ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ، މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އެ މައްސަލަ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމީ މި މަހުގެ ދެވަނަ ދުވަހުއެވެ.
ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އޭނަ ގާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވާތީ ކަމަށެވެ.
ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ބަލަމުން ދިޔަ ހަސަން ނަޖީބުގެ ސުލޫކީ މައްސަލަތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވި ތިން މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން ދެ މައްސަލައަކީ ސިޔާސީ ކަންކަމުގައި ބައިވެރިވި ކަމަށް ބުނާ ދެ މައްސަލަ އެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން 2017 ވަަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލުގެ ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން ހަސަން ނަޖީބު މަސައްކަތްޕުޅު ކުރެއްވި ކަމާއި، އެ ކެންޑިޑޭޓު ނިސްބަތްވި ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމާއި، އެ އިންތިހާބުގައި ވާދަ ކުރި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރައްވަން އޭނާ މަސައްކަތް ކުރެއްވިކަން އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ހަސަން ނަޖީބު ވާހަކަފުޅު ދެއްކެވިކަންވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.
ހަސަން ނަޖީބުގެ މައްޗަށް ސާބިތުވި ތިން ވަނަ ކަމަކީ ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، ދެ މީހަކު ހައްޔަރު ކުރުމަށް އޭނާ އަމިއްލަފުޅަށް އަމުރެއް ނެރުނު ކަމެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައެޅިފައިވާ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއް ކަމެއްގެ ގޮތުގައި ޖޭއެސްސީއިން ބުނެފައިވެ އެވެ.
ޖޭއެސްސީއަށް ދެއްވި މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވުމުން ހަސަން ނަޖީބަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްއޭޕްރިލް 15 ވަނަ ދުވަހުޖޭއެސްސީއިން ނިންމާފައިވެ އެވެ. އޭނާ އަދިވެސް ހުންނެވި އެ ސަސްޕެންޝަނުގައެވެ. އޭގެ ކުރިންވެސް ޖޭއެސްސީއިން ދިޔައީ އޭނާގެ ގިނަ އަދަދެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.
މާދަމާގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި އެ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދައިމީ ކޮމިޓީއަށް ފޮނުވަން ވަނީ އެޖެންޑަާކޮށްފައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެ މައްސަލަ ދިރާސާ ކުރަން ޖެހޭނީ ޖުޑިޝަރީ ކޮމިޓީންނެވެ.