މަރު ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަންކޮށްދޭން އެދިއްޖެ

ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މަލޭގައި ކުރިއަށްގެންދާ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޑީޕީ

މަރާލާފައިިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގައި އެހީތެރިވުމަށް، ރާއްޖެއިން ބޭރުން ތަހުގީގުގެ ދާއިރާގެ މާހިރަކު އައްޔަންކޮށްދޭން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެއެވެ.

ރިޟްވާންއާއި ޔާމީންގެ އާއިލާއިން ވަނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށްފައެވެ. ބައްދަލުވުމަށްފަހު ދެ އާއިލާއިން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ހުރިހާ މައްސަލަތަކެއްގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެން އެދޭކަމަށެވެ.

އެހެންކަމުން އެކަން ކަށަވަރުކޮށްދިނުމަށްޓަކައި، މަރު ކޮމިޝަނަށް ރާއްޖެއިން ބޭރުން ތަހުގީގުގެ ދާއިރާގެ މާހިރަކު އައްޔަންކޮށްދެއްވައި ކޮމިޝަންގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދިފައި ވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އާއިލާތަކުގެ މި އެދުމަށް ރައީސް އިޖާބަދެއްވާފައިވުމަކީ އާއިލާތަކުން މަރުހަބާ ކިޔާކަމެކެވެ. އަޅުގަނޑުމެންގެ އުންމީދަކީ ހުރިހާ އާއިލާތަކަށް ލަސްނުވެ އިންސާފު ލިބުމެވެ." ބަޔާނުގައިވެއެވެ.

އެ ބައްދަލުވުމުގައި ކޮމިޝަންގެ މަސައްކަތްތަކުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންތައްތައް ވެސް އާއިލާތަކުގެ ފަރާތުން ވަނީ ރައީސް އާ ހިއްސާކޮށްފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲގެ މަރުގެ މައްސަލައާއި، ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެކެވެ.

އެ ތިން މަރުގެެ ވެސް މުގުލުގައި ތިބީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދު ކަމަށް މަރުކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން ކޮމިޝަނުން ޕީޖީ އަށް ފޮނުވި ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއިން އެނގުނު ގޮތުގައި، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށް ބައިއަތު ހިފި ބައެކެވެ.

ރިލްވާންގެ މަރުގެ ރިޕޯޓު ނެރުމަށް ފަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި މަޒީދު ދިރިއުޅޭ ގާކޮށި ފްލެޓުވެސް ބަލައި ފާސްކުރި އެވެ. އެކަމަކު، ސާމިތު ދިރިއުޅޭގެ ބަލާ ފާސްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ރިލްވާން މަރުގެ މައްސަލާގައި މީގެކުރިން ވަނީ ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އެ ދައުވާ ސާބިތެއް ނުވެ އެވެ.

comment ކޮމެންޓް