ފަނޑިޔާރުން ވަކިކުރުމުގައި ޕާޓީއަކަށް، ފިކުރަކަށް ނުބަލަން: ޖޭއެސްސީ

ޖޭއެސްސީގެ މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ފަނޑިޔާރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަމަށް ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއިދު ކުރާކަމަށް ބުނެ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ނިންމުމުގައި އަދި ފަނޑިޔާރު މަގާމުން ވަކިކުރަން ޖެހުނަސް، ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި، މައްސަލަތައް ނިންމާފައިވާނެ ކަަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ބަޔާނެއް ނެރެފައި ވަނީ، ޖޭއެސްސީ އަކީ ސިޔާސީ ހަރުގެއެއް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޖޭއެސްސީއަށް ފާޑުވިދާޅުވަމުން ތޯރިގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނެ ކަމަށާއި، ޖޭއެސްސީގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން، އެ ޕާޓީން ނުރުހޭ ފަނޑިޔާރުން މަގާމުން ވަކިކުރަމުން އަންނަ ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ކަމަށެވެ.

އެގޮތުން 2019-2020 ވަނަ އަހަރު އެއެމްޑީޕީ އަދި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން މި ކޮމިޝަނުން 14 މައްސަލައެއް ބަލާފައިިވާނެ ކަމަށާއި އެފަދަ މައްސަލަތައް ތަހުގީގުކޮށް ނިމުމުން ދެ ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއިދު ކުރާކަމަށް ބުނެ، މި ކޮމިޝަނަށް 2019-2020 ގައި ހުށަހަޅާފައިވާ މައްސަލަތައް ނިންމުމުގައި އަދި ފަނޑިޔާރު މަގާމުން ވަކިކުރަން ޖެހުނަސް، ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއް ނެތި، މައްސަލަތައް މިކޮމިޝަނުން ވަނީ ނިންމައިފައެވެ." ބަޔާނުގައިވެއެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރެ ސިޔާސީ ހަރަކާތެއްގައި ފަނޑިޔާރަކު ބައިވެރިވުމަކީ އިސްތިސްނާއެއް ނެތި، ފަނޑިޔާރުން ގާނޫނުން މަނާކުރެވިފައިވާ ކަމެއްކަން ފާހަގަކޮށްފައެވެ.

"ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ގާނޫނުތަކާ ގަވާއިދުތަކުން، ކޮމިޝަނުން އެފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންނެވެ." ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީއަށް މެމްބަރު ތޯރިގު ފާޑުވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމީ، އޭނާ ގާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތެރެއިން ތިން މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވާތީއެވެ.

އޭނާގެ މައްޗަށް ސާބިތުވި ތިން މައްސަލައިގެ ތެރެއިން ދެ މައްސަލައަކީ ސިޔާސީ ކަންކަމުގައި ބައިވެރިވި ކަމަށް ބުނާ ދެ މައްސަލަ އެކެވެ.

އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ބުނީ ހަސަން ނަޖީބާ ގުޅޭގޮތުން ހުށަހެޅިފައިވާ ބައެއް މައްސަލަތައް ކޮމިޝަނުން ބެލުމަށްފަހު، ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުލައި އެއް ވަނަ ދުވަހު ކޮމިޝަނުން ނިންމާފައިިވަނީ ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތައް ފުރިހަމަކޮށް އެފަނޑިޔާރަށް ލިބިދޭންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ އެންމެހާ ހައްގުތައް ފުރިހަމައަށް ދިނުމަށްފަހުގައި ކަމަށެވެ.

ހަސަން ނަޖީބާ ގުޅޭގޮތުން ހުށަހެޅުނު ހަތް މައްސަލައެއް ޖޭއެސްސީން ވަނީ ބަލާފައެވެ. އެއީ:

1. ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކައުންސިލަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓު ގާތުގައި އޭނާގެ ނަން އަނބުރާ ގެންދިއުމަށާއި އެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ހަސަން ނަޖީބު ބުނި ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓުގެ ކެންޑިޑަސީ ބާތިލުކުރަން ހަސަން ނަޖީބު އުޅުނު ކަމަށް ބުނެ ހުށަހެޅުނު މައްސަލަ (އެ މައްސަލަ ވަނީ ސާބިތުވެފައި)

2. ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކައުންސިލަށް ޕީޕީއެމް އިން ވާދަކުރި ކެންޑިޑޭޓަކާއެކު ހަސަން ނަޖީބު އެމްޑީޕީ އެކްޓިވިސްޓަކާ ބައްދަލުކޮށް އޭނާ ޕީޕީއެމް އަށް ސޮއިކުރުމަށް ބުނެ ހުށަހެޅުނު މައްސަލަ

3. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދުމަށް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހަސަން ނަޖީބު އެހެން ފަނޑިޔާރުންތަކަކާއެކު ގއ. ވިލިނގިލި އެސްޓީއޯގެ މުވައްޒަފުންތަކަކާއެކު ބައްދަލުވުމެއް ބާއްވައި ރައީސް ޔާމީނަށް ތާއިދު ހޯދުމަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ ހުށަހެޅު މައްސަލަ (އެ މައްސަލަ ވަނީ ސާބިތުވެފައި)

4. ގާޒީ ހަސަން ނަޖީބު ގއ. ވިލިނގިލީ ކޯޓުގައި މެޖިސްޓްރޭޓަކަށް ހުންނެވި އިރު އެއްވެސް ފަރާތަކުން އެ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައި ނުވަނީސް އަމިއްލަ އިސްނެންގެވުމަށް އެރަށު ދެމީހަކު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ (މައްސަލަ ވަނީ ސާބިތުވެފައި)

5. ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އެހެން ފަނޑިޔާރުންތަކަކާއެކު ގއ. ގެމަނަފުށްޓަށް ދަތުރުކޮށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައި ހުރި އެރަށު މީހެއްގެ އާއިލާގެ މެމްބަރުންތަކަކާއެކު ޕީޕީއެމް އެކްޓިވިސްޓެއްގެ ގޭގައި ބައްދަލުކޮށް އެ އާއިލާގެ އެންމެން ރައީސް ޔާމީނަށް ވޯޓު ދޭން އެއްބަސްވާނަމަ، ޖަލުގައި ހުރި މިނިވަންކުރެވިދާނެ ކަމަށް ބުނެ ހުށަހެޅި މައްސަލަ

6. ހަސަން ނަޖީބު ގއ. ވިލިނގިލި ކޯޓުގެ ކެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވިއިރު، އޭނާގެ އެއްބަނޑު މީހެއްގެ މައްޗަށް ދައުވާކުރެވުނު މައްސަލައެއް ބެލިކަމަށާއި ޝަރީއަތަށް ފާހަގަކުރެވުނު އެއްވެސް ނުކުތާއެއްނެތި ހުކުމް ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ

7. ވަކި ސިޔާސީ ޕާޓީއަކަށް މީހަކު ގެނައުމަށް މަސައްކަތްކޮށްފައިިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ

ޖޭއެސްސީއަށް ދެއްވި މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވުމުން ހަސަން ނަޖީބަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްއޭޕްރިލް 15 ވަނަ ދުވަހުޖޭއެސްސީއިން ނިންމާފައިވެ އެވެ. އޭނާ އަދިވެސް ހުންނެވި އެ ސަސްޕެންޝަނުގައެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައަކީ ކޮމިޝަނަށް ހުށަހެޅި މާލީ ބަޔާންތަކުގައި އޭނާ އަކީ "ބެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރެއްކަން ހާމަނުކޮށް، ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެ ހުށަހެޅުމުން ބެލުނު މައްސަލައެއް ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ކޮމިޝަނަށް ފާހަގަކުރެވުނު ޖިނާއީ މައްސަލަތައް ބަލައިދިނުމަށް އެދި މި އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ޖޭއެސްސީން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.

comment ކޮމެންޓް