ނ. އިރުފުށި ހިންގުމުގެ މައްސަލާގައި ހިލްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސަން ޓްރެވަލް އަށް ދައްކަން ސިވިލް ކޯޓުން ކުރި 16 މިލިއަން ޑޮލަރުގެ ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.
ހިލްޓަންއާ އެކު ސަން ޓްރަވަލްސް އިން 2009 ވަނަ އަހަރުގެ ފެބްރީއަރީ މަހުގެ 27 ވަނަ ދުވަހު އެގްރީމެންޓެއް ހެދީ އިރުފުށި ރިސޯޓް 20 އަހަރު ދުވަހުގެ މުއްދަތަށް ހިލްޓަން އިން ހިންގުމަށެވެ.
ހިލްޓަން އިން ރިސޯޓް ހިންގުމާ ހަވާލުވި ފަހުން، އެ ކުންފުނިން ކުރިން ހުށަހެޅި، ކުރިއަށް އޮތް ފަސް އަހަރަށް ރިސޯޓުގެ ފައިނޭންޝަލް ޕްރޮޖެކްޝަން ހުންނާނެ ގޮތް ދައްކުވައިދޭ ލިޔުމުގައި ބަޔާންކޮށްފައިވާ އަދަދާ ގާތްކުރާ އަދަދަށް ވެސް އެ ކުންފުނިން ޕާފޯމްކޮށްފައިނުވާ ކަމަށް ސަން ޓްރަވެލްސް އިން ވަނީ ބުނެފަ އެވެ.
އެ ލިޔުން އެކުންފުނިން ތައްޔާރުކޮށްފައި ވަނީ ހަރުދަނާ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށާއި އެއީ ހަމައެކަނި ސަން ޓްރެވަލްސް ލައްވައި އެގްރީމެންޓުގައި ސޮއިކުރުމުގެ ބޭނުމުގައި، އެއީ ހަގީގަތެއް ކަމަށް ދައްކަން ތައްޔާރުކުރި ލިޔުމެއް ކަމަށް ވެސް ސަން ޓްރެވަލްސް އިން ބުންޏެވެ.
ހިލްޓަން އިން އެގްރީމެންޓާ ޚިލާފްވުމުގެ ސަބަބުން ނޯޓިސް ދިނުމަށް ފަހު އެކަން ރަނގަޅުނުކުރުމުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެގެރީމެންޓް ބާތިލްފެވައިވާކަން ސަން ޓްރެވަލްސް އިން އެންގި އެވެ.
ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ އެ އެގްރިމަންޓް ބާތިލްކުރުމުގެ ސަބަބުން ނުވަތަ އެ ނޫން ވެސް ކަމެއްގައި ހައްލު ކުރަންވާނީ ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދަ އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ އާބިޓްރޭޝަންގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އިނގިރޭސި ބަހުން، ސިންގަޕޯ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓާގައިކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ސަން ޓްރަވެލްސް އިން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އާބިޓްރޭޝަން ޓްރައިބިއުނަލުން ގޮތްތަކެއް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންކަމުން އެ މައްސަލަ އަކީ ސިވިލް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.