ރާއްޖެ ތަރައްގީ ކުރަނީ ދިފާއީ މައި ތަނބަކީ ސިފައިން ކަމުގައި ބަލައިގެން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ސިފައިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެ ތަރައްގީ ކުރުމާއިގެން ކުރިއަށް ދާއިރު ގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިރޭ ކަޅުތުއްކަލާ ކޮށީގައި ސިފައިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދިވެހި ސިފައިންނަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާއީ އަައްޑަނަ ކަމަށެވެ.

"އަޅުގަނޑުމެން މި ރާއްޖެ ތަރައްގީ ކުރުމާއިގެން ކުރިއަށް މި ދަނީ މިގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން. އެހެން ކަމުން ދިވެހި ސިފައިންނަކީ އިލްމީ ގޮތުންނާއި ފަންނީ ގޮތުން އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި ނަފްސާނީ ގޮތުން ވެސް ސިފަވަންތަ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން ވަރަށް ހާއްސަ ސަމާލު ކަމެއް ދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައީސް ވިދާޅުވީ ސިފައިންގެ ވެލްފެއާގެ ކަންތައް ވެސް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ގިނަ އުނދަގޫތަކަކާއި ގޮންޖެހުންތަކެއް ހުރި ނަމަވެސް މިހާރު މި އޮތް ހާލަތަށް އައުމުގައި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަން ރައީސް ފާހަގަކުރެއްވި އެވެ.

"ކޮވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރުން އުފެއްދި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވެސް އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ އެމްއެންޑީއެފް،"

ކަރަންޓީން ފެސިލިޓީތައް އެޅުމާއި އެތަންތަން ބެލެހެއްޓުމުގައި ސިފައިން އަދާކުރަމުން ދަނީ ވަރަށް ބޮޑު ދައުރެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި ދިވެހި ސިފައިންގެ ދައުރު ފާހަގަކޮށް ރައީސް ވަނީ އެކަމަށްޓަކައި ސިފައިންނަށް ޝުކުރު ދަންނަވާފަ އެވެ.

comment ކޮމެންޓް