ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީން ހައްޔަރުކޮށްފި

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި ހުރި ބައެއް އިމާރާތްތަކާއި ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންދީފައި --- ފޮޓޯ: ފުލުހުން

ބ. ބޮޑުފިނޮޅުގައި އިހުތިޖާޖުކޮށް އެރަށުގައި ތިބި ދިވެހީންތަކެއް ރަހީނުކުރި މައްސަލައިގައި 19 ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިއްުޔެ ހެނދުނު 09:30 ހާއިރު ބޮޑުފިނޮޅުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން، އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދިން ކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުރަތަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ފުލުހުންނާއެކު އެދުވަހު އިރާކޮޅު ވަގުތެއްގައި ފުލުހުން އެރަށަށް ދިޔުމުން އެ މީހުން ވަނީ ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ބޯދަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބި ބ. އަތޮޅު ހޮސްޕިޓަލުން އެ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ފުލުހެއްގެ އިނގިލި ބިންދައިގެން ދިޔައިރު އެހެން ފުލުހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭގޮތަށް ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓަކާއި ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުން ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް ދިވެހީން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފާހަގަކޮށްފައިވާގޮތުގައި އެ ޓީމު ބޮޑުފިނޮޅަށް ދިޔަފަހުން އެއްވެސް ހަމަޖެހުމެއް ހިނގާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން އެ ރަށުގައި ހަމަނުޖެހުން ހިންގި ކަމަށް ފާހަގަވީ 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކޮށް، ހަމަނުޖެހުމުގައި ޝާމިލުވާ މީހުން ދެނެގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެ މައްސަަލަތައް ދަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓް އާއި ހިއުމަން ޓްރެފިކް ޑިޕާޓްމެންޓް ގުޅިގެން ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް