ފަހަތުން އަރައި ހަތަރު ގޯލު ޖަހައި މިލާނުން ޔުވެންޓަސް ލަދުގަންނަވާލައިފި

ރޭ އޭސީ މިލާން އާއި ޔުވެންޓަސް ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ލައިވްސްކޯ

ފަހަތުން އަރައި ވާދަވެރި ޔުވެންޓަސް ކޮޅަށް ހަތަރު ގޯލު ޖަހައި އޭސީ މިލާނުން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މިލާނުގެ ސަންސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން އެއްވަނައިގައި އޮތް ޔުވެންޓަސްގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު މިލާން ވަނީ 31 މެޗުން 49 ޕޮއިންޓް ހޯދައި ތާވަލުގެ ފަސް ވަނަ އަށް އަރައިފަ އެވެ.

އަނެއް ކޮޅުން މެޗުން ބަލިވި ޔުވެންޓަސްއަށް ދެ ވަނައިގައި އޮތް ލާޒިއޯ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ލެއްޗޭ އަތުން 2-1 އިން ބަލިވެފައިވާތީވެ ރޭގެ މެޗުން މޮޅުވެ ލީގު ގައިގަނޑަކަށް ޔަގީން ކުރުމުގެ ފުރުސަތު އޮތީ ތަނަވަސް ވެފަ އެވެ. އެކަމަކު މެޗުން ލިބުނު ބައްޔާ އެކު ޔުވެންޓަސް މިހާރު އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއްގަ އެވެ. އެ ޓީމަށް 31 މެޗުން 75 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ރޭ އޭސީ މިލާން އާއި ޔުވެންޓަސް ބައްދަލުކުރި މެޗްގެ ތެރެއިން--- ފޮޓޯ/ލައިވްސްކޯ

ޔުވެންޓަސްއިން ފުރުސަތު ނަގާލި އެ މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަމަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ރޭގެ މެޗްގެ ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ރަބިއޮޓް އެވެ. އޭގެ ހަ މިނެޓް ފަހުން އަނެއްކާވެސް ޔުވަންޓަސް އިން ވަނީ ލަނޑެއް ކާމިޔާބު ކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ އެވެ.

އެކަމަކު މިލާނުން ވަނީ ހަ މިނެޓު ތެރޭ ތިން ގޯލް ޖަހައި ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޒަލަޓާން އިބްރަހިމޮވިޗެވެ. އޭގެ ތިން މިނަޓު ފަހުން މިލާނަށް އެއްވަރުކޮށްދިނީ 66 ވަނަ މިނެޓުގައި އައިވަރީ ކޯސްޓް މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ. އަދި އޭގެ މިނެޓެއް ފަހުން ޕޯޗުގީސް ޒުވާން ފޯވާޑް ރަފައެލް ލީއޯ އެ ޓީމަށް ލީޑު ނަގައިދިނެވެ. ފަހު ގޯލް 80 ވަނަ މިނެޓުގައި ޖެހީ އަންޓެ ރެބިޗެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗު މޯރީޒިއޯ ސަރީ ބުނީ މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނީ ޔުވެންޓަސް ކަމަށާއި އެކަމަކު މެޗުގެ 60 އަށް ފަހު ކުއްލިޔަކަށް ޓީމު އެއްކޮށް ހުއްޓުން އެރީ ކަމަށެވެ.

"މެޗުގެ ފަހު 15 މިނަޓުގައި މުޅި ޓީމު އޮތީ އެއްކޮށް ހުއްޓުމަކަށް އައިސްފައި. އެކަމަކު މި މެޗުގެ ވާހަކަ ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތް. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އިތުރު މެޗެއް އެބައޮތް." ސަރީ ބުންޏެވެ.

comment ކޮމެންޓް