މަހުން މަހަށް ޑެންގީ ޖެހޭ މިންވަރު އިތުރު: މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ ކޭސް

އީޑީސް މަދިރި: ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެއް --

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު 2،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 373 ކޭސްއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު 679 ކޭސް، ފެބްރުއަރީ މަހު 428 ކޭސް، މާޗު މަހު 601 ކޭސް އަދި އޭޕްރީލް މަހު 635 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ހިނގާ މެއި މަހުގެ މިހާތަނަށް 116 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. ފާއިތުވި 10 ދުވަހުގެ ތެރޭގައި އެކަނިވެސް 107 ކޭސް ރިޕޯޓުކޮށްފައި ވާއިރު، މީގެ ތެރެއިން 57.94 ޕަސެންޓަކީ ހދ. ކުޅުދުއްފުށިން ރިޕޯޓުކޮށްފައިވާ ކޭސްތަކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް --

ފާއިތުވި ދެ ހަފްތާގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ ހދ. ކުޅުދުއްފުށިންނެވެ. އެ ރަށުން 62 ކޭސް ރިޕޯޓުކޮށްފައިވާއިރު، ށ. މިލަންދޫން 17 ކޭސް އަދި ގދ. ތިނަދޫން 16 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު ހުސެއިން ވިދާޅުވި ގޮތުގައި، އޭޕްރީލް 21 އިން ފެށިގެން މިހާތަނަށް 147 މީހަކު ޑެންގީއަށް ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެ ތެރޭގައި ގިނައީ އެ ރަށު މީހުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުޅުދުއްފުށީ ކައުންސިލުން އިސްވެ ވަނީ ޑެންގީ ޓާސްކް ފޯހެއް އެކުލަވާލާފައެވެ.

"މި ޓާސްކް ފޯހުން ވަނީ ރަށުގެ އެކި ތަންތަން ސާފުކޮށްފައި. އަދި ކުރިއަށް އޮތް ހޮނިހިރު ދުވަހު ގޭގެއަށް ޒިޔާރާތްކޮށް، ފެން ހެދިފައި ހުންނަ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަން ވަނީ ރާވާފައި،" މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް --

ފާއިތުވި 10 ދުވަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހދ. އަތޮޅު (83 ކޭސް)، ގދ. އަތޮޅު (35 ކޭސް)، އަދި ކ. އަތޮޅު (29 ކޭސް) ހިމެނެއެވެ.

މާލޭ ސަރަހައްދުން މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 22 ކޭސްއެވެ. ރަށްތަކަށް ބަލާއިރު ކުޅުދުއްފުށީގެ އިތުރުން މާލެ، މާމިގިލި، ފިނޭ، އަދި މަޑުއްވަރީގައިވެސް ބަލި ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ފެތުރޭ ބަލިތަކުގެ ލިސްޓުގައި ޑެންގޫ ހިމެނެއެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި އިތުރުވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކޮށްފައިވާ މި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

އީޑީސް މަދިރީގެ ސަބަބުން ޖެހޭ ޑެންގޫ ހުމަކީ ދާދި އަވަހަށް ސީރިއަސްވެ، ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސް ވެއެވެ.

ޑެންގޫ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، ބަލި ފަތުރަމުން ދެއެވެ.

comment ކޮމެންޓް