ޕަބްލިކް ޕްރޮކިއުމަންޓްގެ ބައެއް އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
މި ބަދަލުތަކަކީ މި މަހުގެ ހަވަނަ ދުވަހު ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުން އައި ބަދަލުތަކެކެވެ.
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބިޑު ކޮމިޓީތަކަށް ހުއްދަ ދެވޭނެ މިންވަރު އިތުރުކުރުމާއި ބިޑު ސެކިއުރިޓީގެ ގޮތުގައި ނަގަން ޖެހޭ އަދަދު އިތުރު ކުރުން ހިމެނެ އެވެ.
އެގޮތުން ބިޑު ކޮމެޓީތަކަށް ހުއްދަ ދެވޭނެ މިންވަރު މިހާރު ވަނީ 35،000ރ އިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް އިތުރުކޮށްފަ އެވެ. ކުރިން މި އަދަދު ހުރީ 35،000ރ އިން ފެށިގެން 2.5 މިލިއަން ރުފިޔާއާ ހަމައަށެވެ. ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީގެ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުންނެވެ.
ބިޑު ސެކިއުރިޓީގެ ގޮތުގައި ކުރިން ނަގަން ޖެހޭ މިންވަރު 250،000ރ އިން 500،000ރ އަށް ވަނީ އިތުރުކޮށްފަ އެވެ.
މީގެ އިތުރުން ބިޑު ކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރަން އޮންނަ މާއްދާއަށް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގެ ދަށުން ކޯޕަރޭޓް ޖަމިއްޔާތަކާއި ގައުމީ ޖަމިއްޔާ ޖަމާއަތްތަކަށް ބޮޑު ކުރުމަކާ ނުލައި ބޮޑުތައް ނުދެވޭނެ އެވެ.
ހަމައެއާއެކު ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ނުވަތަ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމަނާ ކުންފުނިތަކަށް ކުންފުނިތަކަށް މަސައްކަތް ހަވާލުކުރެވޭނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު، ނެޝަނަލް ޓެންޑާ ބޯޑަށް ކަމަށް ވެސް އިސްލާހުގައި ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަޝްރޫއުތައްވެސް އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ވަނީ ހަނިކޮށްފަ އެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކީ ވަޒީރުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއަކަށް ބަދަލުކުރުމަށް ވެސް އިސްލާހުގައި ބުނެ އެވެ.
މީގެ އިތުރުން ޕަބްލިކް ޕްރޮކިއުމަންޓަށް ގެނައި އިތުރު ބަދަލުތަކަކީ؛
އާންމުކޮށް ބީލަމަށް ހުޅުވައިލުން
- ފުރަތަމަ ފަހަރަށް ތިން ބިޑުގެ ބަދަލުގައި އެއް ބޮޑޫ ހުށަހެޅި ނަމަވެސް ބިޑުގެ ޝަރުތު ހަމަވާނަމަ އަދި ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއް ނަމަ ބީލަން ހުށަހެޅި ފަރާތާ މަސައްކަތް ހަވާލުކުރެވިދާނެ.
- އާންމުކޮށް ހުޅުވާލާ ބީލަންތައް މަދުވެގެން ހުޅުވާލަން ކަނޑައަޅާފައިވާ މުއްދަތު ހަތް ދުވަހުގެ ބަދަލުގައި ރަސްމީ ބަންދު ނޫން ހަތް ދުވަހަށް ބަދަލުކުރުން.
ބީލަން ހަވާލުކުރުން
- ބީލަން ކާމިޔާބުކުރި ފަރާތަށް ކޮންޓްރެކްޓް ހަވާލުކުރުމުގެ ކުރިން ބީލަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ބީލަން ކާމިޔާބުކުރި ފަރާތާއި ނާކާމިޔާބުވި ފަރާތްތަކަކީ ކޮބައިކަން އެންގުން.
- ބީލަން ނާކާމިޔާބުވި ފަރާތްތަކަށް ބީލަމާ މެދު މައްސަލައެއް އޮތް ނަމަ އެކަން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދިނުން އަދި އެ މައްސަލަ ނުނިމެނީސް ކޮންޓްރެކްޓުގައި ސޮއިނުކުރުން.
މީގެ އިތުރުން ރިޓެންޝަން ފައިސާ ނަގާ އުސޫލަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ކުރިން އަމަލު ކުރަމުން އައި ގޮތަކީ 250،000ރ - 2.5 މިލިއަން ރުފިޔާއާ ދެމެދުން ނަގާ ފައިސާ ހަ މަސް ވުމުން އަނބުރާ ދޫކުރުން އަދި 2.5 މިލިއަން ރުފިޔާއަށް ވުރެ މަތިން ނަގާ ފައިސާ 12 މަސް ވުމުން އަނބުރާ ދޫކުރާ ގޮތަށެވެ.
އަލަށް ގެނައި ބަދަލުގެ ދަށުން ރިޓެންޝަން ފައިސާ ނަގާނީ ފަސްލައްކަ ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތަކަށެވެ. އަދި ފުރަތަމަ ތްރެޝްހޯލްގައި ފަސްލައްކަ ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް ދެމެދުން ނަގާ ރިޓެންޝަން ފައިސާ ދޫކުރަން ޖެހޭނީ މަސައްކަތް ނިންމާތާ ހަ މަސް ވުމުންނެވެ. އަދި ދެވަނަ ތުރެޝްހޯލްގައި ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތިން ނަގާ ފައިސާ އަނބުރާ ދޭން ޖެހޭނީ މަސައްކަތް ނިންމާތާ 12 މަސް ފަހުންނެވެ.
މީގެ އިތުރުން އެއްބަސްވުންތަކަށް ބަދަލުގެނެވޭ ގޮތް ވެސް ވަނީ އިސްލާހުކޮށްފަ އެވެ. މިހާރު އެއްބަސްވުމަށް ބަދަލުގެނެވޭނީ އެއްބަސްވުމުގެ މައިގަނޑު ސްކޯޕަށް ގެނެވޭ ބަދަލަށް ނުވާނަމަ އެވެ.
ހަމައެއާއެކު ބޮޑު ކޮމެޓީތަކުން އެވޯޑުކުރާ މަސައްކަތްތަކުގެ އަގަށް ގެނެވޭ ބަދަލު 15 ޕަސެންޓަށް އަދި މުއްދަތަށް ގެނެވޭ ބަދަލު 30 ޕަސެންޓަށް ވަނީ ކަނޑައަޅާފަ އެވެ.
ޓެންޑާ ބޯޑުން އެވޯޑުކުރާ މަސައްކަތްތަކުގެ އަގަށް ގެނެވޭ ބަދަލު 30 ޕަސެންޓަށް އަދި މުއްދަތަށް ގެނެވޭ ބަދަލު 50 ޕަސެންޓަށް ވަނީ ކަނޑައަޅާފަ އެވެ.
މިގޮތަށް އެއްބަސްވުމުގެ އަގަށާއި މުއްދަތަށް ގެނެވޭ ބަދަލުތައް، ސަރުކާރު ބަންދު ނޫން ދެ ދުވަހުގެ ތެރޭގައި އެ އޮފީހެއްގެ ވެބްސައިޓުގައި ޝާއިއުކުރަން ވެސް ޖެހޭނެ އެވެ.