މި އަހަރުގެ ހައްޖުގައި ގެފުޅާއި ހަޖަރުލްއަސްވަދުގައި އަތްލުން މަނާ

ރިޔާޟް (ޖުލައި 6) : މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރާއިރު ގެފުޅުގައި އަތްލުމާއި ހައްޖުވެރިން އެއްތަނަކަށް އެއްވެ ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުންފަދަ ކަންކަން ސައޫދީ އަރަބިއްޔާއިން މަނާކޮށްފިއެވެ.

ކޮވިޑް-19 ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާއިރު މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރުމުގައި ސިއްޙީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރުމަށް ހައްޖުވެރިންނަށް ލާޒިމްވާ ގޮތަށް ސައޫދީ ސަރުކާރުން އިއްޔެވަނީ ޚާއްސަ ގަވައިދެއް ނެރެފައެވެ.

އެގަވައިދުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެއްވެސް މީހަކު ގެފުޅުގައިވެސް އަދި ޙަޖަރުލް އަސްވަދުގައިވެސް އަތްލުންވަނީ މަނާކޮށްފައެވެ. ޖަމްރާތަކަށް ހިލަ އުކާއިރުވެސް އުކަންވާނީ ސްޓެރިލައިޒްކޮށް ޕެކެޓްކޮށްފައިވާ ހިލަކަމަށާ އެނޫން ހިލަ ގެންގުޅެގެން ނުވާނެކަމަށް ބުނެފައިވެއެވެ. ސްޓެރިލައިޒްކޮށްފައިވާ ހިލައިގެ ޕެކެޓްތައް މުޒްދަލިފާގައި ރޭކުރާއިރު ހައްޖުވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ސައޫދީ ނެޝަނަލް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ނެރެފައިވާ ހައްޖުގެ ރައްކާތެރިކަމާބެހޭ ސިއްޙީ ގަވައިދު ބުނެފައިވެއެވެ.

އެ ގަވައިދު ބުނާގޮތުން ހައްޖުގެ އަޅުކަން ކުރާއިރު ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ، އެމީހަކު ހަވާލުވެ ހުންނަ ގްރޫޕެއްގެ ވެރިއަކު އެކަން ސިއްހަތާބެހޭ މަސްއޫލުވެރިންނަށް އަވަހަށް ރިޕޯޓް ކުރަންވާނެއެވެ. އެއާއެކު ޑޮކްޓަރުން އެ މީހަކު ބަލައި ސިއްހީ ހާލަތު ދެނެގަތުމަށްފަހު ޓެސްޓް ހަދަންޖެހޭނަމަ ޓެސްޓް ހަދާނެއެވެ. ހާލަތު ގޯސް މީހެއްނަމަ ސިއްޙީ މަރުކަޒަށް އެމީހަކު ގެންގޮސް ކޮވިޑްއަށް ޓެސްޓްކޮށް ވަގުތުން ފަރުވާދޭން ފެށުން ހިމެނެއެވެ.

ނަމަވެސް ސިއްޙީ ހާލަތު ތަންދޭނަމަ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު އެމީހަކަށް ދޭނެއެވެ. ނަމަވެސް ހައްޖަށް ގޮސްހުއްޓައި ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތުން މަހްރޫމު ކުރެވޭނެ ކަމަށް އެ ގަވައިދު ބުނެއެވެ.

ހައްޖުގެ އަޅުކަމުގައި އެންމެ ބޮޑަށް މީހުން ތޮއްޖެހެނީ ޖަމްރާތަކަށް ހިލަ އުކާއިރުގައާއި ޖަމްރާތަކަށް ދާ ދަތުރުގައި ކަމަށްވާތީ ސިއްހަތާބެހޭ ގަވައިދުގައި އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ. މިގޮތުން ޖަމްރާތަކަށް ހިލަ އުކުމަށް ކޮންމެ ހައްޖުވެރިއަކަށްވެސް ވަކިވަގުތެއް ދޭނެކަމާއި އެވަގުތަށް އެމީހަކު ޖަމްރާތަކަށް ދާންޖެހޭނެކަމަށް ބުނެފައިވެއެވެ.

އެއްވަގުތަކުން އެއްޖަމްރާއެއްގެ ކައިރީގައި ހިލައުކުމަށް (ޖަމްރާތަކުގެ އިމާރާތުގެ ކޮންމެ ބުރިއެއްގައިވެސް) 50 އަށް ވުރެގިނަ މީހުން ތިބުން ގަވައިދުގައިވަނީ މަނާކޮށްފައެވެ. ހިލަ އުކާއިރުވެސް އެކަކުއަނެކަކާ ދެމެދު 1.5 މީޓަރުގެ ގައިދުރުކަމެއް ބެހެއްޓުން އެގަވައިދުގައި ހައްޖުވެރިންގެ މައްޗަށް ވަނީ ލާޒިމްކޮށްފައެވެ. މީގެއިތުރުން ހައްޖުގެ އަޅުކަމުގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން ތިބުން ހައްޖުވެރިންނަށްވަނީ މަޖްބޫރުކޮށްފައެވެ. ތަވާފް ކުރާއިރުގައާއި ސަޢްޔު ކުރާއިރުވެސް ގައިދުރުކަން ބެހެއްޓުންވަނީ ލާޒިމްކޮށްފައެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ސައުދީގައިވެސް ކޮވިޑް-19 ގެ ނުރައްކާ އަދަޔާ ޚިލާފަށް ބޮޑުވެފައިވާތީ މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ސައޫދީ ދިރިއުޅޭ މީހުންނަށް އެކަންޏެވެ. މިނާއާއި އަރަފާތުގެ ބިމާ އަދި މުޒްދަލިފާއަށް ހައްޖުވެރިން ގެންދިޔުމުގެ ދަތުރުތަކުގައާއި އެތަންތަނުގައި ތިބޭ ވަގުތުތަކުގައިވެސް ހައްޖުވެރިންގެ މެދުގައި ގައިދުރުކަން ބެހެއްޓުން އެގަވައިދުގައި ލާޒިމް ކޮށްފައިވެއެވެ.

އެތަންތަނުގައި ހައްޖުވެރިން ތިބޭއިރު ދޭނީ ކުރިން ތައްޔާރުކޮށްފައިވާ ތައްޔާރީ ކާނާގެ ޕާރުސަލްތައް ކަމަށާ އެއީ ސިއްޙީ ގޮތުން ރައްކާތެރި ގޮތުގައި ތަައްޔާރުކޮށްފައިވާ ކާނާކަމަށް ވާންޖެހޭނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ. (ސަައޫދީ މީޑިއާ)

comment ކޮމެންޓް