތާ ހަފުތާއެއް ފަހުން އެދުވަހު އޭނައާ ކޮންޓެކްޓްވި އެންމެން އެކެހެރިވާން އެޗްޕީއޭއިން އަންގައިފި އެވެ.

ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، ސަރުކާރުން ގިނަ ތުހުމަތުތަކެއް ކޮށްފައި އޮތް ނަމަވެސް އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބު ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވި އެފްއޭއެމްގެ އިސް އޮފިޝަލަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ކަރަންޓީން ފެސިލިޓީއަށް ގެންގޮސް އެމުވައްޒަފު ދިރިއުޅޭ ގެ މޮނިޓަރިންނަށް ލާފައިވަނީ އިންތިހާބު ބޭއްވިތާ ތިންވަރަކަށް ދުވަސް ފަހުންނެވެ.

އެ މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް އެޗްޕީއޭއިން މުވައްޒަފާ ވާހަކަ ދެއްކި އިރު އެފްއޭއެމްގެ އިންތިހާބާއި، އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އޭނާ ވަނީ އެޗްޕީއޭއަށް މައުލޫމާތު ދީފަ އެވެ.

އެކަމަކު އެޗްޕީއޭއިން އޭރު ބުނީ އެދުވަހު ދިމާވި މީހުން ކޮންޓެކްޓް ޓްރޭސިންގްގެ ތެރޭގައި ނުހިމެނޭ ކަމަށާއި، ޑައިރެކްޓް ކޮންޓެކްޓްވި މީހުންނާއި، އައިސޮލޭޓް ވާންޖެހޭ މީހުން ގުނަން ފަށާނީ ޖެހިގެން އައި ދުވަހަށް ފަހު އެވެ.

އެފްއޭއެމްގެ މުވައްޒަފު ޕޮޒިޓިވް ވިތާ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ވީ ފަހުން މީސް މީޑިއާގައި ފެތުރުނު އެފްއޭއެމްގެ އިންތިހާބުގެ ފޮޓޯއެއް ފެނިގެން އެޗްޕީއޭ އިން ވަނީ އެ އެންމެން 14 ދުވަސް ވަންދެން ހޯމް އައިސޮލޭޝަންގައި ތިބުމަށް އަންގާފައެވެ.

comment ކޮމެންޓް