"ތުހުމަތުވާ މީހުން ދޫކޮށްލީ އެއީ މައްސަލަ ސާބިތުކުރަން އެންމެ ރަނގަޅު ގޮތްކަމަށް ވުމުން"

މިއަދުގެ ކޮމެޓީގައި ފުލުހުން -- ފޮޓޯ/ މަޖިލިސް

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވި ހައްޔަރުކުރި ދެމީހުން ދޫކޮށްލީ، އެއީ އެވަގުތަށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރު މައްސަލަ ސާބިތުކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވުމުން ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހުޅުމާލެ ލަކުޑި ޖެޓީން ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ނަމަވެސް އެ ދެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަަމަށް ބުނެ ފުލުހުން ވަނީ ދެމީހުން ވެސް ދޫކޮށްލައިފައެވެ.

ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފައެވެ. އަދި އެ މައްސަލައިގައި ފުލުހުންނަށް ސިޔާސީ ނުފޫޒެއް ފޯރުވާފައިވާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމަށް ފުލުހުން ވަނީ ހާޒިރުކޮށްފައެވެ.

އަމަލުކުރީ ޖިންސީ ގޯނާގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ ގޮތަށް

ކޮމިޓީގައި ވާހަކަދައްކަވަމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އިންޗާޖު، މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވާނީ ރަނގަޅަށް ކަމަށާއި، ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތުތައް ފުރިހަމަކޮށްފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ ހުށަހެޅުނީ، އެދުވަހުގެ ފަތިހު، ތިން މީހުން ހުޅުމާލެ ލަކުޑި ޖެޓީ މަތީގައި ތިބުމުން ހުޅުމާލެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުން އެތަނަށް ގޮސް ސުވާލުކުރުމުން އަންހެން މީހާ ދިން މައުލޫމާތުން ކަމަށެވެ.

"އެތަނަށް ގޮސް، ފުލުހުން ސުވާލުކުރީމާ ވިކްޓިމް މި ބުނަނީ ތިމަންނަގެ ފޯނު މި މީހުން ނުދީގެންނޭ މިއުޅެނީ. ތިމަންނަ މި ސަފާރީއަށް ރަހުމަތްތެރިއެއްގެ ދައުވަތަކަށް ގޮސް، އެރޭގެ 11 ޖަހާކަށްހާއިރު ދައުވަތަކަށް ގޮއްސައޭ މި އައީ. މި މީހުންގެ އަތުގައޭ ތިމަންނަގެ ފޯނު ވެއްޖެއޭ ފޯނު ނުލިބިގެންނޭ މި އުޅެނީ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ތިން މީހުން ޕޮލިސް ސްޓޭޝަން ގެންދެވުނީ ވެސް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ ފޯނެއްގެ މައްސަލައިން ވާހަކަ ފެށުނު ނަމަވެސް، މައްސަލަ ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އަމަލުކޮށްފައި ވާނީވެސް ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، "އެހެންޏާވެސް އަމަލުކުރާނެ ގޮތަށް" ކަމަށް މަންނާނު ވިދާޅުވިއެވެ.

ޖެނުއަރީ 18، 2020: ޑެޕިއުޓީ ކޮމިޝަނަރު އޮތް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފުލުހުންގެ ޕެޓްރޯލްމަންއާ ބައްދަލުވި މީހަކު ދެއްކި ވާހަކައަކުން ފުލުހުންގެ ޕެޓްރޯލްމަނަށް މި ވަޒަންކުރެވުނީ އޭނާއާމެދު ޖިންސީ ގޯނާގެ އަމަލެއް ހިނގައިފިކަމަށް ތުހުމަތު ކުރެވޭ ކަހަލަ މައުލޫމާތެއް ލިބިގެން. ދެން އެ މައްސަލަ އެގޮތަށް ރެކޯޑުކުރެވިގެން ފުލުހުންގެ ތަހުގީގު އެހިސާބުން ފެށިގެން ހިންގިފައޭ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބުނާ ޖިންސީ ގޯނާއެއް ކުރި ކަމަށް ހުށަހެޅިފައި އޮތް މައްސަލައެއް ގޮތުގައި،" މަންނާނު ވިދާޅުވިއެވެ.

މައްސަލައިގައި ފުލުހުން އަމަލުކުރިން ގޮތް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، ހިއުމަަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

މަންނާނު ވިދާޅުވީ އެ އިދާރާތަކުން މައްސަލަ ތަހުގީގުކޮށް ނިންމާ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް، ފުލުހުން މި މައްސަލައިފައި އަމަލުކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް މިހާތަނަށް ފެންނަން އޮތް ކަމަށެވެ.

"އަޅުގަނޑަށް މިހާރުވެސް ދަންނަވާލަން ހަމަ ވަރަށް ސާބިތުކަމާއެކު ކެރޭނެ، ފުލުހުން އަމަލުކޮށްފައި ހުރީ ފުލުހުންގެ އިޖުރާއަތުތަކާ އެއްގޮތަށޭ. ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުމެންނަށް އަދި ފެންނަން އޮތީ އެގޮތަށް،" މަންނާނު ވިދާޅުވިއެވެ.

އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަމުގެ ޔަގީންކަން ދެން!

މި މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ، އެ ދެމީހުންނަކީ ސިޔާސީ ފަރާތްތަކަކާ ގުޅުންހުރި ބަޔަކަށް ވާތީކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވެއެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލަން، އެއްވެސް ފަރާތެއްގެ، އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން މި މައްސަލައާ ގުޅޭ އެއްވެސް ޑިޒިޝަނެއް މިހާތަނަށް ނަގާފައެއް ނޯންނާނެ،" މަންނާނު ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މަންނާނު ވިދާޅުވީ ތުހުމަތުވާ މީހުން ހައްޔަރުކުރެވުނީ ސީނަށް ދިޔަ ފުލުހަކަށް އެވަގުތި ލިބުނު މައުލޫމާތަށް ބަލައި، އެ އޮފިސަރަށް ލިބިހުރި ތަމްރީނާއި ތަޖުރިބާއަށް ބަލައި، އެމީހުން ހައްޔަރުކުރަން ޖެހޭކަމަށް އެ އޮފިސަރަށް ވިސްނުމުން ކަމަށެވެ.

އަދި އަންހެން މީހާ ޑޮކްޓަރަށް ދެއްކުމާއި މައްސަލައިގެ ބަޔާންތައްވެސް ނަގާފައި ވަނީ އެކަމަކާ ހަވާލުވެތިބި ބަޔަކު އެބައެއްގެ ކުރިމައްޗަށް ގެނެވުނު މައުލޫމާތުގެ މައްޗަށް ބުރަވެ، އެއްވެސް ނުފޫޒެއް އަދި އެއްވެސް ބިރެއް ނެތި ކަމަށް މަންނާނު ވިދާޅުވިއެވެ.

އެމީހުން ދޫކޮށްލީ ކުށް ސާބިތުކުރަން އެންމެ ރަނގަޅު ގޮތްކަމަށް ވުމުން!

އެ މައްސަލައިގައި މީހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ގޮތް ތަފްސީލުކޮށްދެއްވަމުން ހުޅުމާލޭ ސްޓޭޝަން އިންޗާޖު، ރަޝީދު ވިދާޅުވީ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ބަންދުގައި ބޭތިއްބުމަށްވުރެ، ފުލުހުން އިސްކަންދެނީ މައްސަލަ ސާބިތުކުރަން ކަމަށެވެ.

އެހެންކަމުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި ބަހައްޓައި، ހެއްކި ނެތިގެން ދޫކޮށްލަން ޖެހުމަށްވުރެ، ފުލުހުންނަށް ފައިދާ ބޮޑީ ތުހުމަތުވާ މީހާ ދޫކޮށްލާފައި ބަހައްޓައިގެން، ދިގު މުއްދަތު ނަގައިގެން ވިޔަސް މައްސަލަ ސާބިތުކުރަން ހެކި ހޯދަން ވަގުތު ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އެވަގުތަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި އަޅުގަނޑުމެންނަށް ނިންމުނީ މީ މި ވަގުތުގައި ހައްޔަރަށް ވުރެ އަޅުގަނޑުމެންނަށް ރަނގަޅުވެގެން ދާނޭ، ވަގުތު ލިބިގެންދާނޭ ސަސްޕެކްޓް ދޫކޮށްގެން މައްސަލަ ތަހުގީގު ފުރިހަމަކޮށްފަ ޝަރީއަތަށް ހުށަހެޅުން. އެއީ އަޅުގަނޑުމެން ބެލީ މައްސަލަ ސާބިތުކުރަން އެންމެ ރަނގަޅު ގޮތް ކަމަށް މި ކޭސްގަ. އަދި ހުރިހާ ކޭސްތަކެއް ވެސް ގެންގުޅޭ މިންގަނޑެއް އެއީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހަކު ވަގުތީ ގޮތުން ބަންދުގައި ބެހެއްޓުމަށް ވުރެ ފުލުހުންގެ އަމާޒަކަށް ވާންޖެހޭނީ ކުށް ސާބިތުކުރުން ކަމަށެވެ.

"އެހެންވީމަ އެގޮތުން މި ކޭހުގަ ވެސް އަޅުގަނޑުމެން އެވަގުތަށް ވިސްނާފަ އޮތީ، ޑިޒިޝަންތައް ނެގިފައި ހުރީ އެ މޭރުމުން. އެވަގުތަށް ލިބިފައި ހުރި މައުލޫމާތާ ހެއްކަށް ބަލާއިރު އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އެވަގުތު ހައްޔަރުން ދޫކޮށްފައި، ފަހުން މި މައްސަލަ ތަހުގީގުކޮށްގެން ޝަރީއަތަށް ހުށަހަޅުން ކަމަށް. ނޫނީ ހައްޔަރުކުރަން ޖެހިއްޖެއްޔާ ފަހުން ހައްޔަރު ކުރަން ކަމަށް،" އޭނާ ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން އެ ސަފާރީ ވެސް ފުލުހުން ބަލާފައިވާ ކަމަށެވެ. އަދި ސަފާރީ ބަލައިފާސްކޮށް އެ ރޭ ސަފާރީގައި ތިބި މީހުންނާ ވާހަކަދައްކަން ބޭނުންވާ ކަމަށް އަންގާފައިވާނެ ކަމަށާއި، ނަމަވެސް އެމީހުން ވަކީލަކާ ނުލައި ބަޔާން ނުދޭނެ ކަމަށް ބުނުމުން، އެވަގުތު ބަޔާން ނެގިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކޭސް ތަހުގީގުު ކުރުމަށް ހަވާލުވެ ހުރި ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ، ސަފާރީގެ ކެޕްޓަން، އަންހެން މީހާއަށް ބަނގުރާ ދިން ކަމަށް ބުނާ މީހާ އާއި ތުހުމަތު ކުރެވޭ ދެ ފަރާތާ، ވިކްޓިމް އާ މިހާތަނަށް ސުވާލުކޮށްފައިވާނެ ކަމަށެވެ.

މިއަދުގެ ކޮމިޓީގައި މަންނާނު ވިދާޅުވީ އަދިވެސް މައްސަލައާ ގުޅޭ އިތުރު ހެކިތައް ލިބުމުގެ ފުރުސަތު އޮތް ކަމަށް ފުލުހުން ގަބޫލުކުރާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ މައްސަލައިގެ ތަހުގީގު ނިންމާ މަޝްވަރާއަށް ޕީޖީ އާ ހަމައަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް