ރައްޔިތުން ލޯބިވާ ފުލުހުން ތިބޭތަން ދައްކައިދޭނަން: ރައީސް ނަޝީދު

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ ރަށްތަކުުގައި ދިވެހި ރައްޔިތުން ލޯބިވާ ފުލުހުންތަކެއް ތިބޭތަން ދައްކައިދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެެޅި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ ވަނީ 241 ކޮމިޓީ އަށް ފޮނުވާފައެވެ. އެ ބިލުން، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މުހިންމު ކަންތައްތަކެއް ހާސިލު ކުރާނެ ކަމަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ވިދާޅުވެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ ވައުދާ ގުޅިގެން އެމަނިކާނު ވިދާޅުވީ، އެ މަސައްކަތަކީ ފުލުހުންނާ މޫނު ކެނޑުމެއް ނޫން ކަމަށެވެ.

އަދި އެއީ އެމްޑީޕީ އުފެދުނީއްސުރެ ދައްކަމުން އައި ވާހަކައެއް ކަމަށް ވިދާޅުވެ، އެކަން ހަގީގަތަކަށް ހެދުމަށް ރާއްޖޭގެ ރައްޔިތުން ވޯޓުދީ އެމްޑީޕީއަށް މަޖިލީހުގައި މެޖޯރިޓީ ދީފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނާ ފުލުހުންނާ މޫނު ކެނޑޭ ގޮތް ވުުމެއް ނޫން. އަޅުގަނޑުމެންގެ މުޅި ހަޔާތުގައި މުޅި އުފެދުމުގައި ދައްކަމުން އައި ވާހަކައެއް ހަގީގަތަކަށް ހެދުމަށް ރާއްޖޭގެ ރައްޔިތުން މިވަނީ އަޅުގަނޑުމެންނަށް ވޯޓުދީ ރައްޔިތުންގެ މަޖިލީހުގެވެސް ބޮޑު އަޣުލަބިއްޔަތެއް ދީފަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް، ދިވެހި ރައްޔިތުން ލޯބިވާ ފުލުހުންތަކެއް އުޅޭތަން ދައްކުވައިދެއްވާނެ ކަމަށެވެ.

"ބުއްދިވެރިކަމާއި، ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ފުލުހުންގެ މުއައްސަސާ އަޅުގަނޑުމެން އިސްލާހުކޮށްދޭނަން. ދިވެހީން ބިރުގަންނަ ފުލުހުންނެއް ނޫން ލޯބިވާ ފުލުހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖޭގެ ރަށްތަކުުގެ ތެރޭގައި އުޅޭތަން ތިޔަ ބޭފުޅުންނަށް ދައްކައިދޭނަަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެކަމާ ގުޅިގެން ބައެއް އާންމުންނާއި އިދިކޮޅުގެ ފާޑުކިޔުންވެސް އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް