އައިޖީއެމްއެޗު އައިސީޔޫ އަށް ބަލިމީހުން ވެއްދުން މަޑުޖައްސާލައިފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގެ އައިސީޔޫއަށް ބަލިމީހުން ވެއްދުން ހުއްޓާލައިފި އެވެ.

އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ރައްޔިތަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އައިސީޔޫ އިން އެހެން ވޯޑަކަށް ބަދަލުކުރި ބަލިމީހުން ކޮވިޑް19 އަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި ހަތަރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެހެން މުވައްޒަފުންގެ ޓެސްޓު ނެގެޓިވް ވެފައިވާ ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ބަލިމީހުން ޑީއެޗް11 އަށް ބަދަލުކޮށްފައިވާ އިރު މުވައްޒަފުންނާއި ބަލިމީހުންގެ ހާލުވެސް ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

"އައިސީޔޫގައި މިވަގުތު ކޮވިޑް19އަށް ޕޮޒިޓިވް ޕޭޝަންޓެއް އަދި މުވައްޒަފެއް ނެތް ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އިތުރަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިވަގުތަށް އިތުރު ޕޭޝަންޓުން އައިސީޔޫ އަށް ވެއްދުން މަޑުޖައްސާލައި، އައިސީޔޫ އިން ދޭންޖެހޭ ފަރުވާދެވޭނެ ގޮތްހޮއްޕިޓަލުގެ އެހެންތަނެއްގައި ވަނީ ހަމަޖެހިފައެވެ،" އައިޖީއެމްއެޗުގެ ބަޔާނުގައި ބުންޏެވެ.

އަދި ހޮސްޕިޓަލުގެ އެޑްމިޓުކޮށްގެން ފަރުވާދޭ ޕޭޝަންޓުން ކޮވިޑް19 އަށް ޓެސްޓުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ބަލި މީހުން ކޮވިޑް19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ނަމަވެސް ޕޭޝަންޓެއްގެ ފުރާނަ ސަލާމަތްކުރަން ޖެހޭ ފަދަ ނުވަތަ އެނޫން ވެސް ބޮޑު އިމަޖެންސީ ހާލެއް މެދުވެރިވެއްޖެ ނަމަ، ކޮވިޑް19ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް،ދޭން ޖެހޭ ފަރުވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިކަމުގައި އިސްލާހުކުރަން ޖެހޭ ކަމެއް އޮތްތޯ ބަލައި އެކަމެއް އިސްލާހު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުގެެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ މީހާ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އެޗްޕީއޭ އިން ބުނީ އޭނާ މަރުވުމުގެ ޕްރައިމަރީ ސަބަބަކީ ސްޓޭޖު ހަތަރެއް ކެންސަރު ކަމަށެވެ.

comment ކޮމެންޓް