ގިނަ ބަލިތަކާއެކު ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި އޮތް 71 އަހަރުގެ މީހާ ރަނގަޅުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހުނު ގިނަ ސިއްހީ މައްސަލަތަކެއް ހުރި އަދި ވެންޓިލޭޓަރުގައި ވެސް ފަރުވާ ދިން އުމުރުން 71 އަހަރުގެ ދިވެހި މީހަކު އެ ބަލިން ސަލާމަތްވެ ރަނގަޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ އެ މީހާ ކޮވިޑް-19 ޖެހިގެން އެޑްމިޓް ކުރީ، މިދިޔަ އެޕްރީލް މަސް ތެރޭގަ އެވެ. އަދި ބަލިން ރަނގަޅުވެގެން ދޫކޮށްލީ އިއްޔެ އެވެ.

ދެމަހަށްވުރެ ގިނަ ދުވަހު އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޕިޒީޝަން ޑރ. މުހައްމަދު އަލީ "ސަން" އަށް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހާލު ބޮޑުވި ކޮވިޑް ބަލި މީހުންގެ ތެރެއިން ބަލިން ސަލާމްވި އެންމެ އުމުރުން ދުވަސްވީ މީހާ އަކީ އެ މީހާ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"މާތްﷲގެ އިރާދަފުޅާއެކު އެ މީހާ ބަލިން ފަސޭހަވެ، ހޮސްޕިޓަލުން ނުުކުމެގެން އެދިޔައީ ހެޔޮ ހާލުގައި. އަމިއްލައަށް ހިނގޭ ހާލުގައި. މިކަމުގައި މުޅި ޑޮކްޓަރުންނާއި އައިޖީއެމްއެޗްގެ މެޑިކަލް ޓީމުން ކުރި މަސައްކަތް ފާހަގަ ކުރެވޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ، އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތައް ހުންނަ ފަރާތްތަކެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެމީހާގެ ސިއްހީ ހާލަތައް ބަލާއިރު، އެއީ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އެހެން ކަމުން ކޮވިޑް-19ގެ ސަބަބުން އެ މީހާގެ ފުރާނައަށް ނުރައްކާ ވުމުގެ ރިސްކު ވަރަށް ބޮޑަށް އޮތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"މިކޮޅަށް ގެނައި އިރު ބަލި މީހާގައިގައިި ހަކުރު ބަލި ހުރި، ކުރިން ސްޓްރޯކެއް ޖެހިފައި ހުރި، ލޭމައްޗަށް ދިޔުންވެސް ހުރި. އެޑްމިޓް ކުރި އިރު، ނިއުމޯނިއާގެ އަލާމާތްތައްވެސް ހުރި. ނޭވާލާން އުދަނގޫވުންވެސް ހުރި،" ބަލި މީހާގެ ސިއްހީ ހާލަތު ކިޔައި ދެމުން ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"ބަލި މީހާ ހޮސްޕިޓަލުން ދޫކޮށްލި އިރު، ނިއުމޯނިއާވެސް ރަނގަޅުވެ، ހިނގާފައި އުޅެވޭ ވަރު ވާނެ މިހާރު. ރަނގަޅަށް ވާހަކަ ވެސް ދެއްކޭނެ. ނޭވާލުމަށް އިތުރަށް އޮކްސިޖަންވެސް ބޭނުން ނުވާނެ،"

މިހާތަނަށް ރާއްޖެއިން ރަނގަޅުވެފައިވާ އެންމެ އުމުރުން ދުވަސްވީ މީހާއަކީ 92 އަހަރުގެ މީހެކެވެ. ނަމަވެސް އެމީހާ ހާލު ދެރަވެގެން ވެންޓިލޭޓަރަށް ނުލަ އެވެ.

comment ކޮމެންޓް