ޑިއަރ ލިލީ 1

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ގުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. "ﷲ އިޒް ސަފިޝިއަންޓް ފޯ އަސް އެންޑް ހީޒް ދަ ބެސްޓް ޑިސްޕޯސާ " ތިމަންނަމެންނަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ."

އުފާވެރިކަމަކީ ހަމައެކަނި މުއްސަދިންގެ ހައްގެއްނޫނެވެ. ފަގީރު ނިކަމެތިންނަށްވެސް ލޯތްބާއި އުފާވެރިކަން އަދި ހަމަޖެހިގެން އެކުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު އޮވެއެވެ. ކުޑަ ޖިފުޓިގަނޑެއްގައި ބޯހިޔާވަހިކަން ހޯދިޔަސް ދެއިރު އަނގަޔަށް ލާނެ އެއްޗެއް ނެތަސް ބައެއްފަހަރު އުފަލުގައި އުޅޭ ނިކަމެތި ކުދިން ފެނެއެވެ. ބައެއް ކުދިންނަށް ވަށައިގެން ފެންނަ ކޮންމެ އެއްޗަކީ ނިއުމަތެއް ކަމުގައި ދެކެ ޚިޔާލެއް ފިކުރެއްނެތި އުޅެލައެވެ. މޫދު ވާރޭ އަދި އުދުހޭ ދޫނިތަކާއި ގަސްތަކަކީ ވެސް އެކުދިންގެ އުފާތަކުގެ ބައިވެރިޔާއެވެ. މާތްﷲެގެ ރަހުމަތް ހުރިހާ މަޚުލޫގުންނަށް ލިބިފައިވާކަމުގެ ހެއްކެކެވެ. މާތްﷲއަށް ވަކީލުކޮށްގެން ލިބޭވަރަށް ހަމްދުކޮށް އެހެން އެއްވެސް ބަޔެއްގެ ފަރާތުން އެހީއެއް ނުވަތަ އެއްޗެއް ނުލިބޭނެކަމަށް ނިންމައިގެން ހުންނަ މީހާއަކީ އުފާވެރިއެކެވެ. ތަދުމަޑުކަމާއި މުސީބާތްތައް ކުރިމަތިވާހިނދު އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ އިންސާނުން ވެސް ހެއްދެވި ފަރާތަށް ހަމްދުކުރުމުން އޭގެ ފައިދާ ފެންނާނެއެވެ. ހެއްދެވިފަރާތާއި ގުޅުން ރަގަޅުކޮށް "ޕޮޒިޓިވް" ވުމުން ވޭނާއި އުދަގޫތަކަށް ލުއިލިބި އުއްމީދުގެ ހުޅުކޮޅު ދިއްލިގެން ދާނެ އެވެ.

***

އިރުގެ ރަންކުލައިގެ ދޯދިތަކުގެ މައްޗަށް އަޅިކުލައިގެ ބޯވިލާތައް ކުރި ހޯދާކަށް މާ ގިނައިރެއް ނުނެގިއެެވެ. ވައިގެ ހަމަލާތަކަށް ކެތް ނުކުރެވިގެން ގަސްތައް ހޫރިގަތެވެ. ފުރާޅުތައް ވެސް ނަގާ އެއްލާލަފާނެހެން ހީވިއެވެ. އޮރެންޖް ސަމާލުގެ އިންޒާރު ދީފައިވަނިކޮށް ތޫފާން ބޯމަތި ވެއްޖެ އެވެ. ސާދަވަރަކަށް އަހަރުގެ އަންހެންކުއްޖަކު އަނބުގަހުގެ ގޮފިގަނޑެއްގެ މަތީގައި އިނެވެ. ދެފައި ދެފަރާތަށް ފައި ލައިގެން ހަލުވާލަ ހަލުވާލާއިންއިރު ދޭތެރެއަކުން އުދަރެހަށް ނަޒަރު ހިންގައިލަ އެވެ. އަނގައިގާ ޖަހައިގެން އިން ދޮން އަނބު ކާތަން ފެނުނު މީހަކު ކުޅު ދިޔާވާނެއެވެ. ގޮފިގަނޑު ހޫރިގަތުމުންވެސް ބިރެއްނެތި އިންދާ ކުއްލިއަކަށް ވާރޭގެ ތިއްކެއް އަތުގައި ބޮސްދިނެވެ. ތިކިތައް ގިނަވަމުންގޮސް އިސާހިތަކު ފަޒާ ފުރައިލީ ވާރޭގެ މިލިއަން ތިކިތަކުންނެވެ. ފަރިތަކަމާއެކު ގަހުން ފޭބިގޮތަށް އެކުއްޖާ ވާރެއާއި ތެމެމުން ދިޔައެވެ. ބޮޑެތި ފެންތިކިތަކާއި ސަމާސާ ކުރަމުން ނަށަމުން ބައެއް ފަހަރު ފެންގަނޑުތެރޭ އޮށޯވެލައިގެން ފުރޮޅެމުން އެނބުރެމުން ދިޔައެވެ. ވާރެއާއި ހެދި މޮޔަވާ ކުއްޖެއްކަން ހަރަކާތްތަކުން އަންގާދެއެވެ.

"އޯ....ފެންތާގީގައި ފެން މަދުވެފައި ހުންނާނީ. ފުރާޅު ސާފުކޮށްލީމަ މާމަ ވަރަށް އުފާވާނެ....." ކުއްލިއަކަށް ކަމެއް ހަދާންވެގެން ކަހަލަ ގޮތަކަށް އޭނަ ފުންމައިގެން ތެދުވުނެވެ. އަދި އަނބުގަހުގެ އެހީގައި ފުރާޅަށް އެރިއެވެ. ފުރާޅާއި ދިޔަދޮތްވަށް އެޅިފައިވާ ފަތްތަކާއި ކުނިބުނި ސާފުކޮށްލިއެވެ. އެހުރިހާ މަސައްކަތެއްކޮށްލީ ޖަސްޓިން ބީބާގެ ލަވައަކާއި އެކު ކޮރެއަން ޑްރާމާއަކުން ދަސްކުރި ލަވައެއްވެސް އަޑުކޮޅަށް ކިޔަމުންނެވެ. ލަވަކިޔުމުން އޭނަ މަސައްކަތަށް ހުންނަ ފޯރިގަދަވެއެވެ.

ވާރެއާއެކު ބާރު ވައިރޯޅިތައް ކޮންމެވެސް ވަރަކަށް ގޯނާ ކުރަން ފެށުމުން ފިނިކަން ގަދަވެ އެކުއްޖާ ހީކަރުވަންފެށިއެވެ. ދަތްޕިލާ ތެޅެން ފެށިއެވެ. އަވަހަށް ގޭގެ ދޮރު ހުޅުވާލަފައި އެތެރެއަށް ވަނީ ބާލީސްތަކާއި ކަންނޭލުގެ ހިމާޔަތް ހޯދުމަށެވެ. އެއީ ހީފިލުވައިދޭނެ ބައިވެރިންނެވެ.

ސާލިހާ ސިޓިންރޫމްގެ އެއްފަރާތުގައި ހުރި ފަތްޖެހި އެނދުގައި ގުރުއާން ކިޔަވަން އިނެވެ. ފޮތްގޮނޑީގެ އެހީގައި ހުޅުވާލާފައިވާ އަކުރުބޮޑު ޚަތިމްގެ ކުލަ މުށިކުލައަކަށް ބަދަލުވެފައިވެއެވެ. ފަތްޖެހި އެނދުމަތީގައި ދުފާ މަޑިސީލަ ހުރިއިރު އެނދުގެ ފައިލާކޮޅުގައި ގުޑުގުޑާއެކެވެ. ކުޑަ މޭޒުމަތީގައި ސުއްޓާ ހަދަން ބޭނުންކުރާ އާލާތްތަކެވެ. ކިޔަވަން އިންއިރުވެސް އަތުގައި އެލުވާފައިވާ ތަސްބީހައިގެ މިނާތައް ގުނާހެން އިނގިލި ހަރަކާތް ކުރެވެއެވެ. ޒިކުރު ފޮތްތަކާއި އެކިފާޑުގެ ދީނީ ފޮތްތައް ޚަތިމުބަހައްޓާފައި ހުރި ކުޑަމޭޒުގެ ވަތްގަނޑަކަށް ލާ ފޮރުވާފައި ހުރެއެވެ. ދޭތެރެއަކުން ބައްތީގެ އަލީގައި ވެސް އެފޮތްތައް ކިޔަން އިންނާނެއެވެ. އޭނައަކީ ނަމާ ގުޅޭ ފަދަ އަޅުވެރި އަންހެނެކެވެ. އެކަނި އަޅުވެރީއެއް ނޫނެވެ. އެހާ ހީވާގި މުރާލި އަންހެނެކެވެ. އެ އުމުރަށް އައިއިރު މާމަ ތިން ދަރިން ބެލުމުގެ ޒިންމާ ކޮނޑުގައި އެޅިގޮތަށް އޭނަ ނުކައި ހުރެގެންވެސް ދަރިންނަށް ތިންއިރު މޭޒުމައްޗަށް ކާ އެތިކޮޅެއް އަރުވަން މަސައްކަތްކުރެއެވެ. ދޮރުޖެހި އަޑަށް އިސްއުފުލާލާފައި މާމަދަރިފުޅަށް ސަމާލުކަން ދިނެވެ.

"މާމަ ވަރަށް ހޯދައިފީމޭ. ކަމީލާ ކޮންތާކުން ތިއައީ؟ "

"ފުރާޅު ސާފުކޮށްލީ. އެބަ އަންނަން މާމާ......" ކެމީލާގެ އަޑު ރޫރޫ އަޅައެވެ. އެ ހާލުގައި ހުރެވެސް އޭނަ މާމައަށް ހިނިތުންވުމެއް ދިނެވެ. ތެމިފައިވާ ހެދުންތަކުން ތިކިތަޅަމުން ދިޔަ ފެންތަކުން ބިންމަތީގައި ފެނުގެ ކުޑަ ކޯރެއް ހެދިއްޖެ އެވެ.

"ސާބަހޭ މާމަ ރަންފުޅާ. ފިރިހެން ދަރިޔަކަށް ދޫނުކުރެއެއްނު. ހިކިގެން އަވަހަށް ސައިބޯން ވީނު. ހޫނު ކަޅު ސަޔާއި ކުޅި ބޯކިބާ ކައިލުމަށްވުރެ ހީފިލުވަން މޮޅުގޮތެއް ނޯންނާނެ. ހަނދާންކޮށް ނަމާދު ކުރާތި. މަޣުރިބުކޮށްގެން ބަގަރާ ސޫރަތް ނުކިޔަވަންޏާ ގެ ޝައިތާނާގެ ހާލިކަމުގައިވެ ހުރިހާ ރަހުމަތަކުން ދުރުވެދާނެ....." ސާލިހާ ހަދާންކޮށްދިނުމުން ކެމީލާ މާމަގެ ކޮލަށް ބޮސްދިނެވެ.

"ލައްބަ މާމާ...."

ކެމީލާ ކޮޓަރިއަށް ވަދެފައި ލައިގެން ހުރި ހެދުން ގަޔާ ވަކިކޮށްލާފައި ތުވާލި ގައިގާ އޮޅާލައިގެން ގޮދަޑި މައްޗަށް ވެއްޓި ގަތެވެ. ބެޑްޝީޓުތެރޭ ފޮރުވިގަތެވެ. ހުރިހާ ބާލީސްތަކެއް ގައިމަތީ ޖެއްސިއެވެ. ކަންނޭލުގައި ބައްދާލައިގެން އިރުކޮޅަކު އޮވެލާއިރަށް ހީފިލާ އަރާމުވިއެވެ. ތެޅެމުން ދިޔަ ހިތް މަޑުވެލައިފިއެވެ. އޭނަ އަކީ މޫދާއި ވާރެއަށް ފޯރިފަށެއް ހުންނަ ކުއްޖެކެވެ. ވާރޭކޮޅެއް ވެހިލާއިރަށް ތެމޭ ހިތުން ނިކުންނާނެ އެވެ. ފުރާޅު ސާފުކުރުން ވަޅު ހިއްކުން ގަސްގަހަށް އެރުން މިއީ އޭނައަށް ބީރައްޓެހި ކަންތައްތަކެއް ނޫނެވެ.

ވާރެއަކީ ރަހުމަތެކެވެ. އެންމެ ރީތި ރާގެވެ. އެންމެ ތާޒާ ވަހެވެ. ވާރެއާއި މޫދަކީ ކެމީލާގެ ލޯތްބެވެ.

ނާނާ އަޅުވާލާފަދަ ރާގު އަހަން އޮތްއިރު ތުންފަތުގައި ހިނިތުންވުމުގެ އަސަރެވެ. އެ އަސަރުގައި ޖެހި ދެލޮލަށް ހުރިހާ ނިންޖެއް ޖަމާވެ އެސްފިޔަތަކަށް ބަރުވެއްޖެ އެވެ.

"ވާރޭ ވެހުނީމަ ހާދަ ރިލެކްސިންއޭ. އެހެންވެ ނިދި އަންނަނީ. މަގޭ ލޯބިވާ ވާރޭ.........." ކެމީލާ ބާލީހުގައި ބައްދައިލަމުން ދެލޯ މަރާލައިފި އެވެ. އެކަނިއޮވެ ވެސް ހީލި އެވެ. ހޭލެވުނީ މީހަކު ގައިގެ އެތަން މިތާ ކޮށްޓާ އުދަގޫކުރަން ފެށުމުން ހެމުންގޮސް ލޮލުން ފެން އަންނަވަރުވެފަ އެވެ. ލޯ ހުޅުވައިލިއިރު ދާދި ކައިރިން ފެނުނީ ލާނެތް ކަމުން ފުރިފައިވާ އޭނަގެ ދޮންތަ ޒައިރާއެވެ. ކޮޓަރީގައި ދިއްލާލާފައި ހުރި އޮރެންޖު ކުލައިގެ ބޮކީގެ ފަނޑު އަލީގައި ވެސް ޒައިރާގެ ލޮލުން ނުސިޔާނުކަން ފައުޅުވި އެވެ.

"ރެއިނީ މޫޑްގައި ދޯ. އަރާމުކޮށް ދެފައި ދަމާފައި ނިދަން މިއީ ކޮން ގަޑިއެއް......"

"ދޮންތަ ގޮވިނަމަ....."ކެމީލާ ކަންނެތްގޮތަކަށް ބުނެލާފައި ވެސް އެއްމިޔަކަނުން ހީލުމުން ކޮލަށް އަޑިކޮޅެއް އެޅުނެވެ.

"ގޮވާތާ ގަރުނެއް ވެއްޖެ. ގިލިގިލިކޮށްޓައިލީމަ ނޫނީ ހޭ ނާރާނެ ވިއްޔަ. ދެން ވެސް ތެދުވެބަލަ. މާމަ ހާޓްއެޓޭކެއް ޖެހިދާނެ ކާން މޭޒަށް ނޭރިއްޔާ. މުންނަ ފޮނުވާފައި ހުރި ބޮނޑިބަތާއި ހެދިމަސް އެބަހުއްޓޯ. މުނިމާމަގެ ފާތިހާއޭ ކަން ނޭގޭ ބުނީ........."ޒައިރާ ކެމީލާގެ ދެއަތުގައި ހިފާ މައްޗަށް ނެގިގޮތުން ލައިގެން ހުރި ތުވާލި ސޮއްސާލައިގެން ވެއްޓުނެވެ. ކެމީލާ ގުދުވެލާފައި ތުވާލި މެޔާއި ހަމައިގާ އޮޅައިލިއެވެ. އޭނަ ހުރީ ހުން އަންނަ ގޮތްވެފަ އެވެ. ބޮލުގައި ރިއްސާފައެވެ. ހަށިގަނޑުގައި ނުރިއްސާ ތަންކޮޅެއް ނެތެވެ.

"އަދިވެސް ހަމަ ކުޑަކުއްޖެއްހެން....ޗެސްޓްވެސް ގާތްގަނޑަކަށް ފްލެޓް.." ޒައިރާ ހައިރާންވީކަމަށް ހެދުނެވެ.

"ދޮންތާ ސްޓޮޕް އިޓް..." ކެމީލާ ހެމުން ބުނެލިއެވެ.

"ސީރިޔަސްކޮށް. ދޮންތަގެ ފްރެންޑެއްގެ ކޮއްކޮވެސް ޕީރިއެޑް ނުވެގެން އެމީހުން ކަންތައް ބޮޑުވެގެން ޑޮކްޓަރަށް ދެއްކީމަ ބުނީ ދުވަހަކު ކުއްޖެއްވެސް ނުލިބޭނެޔޯ. އޯވަރީއާއި ޔުޓްރަސްގެ ސައިޒް ވެސް ވަރަށް ކުޑައޭ...."

"އަހަންނަށް އަދި ފޯޓީން މިވީ.."

"މިޒަމާނުގައި ކުދިން ނުވަ އަހަރުން ވެސް ބޮޑުވޭ. ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމެންޓެއް ހަދަމާ...."

"ނޫން..." ކެމީލާ ތޫނުކޮށް ހަޅޭއްލަވައިގަތެވެ.

"އޯކޭ އޯކޭ...ތިހާ ތޫނުކޮށް ހަޅޭއްލަވައިގަތީމަ އިއާޑްރަމް ފަޅައިގެން ގޮސްފި. ބުނެބަލަ. ކީއްވެ ސައި ވެސް ނުބޮއި ނިދީ......" ޒައިރާ ކަންފަތުގައި އަތް އެޅި އެވެ.

"ވަރުބަލިވީ"

"ވާރޭގައި ތެމުނީމައޭ ބަލިވަނީ. ދޮންތަ ވާރޭދެކެ ލައިކް ނުވޭ. ބޭނުމީ ބަރަފް. އަޅެ ކީއްވެތަ މިރަށަށް ސްނޯ ނުވެހި ވާރޭވެހެނީ. އެކްސްޕްލެއިންކޮށްދީ ބަލަ..."

"ދޮންބެ ގާތުން އަހާނީ. ދޮންތާ ކައިގެން ބޯއިސް އޯވާ ފްލާވާސް ބަލާނީ ދޯ....."

"ހޫމް ކައިގެން ކުރަން އެނޫން މަސައްކަތެއް މި ދިގު ރޭގަނޑަކު ނޯވެއެއްނު. އެއްވެސް ދިރުމެއްނެތް މި ފަޅުރަށް ގަބުރުސްތާނެކޭ އެއްވަރެއްނު. އެކަމަކު ހަވީރު މޫދަށްގޮސް ސީރީޒް ބެލުމުން ލިބޭ އުފާ ކުޑައެއްނޫން. މާމަ ބުނާހެން އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުކުރަން ޖެހޭ. އަވަސްކުރޭ. ލިލީ އަށް ދޭން ގިފްޓެއްވެސް ގެނައިން. ކައިގެން އައީމަ އެ ދޭނީ..........."

ދެކުދިން ބޭނުންކުރަން ހުންނަނީ ވަކަރުން ހަދާފައިވާ އަލަމާރިއެކެވެ. ކޮންމެ ކުއްޖަކަށް ވީ ފަޅީގެ ތަޅުދަނޑި އޮންނަނީ އެކުއްޖެއްގެ އަތުގަ އެވެ. އަލަމާރިން ކެމީލާއަށް ވީ ފަޅީގައި އޭނަ ހުންނަނީ ނޫސްތަކުން ފެންނަ ރައީސުންގެ ފޮޓޯތައް ކަފާ ތަތްކޮށްފަ އެވެ. ރައީސުންނަށް ކެމީލާ ގަދަރުކުރެއެވެ. އޭނަ ކިޔަވަން ގެންގުޅޭ ފޮތްތަކާއި ހެދުންތައް އަދި އެހެނިހެން ސާމާނު ވެސް ހުންނަނީ އެބައިގައެވެ. ޒައިރާއަށް ވީ ސާމާނުތައް އޭނަގެ ފަޅީގަ އެވެ.

އެ އަލަމާރިއަކީ މާމަ ބުނާގޮތުން މާމައަށް ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި އަގުބޮޑު މުދާގަނޑެކެވެ. ދެން އޮންނަނީ ރަތްވިލާ ސަޓާނުފޮތީގެ ހެދުމާކާއި މުސްހަފެކެވެ. މުސްހަފާއި ހެދުމާއި އަލަމާރިއަކީ މާމަ ބުނާގޮތުން އާސާރީ އަގުބޮޑު އެއްޗެއްސެވެ. އަލަމާރި ހަދާފައިވަނީ ހައިވަކަރުންނެވެ. ކިތަންމެ ޒަމާންވިޔަސް ވަރުގަދަކޮށް ރީތިކޮށް ހުންނަނީ އެހެންވެ އެވެ. ޒައިރާއަކަށް ކޮންމެހެން އޭގެ އަގުބޮޑުކަމެއް ވަޒަންކުރާކަށް ނޭނގެ އެވެ. އޭނައަށް އެ އަލަމާރި ފެންނަނީ އެންމެ ހަޑި އެއްޗެއްގެ ގޮތުގައެވެ. ވާނީ އެހެންނޫން ހެއްޔެވެ. ޓީވީއިން އެދައްކާ މުއްސަދި ގެތަކުން ފެންނަ ކުލަކުލައިގެ ފަރުނީޗަރުތައް ފެނި އޭނަ އާޝޯޚުވެ އެވެ. ކޮންމެގޮތެއް ވިޔަސް އަލަމާރީގެ ބޭނުންތެރިކަން އޭނަ އަދި ކެމީލާ ވެސް ދަނެ އެވެ. އެކުދިންނަކީ ރެފިއުޖީއިންނޭ ބުންޏަސް ހެވެވެ. އެތައް ތަނަކަށް ހިޖުރަ ކުރެވިއްޖެ އެވެ. އެދާ ކޮންމެ ތަނަކަށް މި އަލަމާރި ވެސް އެކުދިންނާއި ވަކިނުވެ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައިވެ އެވެ.

ޒައިރާމެންނަށް ލިބުނު ލެޕްޓޮޕަކީ ކިޔާންގެ އެކުވެރިއަކު ބޭނުންކޮށްފައި އޭނަ އަގުހެޔޮކޮށް ގަތް އެއްޗެކެވެ. ކޮއްކޮމެންނަށް ހަދިޔާކުރީ އެވެ. އެކުދިން ފޫހި ފިލުވައިލަން އޭގައި ހުރި ކޮރެއަން ޑްރާމާސްތައް ރަގަޅުވާނެކަމުގައި އޭނަ ދެކުނެވެ. ޒައިރާއާއި ކެމީލާ މި ބަލަން ފެށީ އަދި ކިރިޔާ އެވެ. ދެތިން ޕާޓު ބެލުނު އިރު އެކުދިންނަށް ޝައުގުވެރިވި އެއްޗަކަށްވެގެން ރޭގަނޑަށް އިންތިޒާރު ކުރެވެން ފެށިއެވެ. ދުވާލު ސްކޫލަށް ދަމުން ވަޒީފާ އަދާކުރަމުން ދެކުދިން އެއްކޮށް އެފަދަ ކަމެއްގައި ތިބެވޭނެ ވަގުތެއް ނުލިބެނީ އެވެ.

ކެމީލާ އަލަމާރިން ނެގީ އަތްދިގު ކަޅުކުލައިގެ ޓޮޕަކާއި ޖިންސެކެވެ. އޭނައާއި ޒައިރާ އަތުގައި ވެސް ހިތްހަމަޖެހޭ ލާން ކަމުދާވަރުގެ އޮންނަނީ ދެތިން ހެދުމެވެ. އަތުގައި އޮތް އެންމެ ޖިންސްގެ ކަކުލާއި ދިމާލުން ވީދިފަ އެވެ. ކޮންމެ ދުވަހަކުހެން މޫދަށް އެރުމާއި އަވީގައި އުޅުމުގެ ސަބަބުން ކެމީލާގެ ހަންގަނޑު އަނދާ ރަން މުށިކުލައަށް ވެރިވެފައިވާ އިރު އިސްތަށިގަނޑު ވެސް އޮންނަނީ ގަދަ ޗޮކްލެޓްކުލައިގަ އެވެ. ޒައިރާ ގާތުން ދަސްކޮށްގެން ބައެއްފަހަރު އަމިއްލައަށް ވެސް އިސްތަށިގަނޑު ގަތާލަ އެވެ. ބައެއްފަހަރު ދެފަރާތަށް ބައިކޮށްލައިފަ އެވެ. ހިމަ ދިގު ބުމައާ އެކު ކެރަމެލް ކުލައިގެ ލޮލެއް އަދި ފިޔާތޮށިކަން ގަދަ ތުންފަތެއް ގުދުރަތުން ދެއްވާފައިވެ އެވެ.

ކެމީލާ ހެދުން ލުމަށް ފަހު ކާބަޔަށް ދިޔަސް ކާހިތެއް ނުވި އެވެ. ހުން ހުރީމަ ކެއުން ދެކެވެސް ފޫހިވީ އެވެ. ނަމަވެސް ގަދަކަމުން ކާލައިގެން ޒައިރާ ގާތު އެދުނީ ހަދިޔާއަށެވެ. ޒައިރާ ދަބަހުން ނަގާފައި ދިނީ ކުޑަ ނެއިލް ޕެއިންޓް ފުޅިއަކާ ލިޕްސްޓިކެކެވެ. ކެމީލާ ނިޔަފަތީގައި ކުލަ ނުޖެއްސިގެން އުޅޭތީއެވެ. މަޑު ފިޔާތޮށިކުލައެކެވެ. އޭނަ އުފަލުން ޒައިރާ ގައިގާ އޮޅުލައިގަތެވެ. އަވަހަށް ދުވެފައިގޮސް ލިޕްސްޓިކް ޖައްސާލައިގެން ނިޔަފަތިތައް ޕެއިންޓްކުރަން ތިރި ގޮނޑިއެއްގައި އިށީނެވެ.

"ކިއުޓް....." ޒައިރާ ބުނެލިއެވެ.

"ބަލާލަ މި ފައިތިލަ ވެސް..." ކެމީލާ ލޯބިކޮށް ހިނިތުންވެލަމުން ފައިތިލަ ދައްކައިލި އެވެ.

"ގޯހެއް ނޫން..." ޒައިރާ ބޯ ޖަހައިލިގޮތުން އޭނަ ގަޔާވިކަން އެނގުނެވެ. ޒައިރާ ގޮސް މާމަގެ ދުފާ ދަޅު މަތި ހުޅުވިތަން ފެނި ކެމީލާވެސް އެދިމާލަށް ދުއްވައިގަތެވެ.

"ނައު މައި ޓާން.." ޒައިރާ އޭނަގެ ފައިތިލަ ލިލީގެ އުނގަށްލައިގެން އުނދޯލީގައި އޮށޯވެލިއެވެ. ކެމީލާ އިރުއިރުކޮޅާ އެ ފުޅީގައި ވަސް ބަލައިލައެވެ.

"ކޮންމެ އެއްޗެއްގައި ވަސް ބަލާތީ އެ ހިއްސު ގަދަޔަށް މަސައްކަތްކުރާހެން ހީވޭ. އެހެންވެތާ ވާރޭގައި ސްމެލް ހުންނަކަމަށް ލިލީ ބުނަނީ. އަޅެ ދޮންތަކަށް ވާރޭގެ ސްމެލް ވަކިކުރާކަށް ނޭގޭ...."

"ބައްޕަ ދުއްވި ޑަމްޕަރުގެ ދުންގަނޑުގެ ވަސް އެއީ އެންމެ ފެވެރިޓް ސްމެލް. ކަރާސީނު ތެލުގައިވެސް މީރުވަހެއް ހުރޭ. ދަވާދާއި ޑަންލޮޕްގައިވެސް......."

"އަގް......" ޒައިރާ އަނގަޔަށް ނުބައިގޮތެއް ހަދައިލިއެވެ.

ޒައިރާ ކޮޓަރިއަށް ވަދެފައި ކެމީލާ އޮތް ގޮތުން ނިތްކުރީގައި އަތްލުމުން ހޫނުކަމުން އަތް ދަމައިގަނެވުނެވެ. ކެމީލާ ހުމާ ފިހެނީއެވެ. މިވީގޮތުން މިރޭ ޑްރާމާވެސް ފަނިވީއެވެ. ޒައިރާ އަވަހަށް މާމައަށް ގޮވައިގެން ޕެރެސެޓްމޯލް ގުޅައެއް ގެނުވައިގެން ކާންދިނެވެ. މާމަ ބުނީ މޫސުމްގެ ގޮތުން ބަލިވީ ކަމުގައެވެ. ކެމީލާއަކީ އެހާ ބަލިވާ ކުއްޖެއްވެސް ނޫނެވެ. ހުމެއް އަންނަނީވެސް ހާލަކުން ފަހަރަކުއެވެ. ޑޮކްޓަރަކަށް ނުދެއްކިޔަސް އަމިއްލައަށް ރަގަޅުވެދާނެއެވެ. މާމަ ދުޢާކޮށްފައި ކެމީލާގެ ގައިގާ ފިރުމިއެވެ.

ދެތިން ދުވަސްވީއިރު ވެސް ހުން ފިލާގޮތް ނުވުމުން ސާލިހާގެ ލަފާއާއެކު ކެމީލާ ގޮވައިގެން ޒައިރާ ސިއްހީ މަރުކަޒަށް ދިޔައެވެ. ކައުންޓަރަށްގޮސް އޭނަ ދަންނަ ޑޮކްޓަރުގެ ނަން ކިޔަން އުޅުނެވެ.

"ޑޮކްޓަރ އިލޮށި އުޅުއްވާތަ؟ "

"އިލޮށި ނޫން. ޑޮކްޓަރ ކައިލާޝް..." އެކުއްޖާ ރަގަޅުކޮށްލަދިނެވެ.

"ކޮންތާކު މީހެއް؟ކިޔާ ނަން ނަމުންވެސް ހަދާން ހުންނާނީވެސް ކިހިނެއްތަ؟ " ޒައިރާ އެހިއެވެ.

"އިންޑިއާ.."

"ހީވިއޭ." ޒައިރާ ކެމީލާގެ އައިޑީކާޑު ދިނެވެ.

"ތަންކޮޅެއް އަވަސްކޮށް ދެއްވައްޗޭ. މައި ސިސް އިޒް ރިއަލީ ސިކް..." ޒައިރާ އަދަބުވެރިގޮތަކަށް ވާހަކަދެއްކިއެވެ.

ނަމްބަރު ލިބުމުން ޝުކުރު އަދާކޮށްފައި ގޮސް ޑޮކްޓަރ ބައްލަވާ ކޮޓަރި ކައިރީ މަޑުކޮށްލައިގެން ތިބޭތާ އިރުގަނޑެއްފަހުން ދެއްކޭވަރުވިއެވެ. ވަރަށް އަވަހަށް ބޭސް ސިޓީ ލިޔެދިނުމުން ޒައިރާ ކެމީލާ އަތުގައި ހިފައިގެން ނުކުތެވެ.

"ޑޭމް..."

"ކިހިނެއްވީ..." ކެމީލާ އެހިއެވެ.

"ހީވާގޮތުން އޭނަ ހުރީ ފާޚާނާއަކަށް ދާން ޖެހި ލަސްވެފައި. މީހުން މޫނަށް ބަލާފައިވެސް ބަލި ދެނެގަންނަހާ އޭނަ މޮޅީކަމަށް ވެދާނެ. ހޫ ނޯސް." ޒައިރާ ފާމަސީއާއި ދިމާލަށް ހިނގައިގަތެވެ.

ގެއަށް އައި މަގުމަތީގައި ޒައިރާ ޗިޕްސްޕެކެޓަކާއި ކޯކްފުޅިއެއް އަދި ސުޕާރީ ގަނެދިނެވެ. އެއީ ކެމީލާގެ އެންމެ މީރު ކެއުމެވެ.

"މިއަދު ކާ ހިތްވަނީ ހުތް އެއްޗެއް. ކުންނާރު....." ކެމީލާ ގެއަށް ވަދެފައި ބުނެލިއެވެ.

"ލާހައުލަ ވަލާ ގުއްވަތަ...ދޮންތަ ބިރުން ހަލާކުވެއްޖެ. ބަލިކުދިން ކުންނާރު ކާތަން ހުވަފެނުން ފެނުނަސް އެމީހަކު މަރުވާކަމަށް މާމަ ބުނި........." ޒައިރާ ބޭސްކޮތަޅު ކެމީލާއަތަށް ދިއްކޮށްލިއެވެ.

"ސުޕަސްޓިޝަސް ވާކަށް ނުވާނެ..."

"އަހަރެން ބެނުމެއްނޫން ލިލީ މަރުވާކަށް.."ޒައިރާ ބުނެލިއެވެ. "އެބަ އަންނަން....."

ބައިގަޑިއެއްހާއިރު ފަހުން ޒައިރާ އައީ މޭވާ ކޮތަޅެއް ހިފައިގެންނެވެ. ދެވައްތަރުގެ ކުންނާރާއި މުރާކި ތޫތު އަދި ފޭރުވެސް އެކޮތަޅުގައި ވިއެވެ. ކެމީލާ ވަގުތުން ރަތްކުލައިގެ ކުންނާރު އަނގައިގާ ޖެހިއެވެ.

"މުންނަ ގެއިން ވަގަށް ބިނީ ދޯ....... "

"ތިހާ ސުވާލުނުކޮށް ދޮންތަ ދިން އެއްޗެއް ކާނީއޭ ލިލީ...އެނގޭތަ މަ މިހާރު ޑޮކްޓަރުގެ ތަރުޖަމާނަށް ވެއްޖެއެއްނު. އެ ވަޒީފާއަށް ދެން އެޕްލައި ކުރަންވީ. މާދަން މާމަ ދަތުގެ ޑޮކްޓަރަށް ދައްކަން ދާން އެބަޖެހޭ. ޔޫ ނޯ ވަޓް. ދޮންބެވެސް މާރަގަޅުވާނެ އެބުނާ އިލޮށިފަތްޗަށް ވުރެ. އެކަމަކު ދޮންބެއަށް ލިލީ ބަލިކަން އެނގިއްޖެއްޔާ ކިޔެވުން ހުއްޓާލާފައިވެސް އަތުވެދާނެ އެހެންވެ ނުބުނީ..." ޒައިރާވެސް ދޮންފޭރެއް ނެގިއެވެ. ޒައިރާއާއި ދެކުދިން މޭވާކާން ތިބިއިރު ދެން ދައްކަމުން ދިޔައީ ސީރީޒްގެ ވާހަކައެވެ. ހީހީފައި ވާހަކަދައްކަން ތިބިއިރު ދޭތެރެއަކުން ކުޑަދޮރުން އަލި ވެގެން ދިޔުމާއެކު ގުގުރީގެ ބާރު އަޑުން ފާރުތައްވެސް ގުގުމައިގެން ދެއެވެ.

***

ގަޑިއެއްހާއިރު ފަހުން ޒައިރާމެންގެ ބޮޑުދައިތަ މަރީނާ ޝަކުވާކުރާ އަޑު އިވުނެވެ. އެގޭ ވަލުގައި ހުރި ގަސްތައް ހުސްކޮށްލައިގެން ފާރުމަތިން އެރީ ޒައިރާކަން ޔަގީންވާ ކަމަށާއި އެގޮތަށް ވައްކަން ކުރަން ދަރިންނަށް ދަސްކޮށްނުދޭން މަރީނާ އެދުނެވެ. މާމަ ހުވާކޮށްފައި ބުނީ ޒައިރާ އެކަހަލަ ކަމެއް ނުކުރާނެކަމުގައެވެ. އޭނަގެ ދެލޮލުން އެ މަންޒަރު ފެނުނުކަމަށް ބުނުމުންވެސް ސާލިހާ ހިލާ ގަބޫލުނުކުރިއެވެ. އޭނަގެ ދަރިން އެކަހަލަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދިނެވެ.

"މަންމަ ޒައިރާމެންނަށް ނުދެނީއެއް ނޫން. ގަހުގައި އެއްޗެއް އަޅައިފިއްޔާ ގެނެސް އެބަދޭ. އަހަރެމެންގެވެސް ދަރިން ތިބެޔޭ. އެކުދިންނަށް ފޮނުވަން އުޅެނިކޮށް ވިއްޔަ.."

"ޒައިރާމެންގެ ބައްޕަ ނަވީން އާއި ދޭތެރޭ މަރީނާ އަދި ތި އާއިލާއިން އެހާ ނިކަމެތިކޮށް ކަންތައްކުރީ އޭނަ މަގޭ ދަރި ނާދިރާއާ އިނީމަ. އެންމެން އޭނައާއި ގުޅުން ކަނޑައިލީ. ޒައިރާގެ ބައްޕަ ފަރާތު އާއިލާއަކީ މިރަށު އެންމެ ގަދަރުވެރި އެންމެ ތަނަވަސް އާއިލާ ކަމަށްވާއިރު އެކުދިން އުޅެ ބޮޑުވީ ނިކަމެތިކަން މަތީގައި ކަން މަރީނާއަށްވެސް އެނގޭ. އެގޭ ގަހުގައި އަޅާ މޭވާއެއް ދިއްކޮށްލުމަކީވެސް ބޮޑުކަމަކަށް ތިވަނީ. ތިހާ ހިތް ނުބައިވާކަށް ނުވާނެ. އެވަރުން ނުވެގެން ކިޔާން ޖިލްވާއާއި ބެހުނުކަމަށް ބުނެ ހިމަ ރޮއްޖެއްހެން އޮތް ގުޅުންވެސް ކަނޑައިލީ.........." ސާލިހާ ވިސްނާދޭން މަސައްކަތްކުރިއެވެ.

"އެހެން ބުނީތަ؟ މަގޭ މިހިރަ ދެލޮލުން ދުށީ. އެ ކިޔާންގެ ވިޔާނުދާ އަމަލުގެ ސަބަބުން ނޫންތަ ހުރިހާކަމެއް އިތުރަށް ގޯސްވީ؟ދަރި ހިނގާނީ މައިންބަފައިން ދެއްކި މަގުން. ދެން އޮތީ ނާދިރާގެ އެ ތާހިރު ރީތި ދިރިއުޅުން އެންމެ ރަގަޅަށް އެނގޭނީވެސް ސާލިހާއަކަށް ނު. އެހެންވީމަ ސާލިހާވެސް ދަރިންގެ ހިމާޔަތުގައި އަޑު އުފުލާނެކަމެއްނެތް. މުސްކުޅިވެ އަރާމުކުރަން ޖެހުނުއިރު ދަރިން ބަލަން ޖައްސާފައި ނާދިރާ ރައްކާވީ. ކޮބާ ކިޔާން؟ އެސޮރު ދުނިޔޭގައި އެބަހުރިތަ. ރަގަޅަށްވިއްޔާ އޭނަވެސް ފިލީ.."

"އޭނަ ޑަކުތަރުކަން ކިޔަވަނީ...."

"ތި ޑަކުތަރުކަން ކިޔަވަން އޭނަގޮސް ހުއްޓާ މަގޭ ދަރި ޖިލްވާ ކިޔަވަން ދިޔައީ. ނިމިގެން އޭނަ ހަސްފަތާލުގައި މަސައްކަތް ފަށައިފި. އެވެސް މެލޭޝިއާއިން ކިޔެވީ. ސާލިހާ ތިހެން ކިޔާތާ ދިހައަހަރު މިވީ. ކިޔަވާށޭ ކިޔާފައި އޮޅުވާލާފައި އެސޮރު އެހެން ގަނޑެއް ގަންނަނީތަ؟" މަރީނާ ސުވާލުކުރިއެވެ.

"ކިޔާން ކޮންތާކު ހުންނަނީ؟ " މަރީނާއަށް ސާލިހާ ފެންކަޅިވީތަން ދެކެ އެފަކީރުގެ ހިތަށް އިތުރަށް ތަދުކުރާކަށް ނުކެރުނެވެ.

"އިންޑިއާގައި ކަންނޭގޭ. އެކަހަލަ ނަމެއް ބުނީ...."

"އެއީ މުޑުދާރު ތަނެއް. މަގުމަތީގައި ގެރި ތަކޯ އުޅެނީ. ތަންކޮޅެއް ތާހިރު ތަނަކަށް ފޮނުވިނަމަ..."

"ކިތައްފަހަރު ބުނާނީ އެކުއްޖާ ދިޔައީ މާލޭ ކޮންމެވެސް ބަޔަކު ޒަކާތު ފައިސާއިންނޭ. އެކަހަލަ ކޮންމެވެސް ޚައިރާތުގެ ފައިސާއިން ފޮނުވީމަ އެމީހުން ފޮނުވާ ތަނަކަށް ދެވުނީ. އަހަރެމެން އަތުގައި ކިޔައްވާނެ ފައިސާހުރީއެއް ނޫން. މަރީނާއަށް ލިބުނަސް އަދި މަށަކަށް އެވަރެއްނުވޭ......" ސާލިހާ ބުނެލި އެވެ.

***

"ޑަކުތަރުކަމާއި ހަސްފަތާލު...މިއީ ދިވެހި ނަންނަންތަ. އިޓްސް ލައިކް.. ރިއަލީ ފަނީ ދޯ......." ޒައިރާ މޭވާ އަލަމާރީގެ ތިރީބައިގާ ބޮނޑިއަކަށް ޖަހާފައި ހުރި ހެދުންތަކުގެ ތެރޭ ކޮތަޅު ފޮރުވިއެވެ. "މާމަ ގާތުގައި ނުބުނައްޗޭ........"

"ޔަގީން.." ކެމީލާ ގޮދަޑިމަތީ އިށީދެ ފާރުގައި ބުރަކަށި ޖައްސައިލިއެވެ.

"ކާފަގެ ވަލުތެރޭގައި ހުންނަ އެއްޗެހި އަހަރެމެންނަށް ހުއްދަވާނެ." ޒައިރާ ކޮނޑު އަރުވައިލި އެވެ. މާމައަށް ވީވަރަކުން ދީން އޮޅުން ފިލުވާ ދިނަސް އަދި ޒައިރާމެން ކިޔަވައިގެން ތިއްބަސް ބައެއްފަހަރު އެެފަދަ ކަންތައްތައް ބޮޑުކަންތަކެއްގެ ގޮތުގައި ނަގައި ނުގަނެވެނީއެވެ.

"ލިލީގެ ހުން ރަގަޅުވާނީވެސް މަޖާކޮށްލީމަ. ސީރީޒް ބަލަމާ.."

ޒައިރާ އަލަމާރީގެ އޭނައަށް ވީ ފަޅީގެ ދޮރުފަތް ހުޅުވާލިއެވެ. ކިޔާން ދީފައި ހުރި ބާ ލެޕްޓޮޕް އޭނަ ގެންގުޅެނީ ޖަވާހިރެއް ފަދައިންނެވެ. ވަގަކު ވަދެ ގެ ވަގަށް ނެގިޔަސް އޭނައަށް ހެވެވެ. އެކަމަކު އޭނަގެ ފުރާނަ ހުއްޓާ މިއެއް ނުގެންދެވޭނެ ކަމުގައި އޭނަވަނީ އަމިއްލަ ނަފުސަށް ވައުދުވެފައެވެ. އޭނަ ލެޕްޓޮޕް ހިފައިގެން އައިސް ކެމީލާ ގާތުގައި އިށީނެވެ. ހެޑްސެޓްގެ އެއްކޮޅު ކެމީލާގެ ކަންފަތުގައި އަނެއްކޮޅު ޒައިރާގެ ކަންފަތުގައި ޖަހައިގެން ދެކުދިން ސީރީޒް ބަލަން ތިއްބާ މާމައާއި މަރީނާ ބޯދިއްކޮށްލިއެވެ. އެހުރިހާ އިރުވާންދެން އެކުދިން ތިބީ ފިލްމު ބަލަން ކަމުގައި ބުނުމުން މަރީނާވެސް އެންމެފަހުން ގަބޫލުކޮށްފިއެވެ.

ސާލިހާއާއި މަނިކެއާ ދެމީހުންގެ ދަރިންކަމަށްވާ ނަވީންއާއި ނާދިރާގެ ކައިވެނި ކުރެވުނީ ބޮޑު ހަގުރާމައަކަށް ފަހުގައެވެ. އެދެމީހުންގެ ކައިވެނި ކުރިއިރު ކިޔާން ކުޑައެވެ. މަނިކެގެ އާއިލާ އޮތްގޮތަށް ނަވީންއާއި ގުޅުން ކަނޑާލިޔަސް ސާލިހާއާއި މަނިކެގެ ގުޅުން އޮތީ ރަގަޅަށެވެ. ކަތީބުއާއި މަނިކެގެ ދަރިންތައް ބޮޑެތިވެ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށް އުޅެނީ މުއްސަދިކަމާއި ނިއުމަތުގައެވެ. އެދެމީހުންނަށް ލިބޭ އުފަލެއް ނަސީބެއްނެތެވެ. ދަރިން ދެކޭހިތުން ލޯ ބޭގަރާރުވާއިރުވެސް އެ ނަސީބެއް ނުލިބެއެވެ. ރަށަށް އައިސް އުޅެނީ މަރީނާ އެކަނިއެވެ. މަރީނާ އެއްބަނޑު އެއްބަފާ މީހުންގެ ވާހަކަ ދައްކައި ފޮނިކަނޑާ ހިތްވާނެއެވެ. އެކަކީ ސިޔާސީ މީހެކެވެ. ޓީވީއާއި ނޫސްތަކުގައި މަޝްހޫރު ނަމެކެވެ. ދެން ހުރީ ވިޔަފާވެރިއެކެވެ. މާލޭ މީހަކާއި އިނދެގެން މާލޭގެ ރަށްވެހިކަން ލިބިފައެވެ. ދެ ދަރިންވެސް ކިޔެވީ ޑޮކްޓަރުކަމެވެ. އަންހެން ކޮއްކޮ އުޅެނީ މެލޭޝިއާގައެވެ. މަރީނާއަށް ލިބޭ ފައިދާތައް ވަކި މަދެއް ނޫނެވެ. ލަނީ ރީތި ހެދުމެވެ. ބުރުގާތަކެވެ. އަތުގެ ކޮންމެ އިނގިއްޔަކަށް އަނގޮޓިއެކެވެ. އަބަދު ހުންނަނީ އަގުބޮޑު ސެންޓެއް ޖަހާލާފައެވެ. އޭނަ ހިނގި މަގަކުންވެސް އެ ވަސްގަނޑު އަވަހަކަށް ފިލައިގެން ނުދާނެއެވެ. ދެމަފިރިން ހައްޖުވެ ބެންކޮކާއި މެލޭޝިއާއަށް އެތައް ފަހަރު ބޭސްކުރުވަން ދިޔައެވެ. ނަމަވެސް މައިންބަފައިން މާލެ ތަނަކަށް ބޭހަށް ގެންދަންވެސް ދަރިން އުޒުރުވެރިވެ އެވެ.

ސާލިހާއަށް ވަގުތު ވީވަރަކުން މަނިކެގެ ގޭގެ އޮޅު ގަނޑު ބަލަހައްޓާ މަސައްކަތްކޮށްދީ ހަދައެވެ. އޭނަ ގޭގެ ހުރިހާ މަސައްކަތެއްކޮށް މަނިކެގެ ދެމަފިރިންނަށް ވާވަރަށް ސާލިހާ ކައްކާ ހަދައެވެ. ކިތަންމެ އެކުވެރިކޮށް އުޅުނަސް މަނިކެއަށްވެސް ސާލިހާއަށް ދޭކަށް މާ ގިނައެއްޗެއް އަތުގައި ހުންނަނީއެއް ނޫނެވެ. ދަރިން މުއްސަދިވިޔަސް މަނިކެއެކޭ ސާލިހާއެކޭ މާ ބޮޑު ތަފާތެއް ނުހުރެއެވެ. މަނިކެ ދޭތެރެއަކުން އެގޭގައި ހުންނަ ފެންފޯއްރުކުން ފޯކާއި ބިލެތް އަދި މޭވާކޮޅެއް ގެނެސްދީފާނެއެވެ. އެވެސް ހަގީގަތުގައި ސާލިހާއަށް ވަރަށް ބޮޑު މިންވަރެކެވެ. މަނިކެގެ އިހުސާންތެރިކަން އޭނަ ފަހަރެއްގައިވެސް ހަދާން ނައްތައެއް ނުލާނެއެވެ. އޮޅަށް އެރި އަލަކަޑާ އަލަ ތެލުލަމުން އަދި ތެޔޮ ހާނާ ހެދުމުން ދޭތެރެއަކުން ފައިސާކޮޅެއް ދިނަސް އޭނަ ފޮރުވާފައި ބަހައްޓަނީ ކުދިންނަށްޓަކައެވެ. ދުންފަތާއި ބިލެތާއި ފޯއް ހިލޭ ލިބޭ އެއްޗަކަށްވާތީ ގުޑުގުޑާ އަދި ސުއްޓާއަކަށް ޚަރަދުކުރަން ނުޖެހެއެވެ.

***

ހަފްތާއެއް ހާ ދުވަހު ބޭސް ކެއުމުން ކެމީލާގެ ހުންގަނޑު ވިހެލި ނަމަވެސް އޭނަގެ މޫނުމަތި ދެމިލާ ހަމުގައި ހުންނަ ފިޔާތޮށިކުލަ ކެނޑިއްޖެއެވެ. ކުރިން ހުންނަ ހަކަތައެއް ނުހުރެއެވެ. ލަވައެއް ކިޔަން އުޅޭއިރަށް ނޭވާ ހުސްވެދެއެވެ. މާމަ އާއި ޒައިރާ ދެކޭގޮތުން ގަދަ ހުންގަނޑެއްޖެހުނީމަ ސިއްހަތު ރަގަޅުވާން ދުވަސްކޮޅެއް ނަގާނެއެވެ. ކެމީލާވެސް ހިތްވަރު ކޮށްފައި މާމަ ގެނެސްދޭ ކުރުނބާ އެއްޗެއްސާއި ބޮއިގެން ގަދަވާން މަސައްކަތްކުރިއެވެ. ނަމަވެސް އޭނަގެ ހަށިގަނޑުގައި ކުރިން ހުރި ބުންވަރެއް ނުހުރެއެވެ. މޫދާއި ހަމަޔަށް ދެވޭއިރު ނޭވާ ކުރުވެ ދޭތެރެއިން އަރާމުކޮށްލަން ޖެހެއެވެ.

ހުކުރު ދުވަސްކަމުން ޒައިރާއާއެކު ހަވީރު މޫދަށް ދާން ކެމީލާ ތައްޔާރުވިއެވެ. މާމަ ދިން ރުފިޔާއިން މެގްނަމް ގަނެގެން ކަމުން ކެމީލާ ދިޔައީ ތަންކޮޅެއް ކުރީގައި ހުރެއެވެ. އެހެންލާފައި ދިޔަ ފުރާވަރުގެ ފިރިހެންކުއްޖަކު ކެމީލާއާއި ފޮށެން އުޅުމުން ޒައިރާ ވެލިމުށްވަރެއް ނަގާ އެކުއްޖާއާއި ދިމާލަށް ހޫރާލުމުން އަނގަ ހޭވިފައި އިރުކޮޅަކު ހުރެފައި ދުއްވައިގަތެވެ. ޒައިރާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި އޮންނާތީ އެކުއްޖާ ހީކުރީވެސް ފިރިހެނެއްކަމަށެވެ. އެހާ އިސްކޮޅުން ދިގެވެ. ހިއްކެވެ. ގަޔަށް ދޫ ގަމީހަކާއިއެކު ދޫ ޖިންސެއްގައި ހުރުމުން ގިނަމީހުން ދެކެނީވެސް ފިރިހެންކުއްޖެއް ކަމަށެވެ. ޒައިރާ ކޮއްކޮގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

ދެކުދިން ވިނަ ވައުގަނޑުގެ ތެރޭ އޮތް ހަނި މަގަކުން ހިނގަމުންގޮސް އިށީދެލީ މޫދުތެރެއަށް ވެއްޓިފައިވާ ރުއްގަނޑެއްގެ މަތީގައެވެ. ޖިންސްގައި ލޮލުފެން ޖެހި ހަޑިވެދާނެތީ ކެމީލާ އިނީ ކަކުލާއި ހަމަޔަށް ޖިންސްގެ ފައިކުރި އޮޅާލައިގެންނެވެ. ޒައިރާއަށް ކެމީލާގެ ފައިގަ ހުރި ލޭ ތައުޅުވެފައިވާ ތަންގަނޑެއް ލޮލުގައި އަޅައިގަތެވެ.

"ކިހިނެއްވެފައި؟ "ޒައިރާ އެހިއެވެ.

"ގަހަށް އަރަނިކޮށް ތަނެއްގައި އަޅައިގަތީ ކަމަށްވާނީ..." ކެމީލާ އެތަނުގައި އަތްލިއެވެ.

"ތަދުވޭތަ؟"

"ކުޑަކޮށް....." ކެމީލާ މެގްނަމްގެ ކޯނު ކޮޅު ކައިލުމަށްފަހު އަތް ދޮންނަން މޫދަށް އަތްތިލަ ކޮށްޕައިލިއެވެ.

"ދޮންބެ ގާތު ބުނަންވީކަން ނޭގޭ. އިތުރު ޓެސްޓް ހައްދަން ދޮންބެ ކައިރިއަށްވެސް ގެންގޮސްފާނެއްނު...." ޒައިރާ ކުއްލިއަކަށް ފޯރިއައިސްގެން ހީގަތެވެ.

"ޔޫރަޕަށް......ޔެސް.. ހިނގާ ދަމާ.." ކެމީލާ ހިނި އައެވެ.

"ކޮރެއާއަށް ދާން ބޭނުމީ....."

"ދޮންތަ. ސީރިޔަސް؟ ކެން ވީ ގޯ.....ޔެސް އަހަރެމެން ކޮންމެހެންވެސް އެތަނަށް ދެވޭތޯ ބަލަންވާނެ. މަގޭވެސް ފެވެރިޓް ޕްލޭސް. އެކަމަކު ދޮންބެ ކިޔަވާ ނިމިގެން ޖޮބަށް ދާން ފެށީމަ އެކަން ވާނީ..." ކެމީލާ އިނީ ހިނިތުންވެލައިގެންނެވެ. ތާއަބަދު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެކެވެ.

"އަހަރެން ހާދަ ދުޢާކުރަމޭ މާމަ ބުނާ ގޮތުން ދުޢާކުރަންޏާ ކޮންމެވެސް ދުވަހަކުން އެކަމެއް ވާނެ. އެހެންވެ ނަމާދުކުރާ ކޮންމެ ފަހަރަކު ސަޖިދައިގާ އޮވެ ހަމަ ރޮއިފާ މާތްﷲއަށް އާދޭސް ދަންނަވަނީ. ބަކެޓް ލިސްޓް ދިގުކަމުން ހަންޑްރެޑް އެންޑް ވަން އަށް އަރައިފި. ހަންޑްރެޑް އެންޑް ވަންގައި އޮތީ ޗައިނާގެ ގްލާސް ބްރިޖަށް އެރުން. ލިލީގެ ޑްރީމްއަކީ......." ޒައިރާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

"ޕްރެޒިޑެންޓްއާއި މީޓްވުން. އެ ރޯޔަލް ފެމިލީއަށް އެޑްމަޔާ ކުރެވޭ. ފްރާންސްގެ ޓަވަރަށް އެރުން. ވައިޓް ޓައިގާއަކާއިއެކު ފޮޓޯއެއް ނެގުން. ރާނީގެ ބާތްޑޭއަށް ކޭކެއް އަޅާދިނުން އަދި ރައީސްއާއި ފަސްޓްލޭޑީގެ އެނިވާސަރީއަށް ކޭކެއް ހެދުން. ބޭކިން އެންޑް ޕޭސްޓްރީ އާޓްސްއިން ޑިގްރީހެދުން..........." ކެމީލާ ލޯ ކުޑަކޮށްލައިގެން ވިސްނުމެއްގައި އިނެވެ.

"ގެއަށް ދަމުން އިތުރު މެގްނަމެއް ގަންނަން ބޭނުން. މާމައަށް ދޭން. މާމަ ކާހިތް ނުވެއޭ ބުންޏަސް އަހަންނަށް ފީލްވަނީ މާމަ އޮޅުވާލަން ވެގެން އެހެން ބުނަނީ ކަމަށް. މީރު އެއްވެސް އެއްޗެއް މާމައަކަށް މީރުކަމަކަށް ނުވޭ. އަބަދު އަލައާއި ބަނބުކޭލާއި ގަރުދިޔަ ދެން ކާހިތްވާނެތަ؟ ގަދަކަމުން މިއަދު މާމައަށް ކާންދޭނީ. މިހެން ބުނަމާ. ދޮންބެއަށް ކޮލެޖުން އެއްވަނަ ލިބުނީމަ ސޮދަގާތަށް މެގްނަމް ބަހަނީއޭ. މާމަ ކޮންމެހެންވެސް ކާން ވާނެއޭ..." ކެމީލާ ބުނަމުން ދިޔައެވެ.

"ޔެސް. ބުއްދިވެރިވެސް ކުއްޖެކޭ. ތިގޮތަށް މާމަގެ ފީލިންގްސް ދެނެގަންނަން ދޮންތައަކަށް ނޭގުނު..."ޒައިރާ ކެމީލާގެ ކޯތާފަތުގައި ހިފާ ދަމައިލިއެވެ.

ސާލިހާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މެގްނަމެއް ކެއެވެ. މީރުވެސް ވިއެވެ. ނަމަވެސް ކުދިންނަށް މަދުވެދާނެތީ ދުލުން އެކަމަށް އިންކާރުކުރިއެވެ. އޭނަ ބުނީ ގަދަކަމުން ކިޔާންއަށްޓަކާ ދިރުވައިލީ ކަމުގައެވެ.

***

ރަށުގެ ފުއްޓަރު ފަރާތުގައި އޮތް ބޯ ވިނަގަނޑާއި ދިމާލުން ރަށުތެރެއަށް އަރައިގެން އަންނައިރު ގޮނޑުދޮށާއި އެންމެ ކައިރިއަށް ހުރީ ކުޑަ ކުޑަ ޖިފުޓިއެއް ވަރުގެ ގެއެކެވެ. ތެޅިގަލުން ރާނާފައެވެ. ގޯތިބޮޑެވެ. އަނބުގަހާ ބަނބުކެޔޮގަހެއްގެ އިތުރުން ސާލިހާ އިންދާފައިވާ ފަޅޯ އަދި މިރުސްފަދަ ގަސްތަކުން ގިފިލިއާއި ދިމާލު އޮންނަނީ ވާގަނޑެއްހެންނެވެ. ގެއަށް ވަންނަ ދޮރުކައިރީގައި ހުންނަ ޖޭމުގަހުގެ ސަބަބުން މެދުގޯތްޗަށް އިތުރު ފުރިހަަމަކަމެއް ގެނެސްދެއެވެ. ދޮން ޖޭމުތަކުން ފުރި ރަތް ކުދި ޖަވާހިރުފަދައިން ވިދާއިރު ބަލައިލަން ހިތްގައިމެވެ. ގޭގެ މެދުގޯތްޗަށް އޮންނަނީ ކަށިވެލި ލާފައެވެ. އެއްފަރާތުގައި ނަވީން ދުއްވި ޑަމްޕަރު ބައްވާފައި އޮންނައިރު ދޭތެރެއަކުން އޭގެ މައްޗަށް އަރާ ބައްޕައާއެކު ކުރާ ދަތުރުގެ ހަނދާންތައް އާކުރަން ދެކުދިން ތިބެއެވެ. ބައްޕަގެ އެކުވެރިއަކު މިހާރުވެސް ވެލި އުފުލަން ދޭތެރެއަކުން ޑަމްޕަރު ގެންގޮސް ހަދާނެއެވެ. އޭގެ އިންޖީނު ހިންގައިލާއިރު އަރާ ބޯ ދުންގަނޑުގެ ތެރޭ މަޖާވެލާފައި ކެމީލާ ހުންނާނެއެވެ. އެއީ ކިހާވަރެއްގެ ގެއްލުމެއް ހުރި ނުރައްކާތެރި ކަމެއް ކަން ވިސްނާކަށް ބޭނުމެއް ނޫނެވެ. އޭނަގެ ހަށިގަނޑުގެ ސެލްތަކަށް އެ ޒަތްޒާތުގެ ކެމިކަލްތަކުން ނޭދެވޭ ބަދަލުތަކެއް އައިސް ފުއްޕާމެއާއި ބޯންމެރޯފަަދަ ތަންތަނަށް ގެއްލުންވާކަމެއް ނޭގެއެވެ.

ކިޔާން އޭނަގެ ބެކްޕެކް ބުރަކަށީގައި އަޅުވާލައިގެން ދަބަސްތައް ދަމަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ލައިގެން ހުރީ އަތްކުރު ކަނޑުނޫކުލައިގެ ޓީޝާޓަކާއި ޑެނިމް ޖިންސެކެވެ. އާއްމު ދިވެހިންނަށްވުރެ އިސްކޮޅުން ދިގެވެ. ހަފޫޓް ތިން އިންޗިވަރުގެ އިސްކޮޅަކާއެކު ތެދު ހަށިގަނޑެއް ލިބިފައިވުމުން ދެކޭ ކޮންމެ މީހެއްގެ ސަމާލުކަން އަތުލައިގަނެއެވެ. ގަދަ މުށިކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލަފައެވެ. އެކަމަކު އިސްތަށިތަައް ވަރުގަދަކަމުން ޝޭމްޕޫ އިޝްތިހާރެއް ފަދައެވެ. ގަދަ ބުމައަކާއެކު ކަޅުކަންގަދަ އެސްފިޔަތަކުން ހިޔާއަޅާފައިވާ ރީތި ރީތި ލޮލެކެވެ. މޫނަށް ބަލާލަފައި އަމިއްލަ ނަފުސަށް އިތުބާރުކުރާ "ޗާމިން" ޒުވާނެއްގެ ގޮތްގަނޑު ހުއްޓެވެ. ކިޔާން އަންގާވެސް ނުލާ އައީ އޭނަގެ މާމައާއި ކޮއްކޮމެން ސިއްސުވާލާ އުފާކޮށްލުމަށެވެ. މަރީނާ ފެނިފައި އޭނަ އަވަސްއަވަހަށް ގަހެއްގެ ނިވަލަށް ވަނެވެ. ނޫނީ ޔަގީންކޮށް އޭނަގެ ސަޕްރައިޒް ފަނިކޮށްލާނެއެވެ. މަރީނާގެ ވިހަ ދުލަކީ ކިޔާން ދެކުނު އެންމެ ބިރުވެރި ހަތިޔާރެވެ.

ނުނިމޭ

comment ކޮމެންޓް