ޗައިނާގެ މީހަކަށް ބިއުބޯނިކް ޕްލޭގް ޖެހިއްޖެ

ބިއުބޯނިކް ޕްލޭގް ޖެހިފައިވާ މީހެއްގެ ލިމްފް ނޯޑްއަކުން ނަގާފައިވާ ސާމްޕަލެއް މައިކްރޮސްކޯޕުން ފެންނަ ގޮތް -- ފޮޓޯ: ގެޓީ

ބެއިޖިން (ޖުލައި 7): ޗައިނާގެ އިނާ މޮންގޯލިއާގެ މީހަކަށް ބިއުބޯނިކް ޕްލޭގް ޖެހިއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްގައިވާ ގޮތުން ތާއޫން ބަލީގެ ވައްތަރެއް ކަމަށްވާ ބިއުބޯނިކް ޕްލޭގް ޖެހިފައި ވަނީ އިނާ މޮންގޯލިއާގެ ބަޔަންނުރު ސިޓީގެ ދަނޑުވެރިއަކަށެވެ. އަދި އެމީހާ އެ ސިޓީގެ ހޮސްޕިޓަލެއްގައި އެކަހެރިކޮށް، ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް އެނޫހުގައިވެ އެވެ.

ޗައިނާގެ ސެންޓާ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން ވަނީ ބަލި ފެނުނު ސިޓީގައި ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މި އަހަރު ނިމެންދެން ތިން ވަނަ ލެވެލްގެ އެލާޓެއް ނެރެފަ އެވެ. އެ އެލާޓުގެ ދަށުން އެ ސަރަހައްދުގައި ބަލި ފެތުރުމަށް މަގުފަހިކުރާ ޖަނަވާރު މެރުމާއި ކެއުން މަނާވެ، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ރިޕޯޓު ކުރަން ޖެހޭނެ އެވެ.

ބިއުބޯނިކް ޕްލޭގް އާއްމު ގޮތެއްގައި މީހުންނަށް ޖެހެނީ ބަލި ފަތުރާ ބެކްޓީރިއާ ހުންނަ ސެއްޅިއެއް ދަތް އެޅުމުންނެވެ. އެ ސެއްޅީގެ ސަބަބުން މީދަލާއި މުސަޅު ފަދަ ބައެއް ޖަނަވާރަށް ވެސް ބަލި ޖެހެ އެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލިމްފް ނޯޑްތައް ދުޅަވުމާއި ހުން އައުމާއި ހީކެރުވުމާއި ބޮލުގައި ރިއްސުމާއި ވަރުބަލިވުން ހިމެނެ އެވެ.

ސާދަ ވަނަ ގަރުނުގައި ބިއުބޯނިކް ޕްލޭގް އެފްރިކާ އޭޝިއާ އަދު ޔޫރަޕަށް ފެތުރި، 50 މިލިއަން ވަރަކަށް މީހުން މަރުވި އެވެ. އޭގެ ފަހުން ވެސް އެ ބަލި އެކި ފަހަރު މަތިން ފެތުރިފައިވެ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ލަފާ ކުރާ ގޮތުގައި ކޮންމެ އަހަރަކު ވެސް 1،000 އާއި 2،000 ދެމެދުގެ އަދަދެއްގެ މީހުންނަށް އެ ބަލި ޖެހެ އެވެ.

ނަމަވެސް މިހާރު އެންޓިބަޔޮޓިކްސް ދީގެން އެ ބައްޔަށް ފަރުވާ ކުރެވެ އެވެ. އެހެންކަމުން ކޮވިޑް-19 ގޮތަށް އެ ބަލި ފެތުރި، ދުނިޔޭގައި އޮތް ބަލިމަޑުކަމަކަށް ވުމުގެ ފުރުސަތު ކުޑަ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ.

އެގޮތުން އެމެރިކާގެ ސްޓެންފޯޑް ހެލްތު ކެޔާގެ އިންފެކްޝަސް ޑިޒީސް ޑޮކްޓަރެއް ކަމަށްވާ ޝާންތީ ކަޕަގޮޑާ ވިދާޅުވި ގޮތުގައި 14 ވަނަ ގަރުނާ ހިލާފަށް މިހާރު ސައިންސުވެރިންނަށް ބިއުބޯނިކް ޕްލޭގް ފެތުރޭ ގޮތް އެނގެ އެވެ. އަދި ބަލި ފެތުރުުން ހުއްޓުވާ، ބަލި ޖެހިފައިވާ މީހުންނަށް އެންޓިބަޔޮޓިކްސް ދީގެން ފަރުވާ ކުރެވެ އެވެ.

comment ކޮމެންޓް