ސައޫދީ 20 މަސްއޫލުވެރިއަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޑޮމިނިކްް ރާބް

ލަންޑަން (ޖުލައި 7) : ސައޫދީ މަޝްހޫރު ލިޔުންތެރިޔާ ޖަމާލް ޚާޝުގްޖީ އަވަހާރަކޮށްލުމުގައި ބައިވެރިވި ސައޫދީ 20 މަސްއޫލުވެރިއަކާ ދެކޮޅަށް އިނގިރޭސިވިލާތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

މިކަން ހާމަކުރައްވައި ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން އިނގިރޭސި ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވިދާޅުވީ މިއީ ވަކި ގައުމަކަށް ނުބަލައި މީހުން މެރުމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި ބައިވެރިވާ ފަރާތްތަކަށް އިނގިރޭސިވިލާތުން ދޭ މެސެޖެއް ކަމުގައެވެ.

ސައޫދީ 20 މަސްއޫލުވެރިން ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ 49 މީހެއްގެ މައްޗަށް އިނގިރޭސިވިލާތުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތަށް ވަނުން މަނާކޮށް އެމީހުންނަށް ވިސާ ނުދިނުމާއި އިނގިރޭސިވިލާތުގައިވާ އެމީހުންގެ އެސެޓްތައް ފްރީޒް ކުރުމާއި އިނގިރޭސިވިލާތުގެ ތަންތަން ގަނެ މިލްކުކުރުން މަނާކުރުމާއި އިނގިރޭސި އިގްތިސާދީ އަދި މާލީ ނިޒާމާ މުއާމަލާތް ކުރުމުގެ ފުރުސަތުން އެމީހުން މަހުރޫމް ކުރުމެވެ.

ސައޫދީ 20 މަސްއޫލުވެރިންގެ އިތުރުން މިފިޔަވަޅުތަކުގައި ޝާމިލް ވަނީ ރަޝިއާ، އުތުރުކޮރެއާ އަދި މިޔަންމާގެ ބައެއް މަސްއޫލުވެރިންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ފަލަސްތީނުގެ އާންމުން މެރުމުގެ ޖަރީމާ ހިންގާފައިވާ އިސްރާއީލުގެ މަސްއޫލުވެރިން ހިމެނިފައި ނުވާތީއާއި ޚުދު އިނގިރޭސިވިލާތަކީވެސް އިރާގާއި އަފްޣާނިސްތާނުގައި އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމަކަށްވާތީ އިނގިރޭސިވިލާތަށްވަނީ މިކަމުގެ މަލާމާތް ރައްދުވެފަ އެވެ.

އިނގިރޭސިވިލާތަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމަށް ސައޫދީ އާއި މިސްރު އިސްރާއީލު ފަދަ އެތަށް ގައުމުތަކުން ހިންގާފައިވާ އެތައް ޖަރީމާތަކަކަށް ޒަމާނުއްސުރެ އެހީތެރިވާ ގައުމަކަށްވާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ އިނގިރޭސި ސަރުކާރުގެ މިފިޔަވަޅުތަކަކީ ދެފުށްދެގޮތް މުނާފިގު ފިޔަވަޅުތަކެއް ކަމަށް ސިފަކޮށްފަ އެވެ. ޔަމަންގެ ހަނގުރާމައިގާ ސައޫދީ ސިފައިން ޔަމަންގެ އާންމުންނަށް ހަމަލާދީ އާންމުންގެ އެތަށް ބަޔަކު މަރަމުންގެންދާއިރު އިނގިރޭސިވިލާތުން އެކަމާ އަޅާނުލައި ސައޫދީއަށް ހަތިޔާރު ވިއްކަމުން ގެންދާކަން އެފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

ސައޫދީ މަސްއޫލުވެރިންގެ ތެރެއިންވެސް ފިޔަވަޅުއަޅާފައި ވަނީ ހަމައެކަނި ޚާޝުގްޖީ އަވަހާރަކޮށްލުމުގައި ބައިވެރިވި މަސްއޫލުވެރިންނާ ދެކޮޅަށެވެ. އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނައިރު އިނގިރޭސިވިލާތަކީ ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަސްކަރީ ގޮތުންނާއި އެނޫން ގޮތްގޮތުން އިސްރާއީލަށް ވާގިވެރިވާ މައިގަނޑު ގައުމެކެވެ.

އިނގިރޭސިވިލާތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވާ ފަރާތްތަކުގެ ތެރޭގައި 2009 ވަނަ އަހަރު ރަޝިއާގެ އެޖެންޓެއްކަމަށްވާ ސަރްގެއި މެގްނިޓްސްކީ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންވެސް ހިމެނެ އެވެ. މި 49 މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އިނގިރޭސިވިލާތަކީ އިންސާނުންނަށް އޯގާތެރި އަދި ހެޔޮވެރިކަމެއްކުރާ ގައުމެއްކަން ދެއްކުމުގެ ގޮތުންކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވުމުން އެކަންވެސްވަނީ ޖޯކަކަށްވެފައެވެ.

ސަބަބަކީ ޚުދު އިނގިރޭސިވިލާތަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގުހަދައިގެން އެމެރިކާއާ ގުޅިގެން ބައިނަލްއަގްވާމީ އުސޫލުތައް މުގުރާލުމަށްފަހު އިރާގަށް އަރައި އިރާގު އިސްތިއްމާރުކޮށް ކުށެއްނެތް އެތަށް ލައްކަ ބަޔަކު މެރުމުގައި ޝާމިލްވެފައިވާ ގައުމަކަށްވާތީއާއި އިރާގުގައި ހަނގުރާމައިގެ ޖަރީމާ ހިންގި އިނގިރޭސި ސިފައިންނާ ދެކޮޅަށް ފިޔަވަޅު ނާޅައި އެކަން އިނގިރޭސި ސަރުކާރުން އޮއްބާލާފައިވާތީ އެވެ.

އެހެންކަމުން އިނގިރޭސީންގެ މިފިޔަވަޅަކީ ކަންދެއްކުމުގެ އަމަލެއްކަމަށް ޚުދު އިނގިރޭސިވިލާތުގެ މުސްތަގިއްލު ބައެއް ގާނޫނީ ވަކީލުން ވަނީސިފަކޮށްފަ އެވެ. ރަޝިއާގެ ރަސްމީ މީޑިއާއިން ވަނީ އިނގިރޭސިވިލާތަކީ އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އެއިން ވިޔަފާރިކުރާ ދެފުށްދެގޮތް ގައުމެއްކަމަށް ސިފަކޮށްފައެވެ.

އަދި ލަންޑަންގައި ހުންނަ ރަޝިޔާގެ އެމްބަސީން ވަނީ އިނގިރޭސިވިލާތުން ރަޝިޔާއާ ދެކޮޅަށް އެޅީ އުދުވާނީ ފިޔަވަޅުތަކެއް ކަމަށާ އެ ފިޔަވަޅުތަކަށް ބަދަލު ހިފުމުގެ ގޮތުން އިނގިރޭސި ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް