އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ: އެފްބީއައި ޑިރެކްޓަރު

އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓަފާ ރޭ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 8): އެމެރިކާގެ މުސްތަގުބަލަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު ކްރިސްޓަފާ ރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތުތަކާ ބެހޭ ދިރާސާތައް ހަދާ އެމެރިކާގެ މިނިވަން ޖަމްއިއްޔާއެއް ކަމަށްވާ ހަޑްސަން އިންސްޓިޓިއުޓްގެ މެމްބަރުންނާ އިއްޔެ ވާހަކަ ދައްކަވަމުން ރޭ ވިދާޅުވި ގޮތުގައި އެމެރިކާއަށް ދިގު މުއްދަތަކަށް ދެމިއޮންނަ ފަދަ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ޗައިނާގެ ފަރާތުންނެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މައުލޫމާތާއި ފިކުރީ މުދަލަށް އަދި އިގުތިސާދީ ވަރުގަދަ ކަމަށް އޮތް އެންމެ ބޮޑު، ދިގު މުއްދަތަކަށް ދެމި އޮންނަ ފަދަ ނުރައްކަލަކީ ޗައިނާގެ ކައުންޓާ އިންޓެލިޖެންސް އަދި އިގުތިސާދީ ޖާސޫސު ކުރުމުގެ ނުރައްކާ،" ރޭ ވިދާޅުވި އެވެ.

ގާތްގަނޑަކަށް އެއް ގަޑި އިރަށް ދެމިގެންދިޔަ ތަގުރީރުގައި ރޭ ވިދާޅުވި ގޮތުގައި ޗައިނާއިން ދަނީ އެމެރިކާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތައް ހިންގާ، ރިޝްވަތު ދީ، ބްލެކްމެއިލް ކުރަމުންނެވެ. އަދި އެފްބީއައި އިން މިހާރު ބަލަމުންދާ 5،000 ކައުންޓާއިންޓެލިޖެންސް ކޭސްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވަރަކަށް ކޭސްތައް ގުޅިފައި ވަނީ ޗައިނާއާ އެވެ.

ރޭ ވިދާޅުވި ގޮތުގައި ޗައިނާގެ މަގުސަދަކީ ކޮންމެ ގޮތަކުން ވިޔަސް ދުނިޔޭގެ ހަމައެކަނި "ސުޕަޕަވާ"އަށް ވުމެވެ.

މީގެ އިތުރުން ރޭ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިސްވެ ހުންނަވާ "ފޮކްސް ހަންޓް" ކިޔާ ޕްރޮގްރާމަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ޗައިނާއިން ދަނީ އެގައުމުގެ ސިޔާސީ އަދި އިންސާނީ ހައްގުތަކާ ބެހޭ ސިޔާސަތުތަކަށް ފާޑު ކިޔާ، ޗައިނާއިން ބޭރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން ރޭ ވަނީ އެމެރިކާގައި އުޅޭ ޗައިނާގެ މީހަކު އަނބުރާ ގައުމަށް ގެންދަން މަސައްކަތް ކުރާ ނަމަ އެމީހުން އެކަން އެފްބީއައިއަށް އެންގުމަށް އެދިލައްވާފަ އެވެ.

comment ކޮމެންޓް