ހިއުމަން ޓްރެފިކިންގެ މައްސަލައިގައި މެމްބަރު ރިޒާ ފުލުހަށް ހާޒިރުކޮށްފި

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ---

ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ފުލުހުންގެ މިޑީއާ އޮފީޝަލް "ސަން" އަށް ވިދާޅުވީ، ރިޒާ އެ އިދާރާއަށް މިރޭ ހާޒިރުކުރީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ.

އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ނުދެއްވައެވެ. އަދި މިކަމާ ގުޅޭގޮތުން ރިޒާއަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ފުލުހުން އަންނަނީ، ރިޒް ކުންފުނީގެ ހިއުމަން ޓްރެފިކިންގެ މައްސަލައެެއް ބަަލަމުންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ރިޒާ ފުލުހަށް ހާޒިރު ކުރީ، ހިއުމަން ޓްރެފިކިންގެ މައްސަލައާ ގުޅުގެންނެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިިންގެ ތުހުމަތު ކުރަނީ، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާތީ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާވެސް ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ހަވާލުވެ، މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފަށް މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.

ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުވެސް ކޮށްފައެވެ.

ރިޒާ "ސަން"އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން މަސައްކަތްތެރިންނަށް ހަތަރު މަހުގެ މުސާރަ ނުދެވޭ ކަމަށެެވެ.

ނަމަވެސް މަސައްކަތްތެރިނަށް ގާނޫނީ އެހީތެރިކަން ދެއްވާ ޕަބްލިކް އިންޓްރެެސް ލޯ ސެންޓާ (ޕީއައިއެލްސީ) އިން "ސަން" އަށް ވިދާޅުވި ގޮތުގައި ބައެއް މަސައްކަތްތެރިންނަށް ހަ މަހުގެ މުސާރަ ނުދޭ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންވެސް ހިމެނޭ ކަމަށް އެ ލޯފާމުން ބުނެއެވެ.

ބައެއް މަސައްކަތްތެރިންގެ މުސާރަ އުޅެނީ 4،000-7،000 ރުފިޔާއާ ދެމެދުގައެވެ.

ރިޒް ކުންފުނިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ އެ ރިސޯޅު ތަރައްގީ ކުރާ ސީލް މޯލްޑުވްސްއިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

ނަމަވެސް އެވާހަކަތައް ސީލް މޯލްޑިވްސް އިން ދޮގު ކުރެއެވެ. އެ ކުންފުނީގެ ގާނޫނީ ޓީމް، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށެވެ. އަދި ކޮންޓްރެކްޓްގެ ދަށުން 7,000 ރުފިޔާ ގެ ރޭޓުން އެކުންފުނީގެ ފަރާތުން ރިޒްއަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާއިރު، 21 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރުވެސް އެކުންފުނީގެ ފަރާތުން ރިޒްއަށް ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް