ވެށިފަހިން ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހިއްސާކުރަން އިތުރު މުއްދަތެއް

ހުޅުމާލޭ ފްލެޓްތަކެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން އަނެއްކާވެސް އިތުރު މުއްދަތެއް ދީފިއެވެ.

މިހާތަނަށް ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ މީހުންގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލީ މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހާއްސަ ފިޔަވަޅުތައް އެޅުމަށް މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާގުޅިގެން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ސަރުކާރުގެ އޮފީސްތައް އާންމުންނަށް ހުޅުވާލާ ތާރީހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރު ކުރެވޭނެކަމަށް އެންގިއެވެ.

އެހެންނަމަވެސް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލާ އެ މިނިސްޓްރީގެ މަސައްކަތްތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ދަށަށް ބަދަލުކުރެއްވުމާ ގުޅިގެން އެ ލިޔެކިޔުންތަށް ހުށަހަޅާ މުއްދަތު މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރަން ވަނީ ކުރީން އެދިފައެވެ.

މިނިސްޓްރީން ބުނީ ހުށަހަޅާ ހުށަހެޅުމާއެކު ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގާ ދިން ލިޔުން ހުށަހަޅަން ވާނެ ކަމަށެވެ.

އަދި އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް