ޖިންސީ ކުށުގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ނަގާ މުއްދަތު ކުޑަކުރެެވިއްޖެ

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރާ އަޅާ ބަލާއިރު، ޖިންސީ ކުށްތަކުގައި ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ދައުވާކޮށް މައްސަލަތަށް ކޯޓަށް ހުށަހަޅަން ނަގާ މުއްދަތު މި އަހަރު ކުޑަކުރެވިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިއަދު ޓްވިޓާގައި އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 122 ދައުވާއެއް ކޮށްފައިވެއެވެ. އަދި މި ދައުވާތައް ކުރަން އެވަރެޖުކޮށް ނެގި މުއްދަތަކީ 71.5 ދުވަސް ކަމަށް އެ ތަފާސްހިސާބުތަކުގައިވެެއެވެ.

ނަމަވެސް، މި އަހަރު އެފަދަ ކުށްތަކުގައި ދައުވާ ކުރަން ނަގާ މުއްދަތު ވަނީ ކުޑަކުރެވިފައެވެ. މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 106 މައްސައެއްގައި ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލަތައް ކޯޓަށް ހުށަހަޅަން އެވަރެޖުކޮށް ނެގި މުއްދަތަކީ 39.5 ދުވަހެވެ.

އެހެންކަމުން، މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރު ޖިންސީ ކުށުގެ މައްސަލަތަކުގައި ދައުވާ ކުރަން އެވަރެޖުކޮށް ނަގާ މުއްދަތު ގާތްގަނޑަކަށް 32 ދުވަސް އަވަހެވެ.

"މިއަހަރު، ހާދިސާ ހިނގާ ދުވަހުން ފެށިގެން 39.5 ދުވަސްތެރޭގައި ދައުވާ އެބަ ކުރެވޭ. މިދިޔަ އަހަރު 71 ދުވަސް ނެގި. ވީމާ، މަސައްކަތް އެބަ ކުރެވޭ. ރަނގަޅުވެސް ވޭ. އެކަމަކު، ރަނގަޅުކުރަންޖެހޭ ބައި އަދިވެސް ވަރަށް ބޮޑު. މިބާވަތުގެ އެންމެ މައްސަލައަކީވެސް މާ ގިނަ މައްސަލަ،" ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޕީޖީއިން މި ތަފާސްހިސާބުތައް ހިއްސާ ކުރި އިރު، މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ކެންޔާގެ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި އެ މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތްވެސް ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން އެބަދެއެވެ.

އޭގެ އިތުރުންވެސް ޖިންސީ ގޯނާގެ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން، އިއްޔެ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ އެ ކުއްޖާ ބަނޑުބޮޑުވުމުންނެވެ.

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މަައްސަަލައަކާއި، ބްލްކްމެއިލްކޮށްގެން 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއްވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. މި މައްސަލަތަކުގައި މިހާރު ވަނީ ދައުވާކޮށްފައެވެ.

އޭގެ އިތުރުން، މިފަދަ މައްސަލަތައް ގިނަވާތީ ޖިންސީ ގޯނާއާ ދެކޮޅަށް މި ހަފްތާގެ ތެރޭގައި މާލޭގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް