ނޭކުރެންދޫގެ ބިޔަ ކަނޑޫފާ މަރުވާ ސަބަބު ހޯދަން ދިރާސާއެއް ފަށައިފި

ނޭކުރެންދޫ ކަނޑޫފަލުން ސަރަހައްދެއްގެ ގަސްތައް މަރުވެފައި: މި ކަނޑޫފަލުން ބޮޑު ސަރަހައްދެއް މަރުވާތީ އެކަން ދިމާވާ ސަބަބު ހޯދަން ދިރާސާއެއް ކުރަން ވަނީ ފަށައިފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ބައެއް މަރުވާތީ އެކަން ދިމާވާ ސަބަބު ހޯދުމަށް ދިރާސާއެއް ފަށައިފި އެވެ.

މި އަހަރުގެ މާޗް މަހުގެ ކުރީކޮޅުން ފަށައިގެން ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދުތަކެއްގެ ގަސްތައް ހިކި، ފަތް ފައިބައި މަރުވަމުން އެބަދެއެވެ. ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ އެ ކަނޑޫފާ މަރުވަމުންދާތީ އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ނޭކުރެންދޫ ކައުންސިލާއި، ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.

ނޭކުރެންދޫ ކައުންސިލުން ވަނީ ރަށު ރައްޔިތުންނާއެކު މި ދިރާސާއާ ބެހޭ އާންމު ބައްދަލުވުމެއްވެސް ބާއްވާފައެވެ.

ނޭކުރެންދޫ ކަނޑޫފާ މަރުވާ ސަބަބު ހޯދަން ހަދާ ދިރާސާގެ މަސައްކަތުގައި ރަށުގެ ރައްޔިތުން ހަރަކާތްތެރިިވަނީ -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ސޭވް މޯލްޑިވްްސް ހަރަކާތުގެ ފަރާތުން އާދަމް އިޝާމް ވިދާޅުވީ، ރަށުގެ ހުރިހާ އުމުރުފުރާއެއްގެ އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްގެން މިއަދު ދިރާސާގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ކުރަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ކަނޑޫފާ ސަރަހައްދަށް ގޮސް ސާމްޕަލްސް ނަގައި، ވީޑިއޯކޮށް ޑޮކިއުމެންޓްކޮށް، ޑްރޯން އަރުވައިގެން އެތަން ބަލައި ރިސާޗްކުރި،" އިޝާމް ވިދާޅުވިއެވެ.

"މިކަން މި ކުރާ މައިގަނޑު ސަބަބަކީ މި ކަނޑޫފާ މަރުވަމުންދާތީ އެ ސަބަަބު ދެނެގަތުމަށާއި ރައްޔިތުން އެއްކޮށް އެންމެންވެގެން އެތަން ހިމާޔަތްކުރަން ކުރެވެން ހުރި ކަންތައްތައް ކުރަން،"

ނޭކުރެންދޫ ކަނޑޫފަލުން ސަރަހައްދެއްގެ ގަސްތައް މަރުވެފައި: މި ކަނޑޫފަލުން ބޮޑު ސަރަހައްދެއް މަރުވާތީ އެކަން ދިމާވާ ސަބަބު ހޯދަން ދިރާސާއެއް ކުރަން ވަނީ ފަށައިފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

އިޝާމް ވިދާޅުވީ، މި ދިރާސާގެ ނަތީޖާއަށް ބަލައި ކަނޑޫފާ މަރުވަމުންދާ ސަބަބާއި ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި ރިޕޯޓުގެ މައްޗަށް ބިނާވެ، ކަނޑޫފާ ސަލާމަތް ކުރުމަށާއި، ކަނޑޫފަލުން މަރުވި ސަރަހައްދު އަލުން އިއާދަކޮށް، އެތަން ހިމާޔަތް ކުރަން ކުރެވޭނެ ކަންތައްތައް ކުރަން ބާރު އަޅުއްވާނެ ކަމަށެވެ.

މި ދިރާސާގެ ފަންނީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ސޭވް މޯލްޑިވްސްގެ ޝަރަފް ތޯހާ ވިދާޅުވީ، ކުރިއަށްގެންދަން ނިންމާފައިވާ މި ދިރާސާގައި ބަލާނީ ކުރީގައި އައިސްފައި ނެތް ބަދަލެއް މިހާރު ކަނޑޫފަލުގެ ފެނާއި ދިރުންތަކަށް އައިސްފައިވޭތޯ ކަމަށެވެ.

"އެތަނުގެ ގަސްތަކާއި، އެތަނުން ފެންނަ ސްޕީޝީސްތަކާއި، ގަސްތަކަށް އައިސްފައި ހުރި ބަދަލުތަކާއި، އޭގެ ފަތްތަކަށް އައިސްފައި ހުރި ބަދަލުތަކާއި، ފެންގަނޑުގައި އުޅޭ އޯގަނިޒަމްސްތައް، ފަނިތަކާއި ކަކުނިއާއި މި ހުުރިހާ އެއްޗެއް ގިނަވަފައިތޯ މަދުވެފައިތޯ،" ޝަރަފް ވިދާޅުވިއެވެ.

ނޭކުރެންދޫ ކަނޑޫފާތެރެ: މި ކަނޑޫފަލުން ބޮޑު ސަރަހައްދެއް މަރުވާތީ އެކަން ދިމާވާ ސަބަބު ހޯދަން ދިރާސާއެއް ކުރަން ވަނީ ފަށައިފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ކަނޑޫފަލުގެ ފެން ތަހުލީލު ކުރުމަށްޓަކައި މިއަދު އެކި ސަރަހައްދުތަކުން ހަތަރު ސާމްޕަލެއް ނަގާފައިވާ ކަމަށް ޝަރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސާމްޕަލްތައް ތަހުލީލު ކުރަން ނިންމާފައި ވަނީ އެމްޑަބްލިއުއެސްސީގެ ލެބޯޓަރީގައެވެ.

މިހާތަނަށް ފާހަގަވި ކަމެއް ހިއްސާ ކުރަމުން ޝަރަފް ވިދާޅުވީ، ކަނޑޫފަލުގެ ގަސްތައް މަރުވާ ސަރަހައްދުން ކުރިން ނުފެންނަ ފަންޏެއް ފެނިފައިވާ ކަމަށެވެ.

ނޭކުރެންދޫ ކަނޑުފާ ތެރެއިން ފެނުނު ފަނި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ފީލްޑް ސާވޭ ކުރުމުގައި ބަލަން ޖެހޭ ކަންކަމުގެ ގައިޑްލައިތަކެއް އައިޔޫސީއެންގެ މެންގްރޫވްއާ ބެހޭ ސްޕެޝަލިސްޓް ގްރޫޕުންނާއި، މެންގްރޫވް އެކްޝަން ޕްރޮޖެކްޓްއިން ފޯރުކޮށްދީފައިވާނެ ކަމަށް ޝަރަފް ވިދާޅުވިއެވެ. އަދި ދިރާސާ ކުރާއިރު، ބަލަން ޖެހޭ ކަންކަން ފަދަ އެހެނިހެން ފަންނީ އެހީތެރިކަން އެ ފަރާތްތަކުން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވަމުންދާއިރު، ހަމަ މި އެގޮތަށް ހއ. ކެލާ އަދި ށ. ކަނޑިތީމާއި، ނ. ކެނދިކުޅުދޫގެ ކަނޑޫފާތައް މަރުވަމުން އެބަދެއެވެ. ކަނޑިތީމުގައި އެހާ ބޮޑު ސަރަހައްދެއް މަރު ނުވެއެވެ. ނަމަވެެސް، ކެލާގެ ކަނޑޫފަލުން ވަރަށް ބޮޑު ސަރަހައްދެއް މަރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ. ކެނދިކުޅުދޫގެ ކަނޑޫފާ މަރުވަމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށާއި، އެކަން ހިނގަން ފެށީ ސުނާމީއަށް ފަހު ކަމަށް އެ ރަށު ކައުންސިލުން މީގެ ކުރިން ބުންޏެވެ.

https://sun.mv/138016

ކަނޑޫ ގަހުގެ ލަކުޑިއަކީ އޮޑިދޯނިފަހަރުގެ ފަށަން ލުމަށް ބޭނުންކުރާ ލަކުޑިއެކެވެ. އަދި ކަނޑޫ ގަހުގެ ވަކަކީ ދިވެހީން ޒަމާނުއްސުރެ ކައި އުޅޭ އެއްޗެކެވެ. ހާއްސަކޮށް އުތުރުގެ މީހުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ކަނޑޫފާތައް ހުރި އުތުރުގެ ރަށްރަށުގެ މީހުން ކަނޑޫ ކައިގެން އުޅުނެވެ. އެހެންކަމުން، އެ ރަށްރަށަށް ބޮޑު ތަދުގެ އަސަރު އެހާ ބޮޑަކަށް ނުކުރެއެވެ.

comment ކޮމެންޓް