އޯޓިސްޓިކް ކުއްޖާ "ރޭޕްކުރި މީހާ" ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޯޓިސްޓިކް ކުޑަ އަންހެންކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

އެ ހާދިސާއާ ގުޅިގެން 15 އަހަރުގެ ކުއްޖާ މިހާރު އިނީ ބަލިވެ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، އިބްރާހިމް ޝާފިއު، 37، ފ. ފީއަލި، ފީރޯޒް، އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފ. ނިލަންދޫ ކޯޓުން ބުނީ އޭނާ ދޫކޮށްލައިފި ނަމަ އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންވެ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދާދި ފަހުން އުމުރުން 17 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި 23 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާ ވެސް އިނީ ބަލިވެ އެވެ.

comment ކޮމެންޓް