އާ އައިފޯންގެ ޗާޖަރު ވަކީން ގަންނަން ޖެހިދާނެ

އެޕަލްގެ އާ އައިފޯން ހުންނާނެ ކަމަށް ބެލެވޭގޮތުގެ ރެންޑާއެއް ---

އެޕަލް އިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އާ އައިފޯނު ގަންނަ އިރު ފޯނާއެކު ޗާޖަރު ނުލިބޭނެ ކަމަށާއި ޗާޖަރު ޖެހޭނީ ވަކީން ގަންނަން ކަމަށް ބައެއް ލީކްތަކުން އާންމުވެއްޖެ އެވެ.

މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އާ އައިފޯން ނުވަތަ އައިފޯން 12 އާންމުކުރުމަށް ދެ މަސް އޮތް އިރު ފޯނުގެ މައުލޫމާތު ލިބޭ ތަފާތު ލީކުތަކެއް ވަނީ އާންމުވެފައެވެ. އެގޮތުން އެންމެފަހުގެ ލީކުން އާންމުވާ ގޮތުގައި އާ އައިފޯންގެ ރީޓެއިލް ޕެކޭޖުގައި ޗާޖަރެއް ނޯންނާނެއެވެ.

އަލަށް އާންމުވި ލީކްއަކުން ވަނީ އާ އައިފޯން ވިއްކާނެ ރީޓެއިލް ޕެކޭޖްގެ ފޮޓޯތަކާއި ތްރީޑީ ރެންޑާތަކެއް ފެނިފައެވެ. އެ ރީޓެއިލް ޕެކޭޖްތަކުން ދައްކާގޮތުގައި އާ އައިފޯންގެ ފޮށިގަނޑުގައި ޗާޖަރު ބާއްވާކަށް ޖާގައެއް ނެތެވެ.

ނަމަވެސް އެޕަލްގެ ލީކްތަކާ ގުޅޭގޮތުން އިތުބާރު ހިފޭ ފަރާތްތަކުން ބުނާގޮތުގައި އެއީ ދޮގަކަށް ވުން އެކަށީގެންވާ ލީކެކެވެ. އެހެންކަމުން އާ އައިފޯންއާއެކު ޗާޖަރު ލިބުންވެސް އެކަށީގެންވެއެވެ.

މިއަހަރުގެ އައިފޯންއަކީ އެޕަލްގެ ކުރީގެ އައިފޯންގެ ޑިޒައިންތަކާ ގުޅުން ހުރި ފޯނުތަކަށް ވާނެ ކަމަށް ލީކްތަކުން ދައްކައެވެ. އައިފޯން 12ގެ ޑިޒައިން ހުންނާނީ އައިފޯން 4 ސީރީޒްގެ ފޯނުތަކާ ދާދި އެއްގޮތަކަށް ކަމަށް ލީކުތަކުގައި ބުނެއެވެ.

އެޕަލްގެ ބައެއް އިންޓާނަލް މައުލޫމާތުތަކުން ބުނާގޮތުގައި މިއަހަރު ނެރޭ އައިފޯން އަކީ ވަރުގަދަ ފޯނަކަށް ވާނެއެވެ. އެއާއެކު އާ އައިފޯނު އިތުރަށް އަގުބޮޑުވުންވެސް އެކަށީގެންވާ ކަމަށް ލީކްތަކުން ދައްކައެވެ.

comment ކޮމެންޓް