ފިހާރަަތަކަށް ދާއިރު ކޮންމެހެން ގަންނަން ޖެހޭ އެއްޗެހީގައި ނޫނީ އަތް ނުކުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި އެވެ.
އާ އާންމު ހާލަތުގައި ޖިމްތަކާއި ކެފޭ ރެސްޓޯރަންޓާއި ސެލޫންތަކާއި ފިހާރަތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތަކާ ބެހޭ ގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯސީ)އިން ރޭ ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްއެއްގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވީ މޭވާ އާއި ތަރުކާރީ ގަންނަންދާ ދިއުމުގައި ބައެއް މީހުން ވަރަށް ގިނަ ފަހަރު އެ ތަކެތީގައި އަތްލައި ހަދާ ކަމަށެވެ.
"އާންމުކޮށް މިއީ އަޅުގަނޑުމެންގެ އާދައެއް އެއީ އެކަތި އަނެކެއްޗަށް ބަލައި އެކަތީގައި އަތްލާފައި އަނެކަތީގައި އަތްލައިފައި ހެދުން. ދެން ހަމައެކަނި މާރުކޭޓޭއް ނޫން. ދެން ފިހާރަތަކުގައި ވިއްކާ އެއްޗެތި ވެސް އަޅުގަނޑުމެން މިހާރު އިލްތިމާސްކުރަނީ ތިމާ ގަންނަންދާ އެއްޗެއް ފިޔަވައި އަތް ނުލާށޭ އެންމެ ރައްކާތެރިގޮތަކީ އެމީހަކު ގަންނަން ބޭނުންވާއެއްޗެއް އެއަށް ރެޑީވެގެން ގޮސް އައުމޭ." އޭނާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވީ އެތަކެތީގައި އަތްލުމަށް ފަހު ލޮލާއި މޫނުގައި އަތް ލެވުމުގެ ފުރުސަތު އޮންނަ ކަމަަށެވެ. އަދި ގިނަ ބަޔަކު އެ ތަކެތީގައި އަތް ލުމަކީ އަތުގައި ހުރި ޖަރާސީމު އެ ތަކެއްޗަށް ހިނގައިދާނެ ކަމެއް ކަމަށެވެ.
ކޮވިޑަކީ ކާބޯތަކެތީގެ ޒަރިއްޔާއިން ސީދާ ފެތުރޭ ބައްޔަކަށް ނުވިޔަސް ކާބޯތަކެތީގެ ޒަރިއްޔާއިން އެހެން ބަލިތައް ފެތުރޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއްވެސް ބައްޔެއް އަޅުގަނޑުމެންގެ ގައިގައި ހުރިއްޔާ ދިފާއީ ނިޒާމު އެބަ ދެެރަވޭ. އެކަމާ ހެދި ކޮވިޑްގެ ނުރައްކާގެ ފުރުސަތު ބޮޑުވެގެން ދާނެ. އެހެންކަމުން ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމަކީ ވެސް ވަރަށް މުހިންމުކަމެއް. ކާބޯތަކެތި މިސާލަކަށް މޭވާ ތަރުކާރީއާއި މަހާއި އެއްނުވާ ގޮތަށް ބޭނުންކުރުން. މިސާލަކަށް ވިއްކަން ބަހައްޓާއިރު ވެސް އެކަތި އަނެކައްޗާ އެއްވެގެން ނުވާނެ މިގޮތަށް ބަހައްޓައިގެން ވިއްކުން މިއީ ވަރަށް މުހިންމުކަމެއް." ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ފިހާރައަށް ދިއުމުގެ ކުރިން ސީދާ ގަންނަން ބޭނުން ވަނީ ކޮން އެއްޗެއްކަން އެނގި ހުރެ އަވަހަށް އެތަކެތި ގަތުން ވަރަށް މުހިންމު ކަމަށެވެ. އޭގެ ސަބަބުން ކޮންޓެކްޓްވާ މީހުން މަދުވެ ބޭރުގައި ހޭދަކުރާ ވަގުތު ވެސް މަދުވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ފިހާރަތަކުގައި ކުކުޅު ފަދަ ތަކެތި ކޮށައި ހަދައި ބަންދުކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދާ އިރު އެތަކެތި ސާފުކުރެވޭނެ ގޮތެއްވެސް ނުހުންނަކަން ސާޖިދާ ފާހަގަކުރެއްވި އެވެ. އަިދ ކޮވިޑް-19 ފަދަ ބައްޔެއް ފެތުރިގެންދާ ދުވަސްވަރު އެފަދަ ކަންތައްތައް ކުރުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެންދާނެކަމެއް ކަމަށް ވިދާޅުވި އެވެ.
އެފަދަ މަސައްކަތްތަައް ކުރާއިރު އެފަދަ ތަކެތި ރަނގަޅަށް ދޮވެވޭނެ މުވައްޒަފުން އަތް ދޮވެވޭނެ އިންތިޒާމް ވެސް ހުންނަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މިރޭގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. މަރިޔަމް ޖެނީފާ ވިދާޅުވީ ފިހާރަތަކަށް ހިދުމަތް ހޯދަންދާ މީހުންގެ ސަލާމަތާއި ރައްކާތެރިކަަމަށް ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިންމު ކަމަށެވެެ. އެގޮތުން އާންމުކޮށް ކަސްޓަމަރުން އަތްލާ ދޮރުގެ "ހެންޑަލް" ފަދަ ތަންތަން އެހެންތަންތަން ސާފުކުރާވަރަށް ވުރެ ގިނައިން ދޮވުން މުހިންމުކަން އޭނާ ފާޙަގަކުރެއްވި އެވެ.
"މިސާލަކަށް ބިންމަތި ކަހަލަ ތަންތައް ބްލީޗް ސޮލިއުޝަނުން ސާފުކުރެވިދާނެ. ދެން ކައުންޓަރު ކީބޯޑް މިކަހަލަ އަތްލާ ތަންތަން ދޭތެރެ ދޭތެރެއިން ސާފުކުރީމަ ރައްކާތެރިކަން ބޮޑުވާނެ." ޖެނީފާ ވިދާޅުވި އެވެ.
އެޗްޕީއޭގެ ޑައިރެކްޓަރު އައިމިނަތު ޝައުފާ ވިދާޅުވީ ބޯކޮށާ ފަދަ ތަންތަނުގައި ވެސް އެފަދަ ތަންތަނަށް އެއް ފަހަރާ ވަންނަ މީހުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން އެޕޮއިންޓްމަންޓް ސިސްޓަމެއް ހަމަޖައްސައި ނޫނީ އެތަނަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ބަޔާންކުރެވިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ބޯކޮށުމަކީ ވަރަށް ގާތުން ދޭ ހިދުމަތަކަށް ވާތީ ބޯކޮށަށް އަންނަ މީހާ މަސްކު އަޅުވަން ވެސް އަންގަން ޖެހޭނެކަމަށާއި އަދި ބޯކޮށަން ގެންގުޅެން ޖެހޭ ތަކެތި ވެސް ވަރަށް ރަނގަޅަށް ސާފުކުރެވެން ޖެހޭނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ފަރާތަކަށް ހިދުމަތް ދިނުމުގެ ކުރިން އަނެއް ފަރާތަކަށް ހިދުމަތް ދިން ގޮނޑިއާއި ނޫނީ ބޯކޮށަން ބޭނުންކުރި ތަކެއްޗާއި ދެން ހަމަ ބިން މައްޗާ ތަންތައް ސާފުކުރުމަށްފަހުގައި ނޫނީ އެހެން މީހަކަށް ހިދުމަތް ދީގެން ނުވާނެ." ޝައުފާ ވިދާޅުވި އެވެ.