ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ، އޭޖީއިން ރައީސް ޔާމީން ގޮވައިގެން ކޯޓަށް

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށްކޮށްފައިވާ ހުކުމުގައިވާ ގޮތަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި ރައީސް ޔާމީންއާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރާށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފަސް މިލިއަން ޑޮލަރު މީރާއަށް ދައްކާ ހަލާސް ކުރާށެވެ. ނަމަވެސް، މިހާރު ހަ މަސް ފާއިތުވެފައިވާއިރު، ރައީސް ޔާމީން އެ ފައިސާ ދައްކާފައި ނުވެއެވެ.

އޭޖީ އޮފީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހުސައިން ހަސަން މިއަދު "ސަން"އަށް ވިދާޅުވީ، ރައީސް ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން އޭޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާގޮތަށް ދައުލަތަށް ފައިސާ ދައްކާފައި ނުވާތީ ރައީސް ޔާމީނާ ދެކޮޅަށް ދައުުވާ ކުރަން އޭޖީ އޮފީހުން ނިންމާފައިވާއިރު، އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ މިހާރު ހައިކޯޓުގައި ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް