ބަލީގެ އަލާމާތް ހުންނަ މީހުންތައް އަނެއްކާވެސް މަގުމަތިން އެބަ ފެނޭ: ޑރ. ނަޒްލާ

ޑރ. ނަޒްލާ ރަފީގު --- ފޮޓޯ/ އެންއޯއީސީ

ކޮވިޑް-19 ވައިރަސްގެ އަލާމާތްތައް ހުރެ އަދި ބަލި މީހުން އެކަން އެނގި ހުރެވެސް ބޭރަށް ނުކުންނަ މައްސަލަތަކެއް އަނެއްކާވެސް ފެންނަން ފަށާފައިވާ ކަމަށް ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ އަލާމާތްތައް ނުވަތަ ޕޮޒިޓިވް މީހުން ބޭރަށް ނިކުތުމުގެ މައްސަލަ ވަރަށް ބޮޑުތަން ރަނގަޅުވެފައި އޮވެ އަލުން އެފަދަ ކޭސްތައް ހިމެނޭ މީހުން މާލޭގެ މަގުމަތިން ފެންނަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަންތައް ވަރަށް ރަނގަޅުވެފައި އޮވެފައި މިހާރު ފެންނަ ބައެއް ކޭސްތަކުގައި މަޑުމަޑުން ފާހަގަކުރެވޭ އަނެއްކާ، ބަލީގެ އަލާމަތްތައް ހުރެ ވަރަށް ގިނަ ދުވަސްވާއިރުވެސް ބައެއް ފަހަރު އޮފީހަށް ނުކުންނަވާފައި އެބަހުރި، އަދި ޓެސްޓު ކުރުމަށް ގުޅާފައި ނުވާ އަދި ފްލޫ ކްލިނިކަށް މި ބޭފުޅުން ވަޑައިގަނެފައި ނެތް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް ކަންތައް ކުރާ ކަމުގައިވާނަމަ އޭގެ ސަބަބުން އެމީހެއްގެ ފަރާތުން ވަރަށް ގިނަ އެހެން ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު އުފެދިގެން ދާ ކަމަށެވެ.

"ވީމާ ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަކަށް ފްލޫ ކްލިނިކަށް ވަޑައިގެންނެވުމަކީ ތިމާގެ ފަރާތުން އެހެން ފަރާތްތަކުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އޮތް އެންމެ މުހިއްމު އެއް ފިޔަވަޅު،"ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން ވައިރަސްގެ އަލާމާތްތައް ހުރި އެއްވެސް މީހަކު ބޭރަށް އެއްވެސް ކަމަށް ނުދިޔުމަށް ޑރ. ނަޒްލާ ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް