ރަށްރަށުން ގޯތި ދޭން ސަރުކާރުން ހުރަހެއް ނާޅޭނެ: އަސްލަމް

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރ މުހަންމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ފިޔަވައި އެހެން ރަށްރަށުން ގޯތި ދޫކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި ރަށްރަށުން ގޯތި ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް ހައުސިންގް މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި އުޅޭ ރައްޔިތުން ވެސް ބޯހިޔާވަހިކަމަށް ބޭނުންވާކަން މި ސަރުކާރަށް ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ. އަދި އެގޮތުން އިތުރު ރަށްތަކުން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަ މި ހަފްތާ ތެރޭ ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޖުމްލަ 14 ރަށެއްގެ ކައުންސިލުން އެ ރަށްރަށުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީގެ ހުއްދައަަކަށް އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސާދަ ރަށަކުން އެބަ އޮތް ހައުސިންގް މިނިސްޓްރީގައި އެދިފައި ގޯތި ދޫކުރުމުގެ ހުއްދައަށް، އެ ރަށްރަށުން އެދިފައިވާ ގޮތަށް ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، މާނައަކީ ލޭންޑް ޔޫސް ޕްލޭނިންއެއް ހެދިފައި، އެ ލޭންޑް ޔޫސް ޕެލޭންއެއް ހެދުމުގެ މަސައްކަތް ކުރާނީ ކައުންސިލުން،" މިނިސްޓަރު ވިދާޅުވި އެވެ.

ގޯތި ދޫކުރުމަށް އެދިފައިވާ 14 ރަށަކީ:

  • ހ.ދ. ހަނިމާދޫ
  • ނ. ކެނދިކުޅުދޫ
  • ލ. ދަނބިދޫ
  • ށ. ކަނޑިތީމު
  • ނ. ވެލިދޫ
  • ތ. މަޑިފުށި
  • ހ.އ. ބާރަށް
  • ށ. ބިލެއްފަހި
  • އ.ދ. މާމިގިލި،
  • ފ. ދަރަނބޫދު
  • ގ.އ. މާމެންދޫ
  • ރ. އިންނަމާދޫ
  • ތ. ވަންދޫ
  • ތ. ކަނޑޫދޫ

"މި ދެންނެވި ރަށްތަކުން އެދިފައި އެބަ އޮތް. (މި ރަށްތަކަކީ) މިހާތަނަށް ހައުސިންގް މިނިސްޓްރީއިން ގޯތިދިނުމުގެ ހުއްދަ ކައުންސިލްތަކަށް ދީފައިނުވާ ރަށްތައް. އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި (ލޭންޑް ޔޫސް ޕްލޭނެއް އޮތް) ރަށްރަށަށް ގޯތި ދިނުމުގެ ހުއްދަ ދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލެނެއް ނެތް ރަށްރަށަށް އެ ޕްލެން އެކުލަވާލުމާއިއެކު ހުއްދަދޭން ފަށާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ބޭނުންޖެހިފައިވާ ހާލަތުގައި ގޯތި ދިނުން ހުއްޓައިގެން ތިބުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމެއް ނެތް ގޯތި ދިނުން ހުއްޓުވައިގެން، ރަށްރަށުގެ މީހުން ގޯއްޗަށް ބޭނުންވެފައި ތިބި އިރު ގޯތި ދިނުން ހުއްޓުވައިގެން ތިބުމުގެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވިސްނުމެއް ނެތް ރަށެއްގެ އާބާދީގެ ގިނަ ބަޔަކު ރަށުގާއި ނުޅޭތީވެ، ރަށުގެ ފަޅު ގޯތިތަކެއް ހުރުމުގެ ސަބަބުން، ރަށުގެ ދިރިއުޅޭ އާއިލާތަކަށް، ނެތް މީހުންގެ ސަބަބުން ގޯތި ނުލިބޭ ގޮތަށް އެކަން ތަރުތީބުވެފައި އޮތުން." މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކި ކިތަންމެ މަދު ބަޔަކު ދިރިއުޅެމުންދިޔަ ކަމުގައިވިޔަސް އެބަޔަކަށް ގޯތި ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގައިވެސް ގޯތިދެވެން އޮތް މިންވަރަކުން ގޯތި ދިނުމަށް ކައުންސިލުތަކުން ކަނޑައަޅާ ގޮތެއް މަތިން އެކަން ކުރުމަށް ސަރުކާރުން ޖާގަދޭނެ. އަޅުގަނޑުމެން ޖާގަ ދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް