ދެހާސް ހަތްވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސަލްޓަންޕާކު ތެރޭގައި އިންޕްރޮވައިޒްޑް ޑިވައިސް އެއް ގޮއްވާލި މައްސަލައަށް ފަހު ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް ދޫކޮށްލި މީހަކު، އެހެން ކުށެއްގައި ޖަލަށް ލާން އިއްޔެ ހުކުމް ކޮށްފި އެވެ.
ލ. ގަމު މެޖިސްޓްރޭޓު ކޯޓުން އިއްޔެ ޖަލު ހުކުމެއް އިއްވާފައި ވަނީ، ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައަށްފަހު ފިލި ލ. ގަން ތުނޑި ލަވްސައިޑް އަބްދުއްލަތީފް އިބްރާޙީމް (37) އެވެ.
އޭނާގެ މައްޗަށް އިއްޔެ ސާބިތުވެފައި ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާއެކެވެ. އެ ކުށް ސާބިތުވެ އޭނާ އެއް އަހަރާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ގަމު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މާފުށީ ޖަލުގައި ތިބި ގައިދީންތަކެއް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ލިބިގެން އެ ޖަލު ރެއިޑްކޮށް ބައެއް ތަކެތި ހޯދާފައިވާ ކަމަށް އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އަބްދުއްލަތީފްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލީ، އެކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގައުމުގައި ހިންގި އޮޕަރޭޝަނެއްގައި އޭނާގެ ފޯނު ދޭން އިންކާރުކޮށް ފޯނު ހަލާކު ކޮށްލުމުން ކަން އެނގިފައިވެ އެވެ.
ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ވަނީ ޒަޚަމް ވެފައެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ.
ސަލްޓަން ޕާކު މައްސަލައިގައި އަބްދުއްލަތީފް ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ.
އެ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކުރީ 2012 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު ޕާކިސްތާނުން ދިވެހިރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ.