ހޮންކޮންގްއާ ބެހޭ ގޮތުން އިނގިރޭސިވިލާތާއި ޗައިނާއިން ދެބަސްވުމަކަށް

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާތަކުގައި ގާތްގަނޑަކަށް 400 މީހުން ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮންގް (ޖުލައި 2): ޗައިނާއިން ފާސްކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނާ ގުޅިގެން، ހޮންކޮންގްގެ ބައެއް ރައްޔިތުންނަށް ރަށްވެހިކަން ދޭނެކަމަށް އިނގިރޭސިވިލާތުން ބުނުމާ ގުޅިގެން ޗައިނާއިން ނުރުހުން ފާޅުކޮށްފި އެވެ.

ޗައިނާއިން މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، އަމަލުކުރަން ފެށި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ އެ ސަރަހައްދުން ޗައިނާގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ސިއްރިއްޔާތުގައި މަސައްކަތް ކުރުން މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

އިނގިރޭސިވިލާތުން ވަނީ އެ ގާނޫނު ފާސްކޮށްފައި ވަނީ އެގައުމުން 1997ގައި ހޮންކޮންގް، ޗައިނާއާ ހަވާލު ކުރި އިރު ދެ ގައުމުގެ މެދުގައި ހެދި އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެފަ އެވެ. އެ އެއްބަސްވުމުގައި "އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލުގެ ދަށުން 2047އާ ޖެހެންދެން ހޮންކޮންގްއަށް ޗައިނާއިން އިތުރު މިނިވަންކަން ދޭން ޖެހޭނެކަމަށް ބުނެފައިވެއެވެ.

ނަމަވެސް ޗައިނާއިން ފާސްކުރި އާ ގާނޫނާއެކު އެ މިނިވަންކަން ގެއްލިގެންދާނެ ކަމަށް ހޮންކޮންގެ ބައެއް ރައްޔިތުން ބުނެއެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޗައިނާއިން އެ ގާނޫނާއިގެން ކުރިއަށްދާ ނަމަ އެގައުމުން ހޮންކޮންގްގެ ރައްޔިތުންނަށް އިނގިރޭސި ރައްޔިތުކަން ހޯދޭނެ ގޮތެއް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތަށް ރަށްވެހިކަން ދޭން ހަމަޖެހިފައި ވަނީ ބްރިޓިޝް ނޭޝަނަލް އޯވަސީސް (ބީއެންއޯ) ޕާސްޕޯޓް އޮންނަ ހޮންކޮންގްގެ 300،000 ވަރަކަށް ރައްޔިތުންނަށާއި އެ ޕާސްޕޯޓަށް އެދުމަށް ޝަރުތު ހަމަވާ އިތުރު 2.6 މިލިއަން މީހުންނަށެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވި ގޮތުގައި އެގައުމުން އެ ބަދަލު ގެނެސްފި ނަމަ، ބީއެންއޯ ޕާސްޕޯޓު އޮންނަ ހޮންކޮންގްގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން އިނގިރޭސިވިލާތުގައި މަސައްކަތް ކުރުމަށާއި ކިޔެވުމަށް ފުރުސަތު ލިބޭނެ އެވެ. އަދި އޭގެ ފަހުން އެގައުމުގައި ދިރިއުޅޭ ކަމަށް "ސެޓްލްޑް" ސްޓޭޓަސް ލިބި، އޭގެ އެއް އަހަރު ފަހުން ރަށްވެހިކަމަށް އެދެވޭނެ އެވެ.

ނަމަވެސް ޗައިނާއިން ވަނީ އިނގިރޭސިވިލާތުގެ އެ ހުށަހެޅުމަށް ފާޑު ކިޔާފަ އެވެ. އަދި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ހޮންކޮންގް މިނިވަން ކުރުމުގެ ކުރިން އެގައުމުން ވަނީ ހޮންކޮންގްގެ ރައްޔިތުންނަށް އިނގިރޭސި ފުރިހަމަ ރަށްވެހިކަން ނުދޭނެ ކަމަށް ވައުދުވެފައި ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން ހޮންކޮންގްގެ ރައްޔިތުންނަށް ރަށްވެހިކަން ދޭނަމަ އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ޗައިނާއިން ދިނެވެ.

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނު ފާސް ކުރި ފަހުން އިއްޔެ އެ ސިޓީގައި މުޒާހަރާ ކުރި އެތައް ހާސް މީހުންގެ ތެރެއިން 300އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަމަނާ ބެހޭ ގާނޫނުގެ ދަށުން ހައްޔަރު ކުރި 10 މީހަކުވެސް ހިމެނެ އެވެ. އަދި އެ 10 މީހުންގެ ތެރޭގައި ހޮންކޮންގްގެ މިނިވަން ކަމަށް ގޮވާލާ ދިދައެއް ވިހުރުވާލި 15 އަހަރުގެ އަންހެން ކުއްޖެއްވެސް ހިމެނެ އެވެ.

comment ކޮމެންޓް