ނޭކުރެންދޫ ކަނޑޫފާ މަރުވުމުގެ ކަންބޮޑުވުން މަޖިލީހަށް، ކަނޑުލާއެކު

ނޭކުރެންދޫ ކަނޑޫފާ މަރުވުމުގެ ކަންބޮޑުވުން މަޖިލީހުގެ ސަމާލުކަމަށް ގެނައުން --

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވަމުން އަންނާތީ، އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކަނޑޫ ޕެކެޓުތަކަކާއި، ކަނޑޫފަލަށް އަންނަ ބަދަލު ފެންނަ ފޮޓޯ ހިއްސާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ކުރިއަށް ދަނީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ގދ. ތިނަދޫއަށް އުދައަރާތީ ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސެވެ.

އެ މައްސަލައަށް ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވީ އުދަ އެރުމުގެ މައްސަލައަކީ ކަންބޮޑުވާ އަދި އަވަސް ހައްލުތަކެއް ލިބެންޖެހޭ މައްސަލައެއް ކަމަށާއި މައްސަލައަށް ތާއީދުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން މެމްބަރުގެ ދާއިރާގައި ހިމެނޭ ނޭކުރެންދޫގެ ކަނޑޫފާ މަރުވަމުން އަންނާތީ އެކަން ވެސް މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ނޭކުރެންދޫގެ އިތުރުން ހއ. ކެލާގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގުޅިގެން ވަނީ ދިރާސާއެއް ހަދަން ފަށައިފަ އެވެ.

މި އަހަރުގެ ކުރީކޮޅުން ފަށައިގެން ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދުތަކެއްގެ ގަސްތައް ހިކި، ފަތް ފައިބައި މަރުވަމުންދާ ކަމަށް އެ ދެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އެ ދެ ކަނޑޫފަލަކީ ވެސް ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ ދެ ކަނޑޫފަލެވެ.

މެމްބަރު ރާއީ މިއަދު ވިދާޅުވީ ނޭކުރެންދޫ ކަނޑޫފަލުން މިހާތަނަށް 10،000 ކަނޑޫ ގަސް މަރުވެފައިިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ކަނޑޫފަލަށް ލިބެމުން އަންނަ ގެއްލުން ފެންނަ ފޮޓޯ ހިއްސާކުރައްވަނީ --

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު ރާއީ ވަނީ، މީގެކުރިން ކަނޑާފައިވާ ކަނޑުލާއި، ގަސްތައް މަރުުވާން ފެށި ފަހުން މިހާރު އެ ފަލުން ލިބޭ ކަނޑުލަށް އައިސްފައިވާ ބަދަލު ދައްކައިދިނުމަށް، މަޖިލިސް ރައީސް އަށް ކަނޑޫ ޕެކެޓުތަކެއް ވެސް ހަދިިޔާކުރައްވައިފައެވެ.

އަދި ކަނޑޫފަލަށް އަންނަމުންދާ ބަދަލު ދައްކުވައިދޭ ފޮޓޯވެސް މަޖިލީހުގެ ތަޅުމުގައި ވަނީ ހިއްސާކުރައްވައިިފައެވެ.

"އިއްޒަތްތެރި ރައީސަށް އަޅުގަނޑު ހަދިިޔާއަކަށް އަރުވަން ބޭނުންއެރަށުން ހަމަ އިއްޔެ ގެނައި ކަނޑޫ މިހުރީ. މީއްޗިއްސަށް އައިސްފައި ހުރި ބަދަލު ބައްލަވައިދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ އެދުމެއް. އަދި އެރަށުގެ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެދުމެއް،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ރައީ ވިދާޅުވީ އެ މައްސަލައިގައި މިއަދު އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި ތިމާވެށީގެ މާހިރުންގެ ޓީމެއް ކަނޑޫފަލުގެ މައްސަލަ ދިރާސާކުރަން އެރަށަށް ވަޑައިގެން ނަމަވެސް، މައްސަލައަށް ހައްލު ނުލިބި، ލިޔެލާ ސުރުހީއަކަށް ވެގެންދާން ބޭނުންނުވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނޭދެން މި ކަންޑޫފާ ހަލާކުވެގެން ދާކަށް. އަދި ރައްޔިތުންނަށް މިތަނުން ލިބެންޖެހޭ މަންފާ ނުލިބުން. އޭގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މި ކަނޑޫފަލަކީ ކޮންމެ ފަހަރަކު ވެސް ވެރިކަމާ ވޯޓާ ގުޅިފައި އޮންނަ ކަނޑޫފަލެއް. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މި ކަނޑޫފަލަށް ހިމާޔަތް ދިނުން. އެހެން ނޫންނަމަ މިއީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ތަރިކައެއް. އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް،" މެމްބަރު ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މަޖިލީހުގެ ތިމާވެށި ކޮމެޓީގެ މުގައްރިރަށް ވެސް ފޮޓޯ އާއި ކަނޑޫ މިއަދު ހަވާލުކޮށްދެއްވާނެ ކަމަށެވެ. އަދި ކޮމެޓީން ވެސް ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބައްލަވައިދެއްވައި ހައްލު ހޯދައިދިނުމަށް، ދާއިރާގެ ރައްޔިތުންގެ ނަމުގައި މެމްބަރު އެދިވަޑައިގަތެވެ.

މެމްބަރުގެ ވާހަކައަށް ފަހު މަޖިލިސް ރައީސް ވަނީ ކަނޑޫ ޕެކެޓުތައް މަޖިލީހުގެ އަމީންއާންމަށް ހަވާލުކޮށްދެއްވަން އެދިވަޑައިގެންފަ އެވެ.

ކަނޑުލަށް އައިސްފައިވާ ބަދަލު

"މިއީ ނަމޫނާގެ ގޮތުގައި ފަލަށް ވެފައި ހުރި ގޮތް ބަޔާންކޮށްދިނުމަށް މެމްބަރު އަޅުގަނޑުމެންނެއް ދޭ އެގްޒިބިޓްސް. އެއްވެސް ހާލެއްގައި އެއީ ވަކި ކަމެއް ވަކި ގޮތަކަށް ނިންމަން ދޭ ހަދިޔާއެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވެސް ވަނީ ނޭކުރެންދޫ ކަނޑޫފަލަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ ބޮޑު މެންގްރޯވް ފޮރެސްޓު ކަމަށާއި، ކަނޑުފާ މަރުވާ ސަބަބު އަވަހަށް ސާފުވެ ހައްލެއް ލިބެންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.

ނޭކުރެންދޫ ކަނޑޫފާ މަރުވާ ސަބަބު ހޯދަން ދިރާސާއެއް ކުރަމުން އަންނަ އިރު، އެ ކަނޑޫފަލުން ވަނީ ފަންޏެއް ފެނިފަ އެވެ. އެއީ އެ ކަނޑޫފާ މަރުވާ ސަބަބެއް ކަމުގައި ބައެއް މީހުން ދެކެއެވެ. ނަމަވެސް، މީގެ ކުރިން އެ ކަނޑޫފާ ދިރާސާކޮށްފައިވާ ބްލޫޕީސްގެ މާހިރަކު "ސަން"އަށް ވިދާޅުވީ، އެ ކަނޑޫފާ މަރުވަނީ ހަޅައިގެ ސަބަބުން ކަނޑޫފަލަށް ލޮނު އެޅި މާ ބޮޑަށް ލޮނުގަދަވުމުގެ ސަބަބުން ކަމަށް އެކަށީގެންވާ ކަމަށެވެ.

https://sun.mv/139084

comment ކޮމެންޓް