ކޯޓުން ބޭރުން ކައިވެނި ކުރުމުން ކުޑަކުއްޖާ ބަނޑުބޮޑުވި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދަށް

ކުޑަކުއްޖަކާ ކައިވެނިކޮށްގެން އަދި އެކުއްޖާ ބަލިވެ އިން މައްސަަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި މީހާ --- ފޮޓޯ/ ޕޮލިސް

ކޯޓުން ބޭރުން ކުޑަކުއްޖަކާ ކައިވެނިކޮށް ޖިންސީ ގޯނާކުރުމުން އެކުއްޖާ ބަނޑުބޮޑުވި މައްސަލާގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އެމައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އަހުމަދު އައްތަފް ހއ ފިއްލަދޫ ،ޝޭޑޯޒް، 23 ކަމަށެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ މ. މުލި މެޖިސްޓްރޭޓް ކޯޓުންނެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެ އިން މައްސަލަކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ އެވެ.

އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް