ނިރުބަވެރިޔާ - ފަހު ބައި

އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

މާޒިންއާއި އާލިޔާގެ ކައިވެނި ދެވަނަފަހަރަށް ކުރެވުނީ އެހާ ދެއްކުންތެރި ވަރުގަދަ ހަފްލާއެއް ބާއްވައިގެނެއް ނޫނެވެ. ނަމަވެސް ބޭނުންވާ ކޮންމެ މީހަކަށް އެ ހަފްލާގައި ބައިވެރިވެވޭނެހެން ބޮޑު ހަފްލާއެއްގެ ގޮތުގައެވެ. ރައީސްގެ ދަރިފުޅުގެ ކައިވެނީގައި ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށް އެ ބޭއްވި ހަފްލާގެ ސަބަބުން އެންމެންގެ ހިތްތައް ތައުރީފުން ފުރުނެވެ. މިފަހަރު މާޒިން ނިންމީ ވަގުތުން ހަނީމޫނަށް ފުރުމަށެވެ. އެއީ ޚަރީފު މޫސުމްކަމުން ޚަރީފު މޫސުމާއި ފިނިމޫސުމްގެ ދުވަސްކޮޅެއް ޔޫރަަޕްގައި ހޭދަކޮށްލަން އޭނަވަނީ ޝެންގެން ވިސާއެއްވެސް ނަގާފައެވެ. މިފަހަރު އިތުރު މީހަކާއި ނުލާ ދެމީހުން އެކަނިވެރި އުފާވެރި ހަނީމޫނެއް ވޭތުކޮށްލަން ނިންމީއެވެ. ފްރާންސް ސްވިޒަލޭންޑް އިޓަލީ އަދި ނެދަލޭންޑްސްއަކީ އެއް އިރެއްގައި އާލިޔާވެސް އެންމެ ދާ ހިތްވި މަންޒިލްތަކެވެ. މިފަހަރު ޚަރީފުމޫސުމްގައި އެ މަންޒިލްތަކަށް ފިރިމީހާއާއެކު ދަތުރުކުރުމުގެ ނަސީބު ލިބުނީއެވެ. ކުޑައިރުގެ ދުޢާވެސް އިޖާބަވީއެވެ. ގެއަށް ވަދެ ތައްޔާރުވެލައިގެން އަވަސްވެގަތީ ފުރަން ދިޔުމަށެވެ. އެތަނަށް ފޯރިއިރު ކައުންޓަ ކްލޯޒް ކުރަނީއެވެ.

އެމިރޭޓްސް އެއާ ބަސްގެ މަތީ ބައިގެ އަރާމު ގޮނޑިއެއްގައި ދެމީހުން ތިބިއިރު މާޒިންގެ މޫނުމަތިން ފެންނަނީ ދުވަހަކު ނުފެންނަ ފަދަ ހިތްހަމަޖެހުމެކެވެ. ދެކެވުނު ވާހަކަތަކުގެ ތެރޭގައި އާލިޔާ ކުޑައިރު ދެކުނު ހުވަފެންތައްވެސް ހިއްސާކުރިއެވެ.

"ބަކެޓް ލިސްޓްގައި ހުރި އެހެން ކަންތައް ކިޔާދީބަލަ..."

"ކުޑައިރު ކޫސަނި ޚިޔާލުތައް ހުރީ. ފުރަތަމަ ދީންވެރިވާން ހިތަށް އެރީ އަސްލު ބައްޕަގެ ސަބަބުން. އަސްލު ދޮންބައްޕަ. މަންމަ މެރީ ކުރި ޝޭޚު އަދުނާންއާއި. އެކަމަކު ދުވަސްކޮޅެއް ފަހުން މަންމަ ވަރަށް ޑިޕްރެސްވެ ރުޅިގަދަވެ ދޮންބައްޕައާއި އަރައިރުންވާން ހަދައިގެން އެންމެ ފަހުން ހީ ލެފްޓް. އެކަމަކު ކޮންމެ މީހަކު ދިރިއުޅުމަށް އަންނަނީ ފިލާވަޅަކަށް ނޫނީ ރަހުމަތަކަށް. ކޮންމެވެސް ސަބަބަކާހެދި. އެ ބައްޕަ އަހަރެން ވަރަށް ކުޑައިރު ބުރުގާ އެޅުވީ. މާލޭގައިވެސް ފިހާރައެއް ހުންނާނެ. ގެއާއި ކައިރީގައި. އަބާޔާ ކަހަލަ އެއްޗެހި ވިިއްކަން ހުންނާނީ. މިހާރު އެ ބައްޕަ ސައުދީގައި ދިރިއުޅުއްވަނީ. ފެމިލީ އެންމެން ޗޭންޖު ވި އެއް ސަބަބަކީ އެ ބައްޕަ. ދޮންބެވެސް ވަރަށް ރެސްޕެކްޓްކުރާ ފަރާތަކަށް ވީ. އޭނަ ދުރުވުމުން މަންމަ ފަހުން ރިގެރްޓްކުރި. އެކަމަކު މަންމައަށް ވީގޮތަކީ ފަސްޓް ލަވް ހަދާން ނައްތާ ނުލެވުނީ. އެހެންވެ މަންމަގެ ލައިފް އެއްކޮށް ބަރުބާދުވީ. އެހިތާމައިގާ މަންމަ ނިޔާވީ. އިޔާން މަތިންވެސް ވަރަށް މިސްވޭ. ކުޑައިރު މޫދަށް ގޮސްގެން އުޅެނިކޮށް އިޔާން އޮޔާ ދަމައިގަތީ. މާމަ ޑިމެންޝިއާވެ ހަދާންނެތެން ދެންވެސް އިޔާން މަރުވީކަމަކަށް ގަބޫލެއް ނުކުރޭ. އެހާވަރަށް ހޯދާފައިވެސް އިޔާންގެ ހަށިގަނޑުވެސް ނުފެނުނީމަ..މާތްﷲ ރަހުމަތް ލައްވާށި..............." އާލިޔާގެ ލޯ ކަރުނުން ވިދައިލިއެވެ.

"ވަކި އުމުރަކަށް ދިޔައިމަ ދެން އަބަދުގެ ދުޢާއަކީ ހައްޖަށް ނޫނީ އެޓްލީސްޓް އުމްރާއަކަށް ނަމަވެސް ދިޔުން..އެހެންވެ މިފަހަރު ރަން ކީއިރު އުމްރާ ދަތުރަކަށް ރަން ކީ ހެހެ.."

"މިވޭތުވެ ދިޔަ ދުވަސްކޮޅު އަހަރެން ހާދަ ވަރަކަށް ދުޢާކުރީމޭ. ހަމައެކަނި ދުނިޔެއިން ބޭނުންވާހާ އުފަލަކީ އާލިޔާކަމުގައި ﷲގެ ހަޟުރަތުގައި ދެންނެވިން. އެ ދުޢާ އިޖާބަކުރައްވައިފި. ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނަކީ މިއަދު އަހަރެން. ރޫހާނީ ހިތްހަމަޖެހުން ލިބުނު މީހަކަށް ނޫނީ މިބުނާ އެއްޗެއް ނޭގޭނެ...."މާޒިން ލޮލުން ވެއްޓުނު ކަރުނަތިކި އާލިޔާ ފޮހެލަދިނެވެ.

"އިރާދަކުރެއްވިއްޔާ ދެން އޮންނާނީ އުމްރާ ދަތުރު. މަންމަމެން އެންމެންވެސް ދާން ބޭނުމޯ. އަޅުކަމުގެ ދަތުރެއްގައި އާއިލާ އެންމެން ދިޔައީމަ ވަކިން އުފާވާނެ. މްމްމ. އަދި ކަމެއް ހަދާން ވެއްޖެ. ކެނެޑާގައި އުޅޭ ފެމިލީ މީހުން ޚާއްސަކޮށް އަސްލަން އާއި ސައިރާ ވެސް އަހަރެމެން އެތަނަށް ދާންވެސް އިންވައިޓްކޮށްފަ އެބައޮތް. އެވެސް ރާވަން ޖެހޭ ޓްރިޕެއް. އެކަމަކު މިފަހަރު އަހަރެންގެ ވައިފް ބޭނުންވާ ފަދައިން އަމިއްލަ މަސައްކަތުން ހޯދާ ހަލާލު ފައިސާއިން ހުރިހާ ކަމެއްކުރަން ބޭނުމީ. އެހެންވީމަ ފަރުވާކުޑަނުކޮށް ވަޒީފާއަށް ދާންވެސް އެބަޖެހޭ. ސުބުހާނަﷲ. ހަނީމޫންގައިވެސް އަހަރެމެން މިދައްކަނީ ބިޒިނަސް ވާހަކަ. ހައު އަންރޮމެންޓިކް ދޯ. އަސްލު ހަނީމޫން ފެށޭނީ ދެމީހުންގެ ޑެސްޓިނޭޝަންއަށް ފޯރީމަ އިންޝާﷲ. ދެން ފެންނާނީ އަނެއް ސައިޑް............."

"ރޮމެންޓިކް ސައިޑްތަ..." އާލިޔާ ރަކިވެސްވިއެވެ.

އެވަގުތު ޓަބިއުލެންސްގައި ޖެހި ބޯޓު ތަޅުވަންފެށިއެވެ.

"ބިރެއްނުގަނޭތަ ލަވް.." މާޒިން ހައިރާންވިއެވެ.

"ބިރެއްނުގަނޭ. ދަތުރު ދުޢާކޮށްގެން މާތްﷲއަށް ތަވައްކަލުކޮށްގެން ފްލައިޓަށް އެރީ. ފްލައިޓް ކްރޭޝްވެ ކަމެއް ވެގެން މަރުވެއްޖެއްޔާ ޖަންނަތުން ދިމާވާނެ އިންޝާﷲ. ސޯ ކޮންކަމަކާ ބިރުގަންނަންވީ؟ މަރުވާނެ ދުވަސް މިހާރުވެސް ލިޔުއްވާފައި އޮންނާނީ."

އާލިޔާގެ އެ ޖުމްލައިން މާޒިން ބަލައިލީ ވަރަށް ލޯބިންނެވެ. އަދި އަމިއްލަ ހިތުގައި އަތް ޖައްސާލުމުން އާލިޔާ މާޒިންގެ މޭގައި ބޯ އަޅައިލިއެވެ.

***

ދިރިއުޅުމަކީ އިމްތިހާނެކޭ ބުނޭ ނޫންހެއްޔެވެ؟ ސްކައި ޕެލެސްގެ އުފާވެރިކަން ނެތިގެން ދިޔައީވެސް ހަމަ ކުއްލިއަކަށެވެ. ސްކައިޕެލެސްއަށް ލިބުނު ޚަބަރަކުން ސުކައިނާ އަނބުރައިގަންނަގޮތްވި އެވެ. އޭނަގެ ދަރިފުޅު އަރްސަންއާއި ބެހޭގޮތުން އެ ލިބުނު ޚަބަރު ގަބޫލުކުރަން އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ. އޭނަގެ ދަރިފުޅު ފަހަރެއްގައިވެސް އެހާ ނުލަފާ މީހަކަށް ނުވާނެއެވެ. އޭނަގެ ދަރިފުޅަނީ ނިރުބަވެރިއެއް ނޫނެވެ. ހޯދި ހޯދުންތަކަށްފަހު ނޫސްތަކުގައި އޮތީ އޭނައަކީ ޑަބަލް އެޖެންޓެއްކަމަށް ޝައްކުވާ ކަމަށެވެ. ގިނަ ނޫސްތަކުގައި އަރްސަންއަށް "ނިރުބަވެރިޔާ"ގެ ނަމުން ނަން ދިނެވެ. އެންމެ ކުރިން ކިޔާހެދީ އިޒްރޭލްގެ މޮސާޑްއާއެކު މަސައްކަތް ކުރާކަމަށެވެ. ފަހުން ޝައްކުވީ ސީރިޔާގައި ހަގުރާމަވެރިންނާ އެކުގައެވެ. ދެން އިވުނީ އެހެން ޚަބަރެކެވެ. އަރްސަން ވުޖޫދުންވެސް ފޮހެވުނީއެވެ. އޭނަވީ ނުވީއެއް ދެނެހުރި ސަރުކާރެއްވެސް ނެތެވެ. ހަމަ ކުއްލިއަކަށް ގެއްލުނީއެވެ. ހަގީގަތް ދެނެވޮޑިގެންވަނީ މާތްﷲއެވެ. އާއިލާއަށްވެސް ޚަބަރެއްނުވިއެވެ. މައިމޫންވެސް އޮފީޙުން ޗުއްޓީ ނެންގެވިއެވެ. ސަރުކާރަށް ނޭގި މިހާ ބޮޑު ސިއްރުތަކެއް ހިނގާ އެތައް ބަޔަކު އެ ޖަރީމާގައި ބައިވެރިވެ އަރްސަން އަށް އެކި ގޮތްގޮތަށް އެހީތެރިވިކަން ފަޅާ އެރިއެވެ. މައިމޫންއަށް އަރްސަން ފޮނުވި އަސަރުގަދަ މެސެޖް އޭނަ ދުނިޔެއަށްވެސް ސިއްރުކުރިއެވެ. އޭނަގެ އާއިލާއަށްވެސް މެއެވެ. އޭނަވަނީ އެއީ އޭނަ ކަށްވަޅަށް ގެންދަވާނެ ސިއްރެއްކަމަށް ހަދާފައެވެ. އަރްސަން ޚިޔާރު ކުރި މަގުގެ ކުޑަ ހިލަމެއްވެސް ވެފައިވަނީ އޭނަގެ ބައްޕައަށެވެ.

މައިމޫން އިސްތިއުފާ ދެއްވާފައި ކޮއްކޮ ތައިމޫރު އާއި ވެރިކަން ހަވާލުކުރައްވަން ނިންމެވިއެވެ. ރައީސް އެއްވެސް ސަބަބަކާހުރެ އިސްތިއުފާ ދެއްވުމުން އެ މަގާމު ފުރުއްވާނީ ނާއިބު ރައީސްއެވެ. ނޭގިނަމަވެސް މުޅި ސަރުކާރު އޭރު އޮތީ އަރްސަންގެ ބާރުގެ ދަށަށް އޭރު އެއްކޮށް ގޮސްފައެވެ. އޭނަގެ އެންމެ އިޝާރަތަކަށް ނަށާ ކިތަންމެ މަތީ ފަންތީގެ މީހުންނެއް އޭރު ސަރުކާރުގެ މަތީ މަގާމުގައި ތިއްބެވެ. އެހުރިހާ ބާރެއް ލިބުމަށްފަހު އެތައް ޖަރީމާއެއް ހިންގާފައި އަރްސަން ރާއްޖެ ދޫކޮށް ދިޔައިރު އެކަން ދެނެ ހުރި އެކަކުވެސް ނެތެވެ. އޭނަގެ ހަށިފާރަވެރިންނަށް ވެސް އަރްސަން އޮޅުވައިލީއެވެ.

އަރްސަންގެ ކާފައަށް ހާޓް އެޓޭކެއް ޖެހިގެން އެންޖިއޯޕްލާސްޓީ ހަދަން ޖެހުނެވެ. މާމަވެސް އެހާ ހާލު ބޮޑުވިއެވެ. ސުކައިނާ ރޮއި ރޮއި ހާލު ދެރަވެގެން އައިވީ ގުޅާ ހިސާބަށް ދިޔައެވެ. އަރްސަންގެ މަރުގެ ޚަބަރު ލިބުނަސް ވާނީ އެހާ ވަރެވެ. ޖިބްރީލްވެސް ކިޔެވުން މެދު ކަނޑާލާފައި މަންމަގެ ހިތް ހަމަޖައްސައިލަދޭން އައެވެ. ސުކައިނާ އެނދުގެ ބާލީސްތަކަށް ލެނގިލައިގެން ތިބިއިރު އެއްފަރާތުގައި މައިމޫންއެވެ. ޖިބްރީލް އާއި ރާހިލް ސޯފާގައެވެ. މައިމޫން އެތައް ވަރަށް ކިޔައިގެން ކުރުނބާ ފަނިފޮދެއް ބޯލިއެވެ.

"ޖިބްރީލް އާއިވެސް ދިމަލެއް ނުވޭތަ؟ މަންމައަށް ކަމެއް ފޮރުވަނީތަ؟ ސޭމް ދުނިޔޭގައި އެބަހުރިތަ؟ މަންމަ ހިތްވަރު ކުރާނަމޭ. މިހެން ވީތަނެއް ނޭގިގެން އުމުރުދުވަހު ފިކުރުކުރުމަށް ވުރެ މަންމަގެ ދަރިޔަކު މަރުވިޔަސް އެޓްލީސްޓް ދަރިފުޅުގެ މަހާނައަށްވެސް ޒިޔާރަތްކޮށްލެވޭނެ. ކޮއްކޮ މަރުވީތަ. މަރުވިޔަސް ބުނެބަލަ........" ސުކައިނާ ކެތްތެރިކަން ކޮޅުންލާ ވަރުވިއެވެ.

"މަންމާ. އަޅުގަނޑަށް އެއްގޮތަކަށްވެސް ކޮއްކޮ ވީ ތަނެއްނޭގޭ..."

"ވަޓް އެބައުޓް ޔޫ ރާހިލް.. ނިރުބަވެރިންނާއި ބެހޭގޮތުން ދަރިފުޅުގެ އެކުވެރިޔަކު ވެސް ވާހަކަ ނުދައްކާތަ؟ " ސުކައިނާ އެކި ގޮތްގޮތުން ސުވާލުކޮށް ކޮށް އަރްސަންގެ ޚަބަރު ދެނެހުރި މީހެއް ނުވިއެވެ.

"ހީ ޗޯޒް ޓު ގޯ އެކަމާ އަހަރެމެންނަށް ވާވަރަށް ހިތާމަ ކުރެވިއްޖެ. މިހާރު އޮތީ ހެޔޮ ދުޢާކުރުން...."މައިމޫން ފުން ނޭވާއެއް ދޫކޮށްލެއްވިއެވެ.

"މިހާރު އޮތީ އެކުއްޖާއަށް ދުޢާކުރުން. ދުނިޔޭގައި ހުރިއްޔާ ސަލާމަތުން ހެޔޮ ހާލުގައި އާއިލާ ގާތަށް އައުމަށް އެދި. ދުނިޔޭގައި ނެތިއްޔާ ރަހުމަތް ލެއްވުމަށް...." ސުކައިނާ ޓިޝޫއަކުން ކޯތާފަތް ފޮހެލިއެވެ.

"އަޅުގަނޑަށް ނޭގޭ ކުދިން ބެލުމުގައި ހެދުނީ ކޮންކަހަލަ ގޯހެއްކަން. އަަޅުގަނޑު އެކަންޏެއްނޫން. ކިތަންމެ ދަރިންނެއް މައިންބަފައިންގެ ހިތް ހަލާކުކޮށްލާފައި ޖިހާދަށޯ ކިޔާފައި ސީރިޔާއަށް އެތެރެވެއްޖެ. އެތައް އަނބިންނެއް ހުވަފަތްވެ ދަރިން ޔަތީމުވެއްޖެ.އެކަމާހުރެ މައިންބަފައިންނަށް ހާޓްއެޓޭކްޖެހި ބަލިވެ ހިތާމަކޮށް ހަލާކުވެގެން އެދަނީ. އެއީ ޖިހާދުތަ؟މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އަޅާލުމަކީ ޖިހާދަށްވުރެ ކުރަން ވާޖިބުކަމެއްނޫންތަ. ނަމަވެސް ދެރައީ އެމީހުންގެ އެހެރަ ވިސްނުމާއި ޚިޔާލު ތަފާތުކަން. އެހެންމީހުންނަކީ ކާފަރުންކަމުގައި ހަދައިގެން އެތިބީ. އަރްސަން ދިޔައީ އެތަނަށް ކަމަށް ވަންޏާ......އާހް...ނޫން އެހެނެއް ނުވާނެ......" ސުކައިނާ ދެލޯ މަރައިލިއެވެ.

"ރާހިލް ދަރިފުޅާ. މިހާރު ރިޒޯޓް އަލުން ހުޅުވައިފި ދޯ.."

"ލައްބަ ބައްޕާ..."

"އެވެސް ސޭމް ހިންގައިލި ޖަރީމާއެއް ދޯ. އެހުރިހާ ކުށެއް ކޮށްފައި ވިސްނުނީމަ ރިގްރެޓްކޮށްފައި ދުރަށް ދިޔައީކަން ނޭގޭ. އެކަމަކު އެމީހަކު ކުރި ކުށަކަށް ތައުބާވެ މާފަށް އެދުނުނަމަ. ނޫނީ ލިބެން އޮތް އަދަބެއް ލިބިގަތްނަމަ. ސޭމް ލޯބިވާ މީހުންނާމެދު ކެއާ ކުރުމެއްނެތި އެނިންމީ އެންމެ ދެރަކޮށް. އެހެންމީހަކާއި ޝެއާކުރިނަމަ. އައި ހޯޕް ހީ ޑިޑިންޓް ކިލް ހިމްސެލްފް. ދެން ޑަބަލް އެޖެންޓެކޭ ކިޔައިގެން އޮޅުވައިލަން އޭނަގެ މީހުން އުޅެނީކަމަށްވެސް ވެދާނެ. ކޮންފިއުޒިން..." ޖިބްރީލްއަށްވެސް ވަނީ އަސަރުކޮށްފައެވެ.

"ނުވީތާކަށް ކުކީ އާއި ޒިންއާއި މައްސަލަ ޖެހިފައި ހުރެ އެ ދިޔައީ. ދަރިފުޅުމެންނަށް މެސެޖެއްވެސް ތިއްތި ނުކުރޭތަ؟ " ސުކައިނާ އެހިއެވެ.

"ނޫން. އަސްލު މަންމާ އަޅުގަނޑު ހުރީ މިވާހަކަ ނުވެސް ބުނަން ކަމަށް. އެންމެ މެސެޖެއް ފޮނުވި.... ފޮގިވް މީ އިފް ޔޫ ކެން.. އެކަމަކު ޖަވާބު އެނގޭކަށް ބޭނުންނުވާތީ ތާ ފޯނު އޮފްކޮށްލާނީ............" ރާހިލްގެ ޖުމްލައިން އެންމެން ހިމޭންވިއެވެ.

"އޭގެ މާނައަކީ ޒިންއަށްވެސް ތިގޮތަށް މެސެޖް ކުރާނެކަން. ގޮތަކަށް ގުޑްބައި ކިޔާފައި އެހެން މީހަކަށް ޖަވާބެއް ދޭނެ ފުރުސަތެއް ނެތި ފޯނު އޮފްކޮށްލީ...." ސުކައިނާ މާޔޫސީ ގޮތަކަށް ބުނެލިއެވެ.

"ނާޔަލް ބަލިވީކަން އެނގުމުން ވަގުތުން ސޭމް ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓްކުރި. އެކަމާ މާ ބޮޑަށް ދެރަވީކަމަށްވެސް ވެދާނެ. ނާޔަލްއާއި ސޭމް ވަރަށް އެކުވެރިވާނެ. ސޯ އެކުވެރިއެއްގެ ބައްޔާއި އަދި ބަދަލުވީގޮތް ފެނުމުން އަނެކަކާއަށް އިބުރަތެއް ލިބޭނެ. ދެރައީ އެހެންމީހުންނާއި ދުރުވުން. އަމިއްލައަށް ބާކީވެގަތުން. ލޯބިވާ މީހުން ކުރާނެ ހިތާމައައިމެދު ވިސްނާނުލާ ސެލްފިޝްވިކަން.. މާމައާއި ކާފަގެ ހިތް ވެސް ހަލާކުކޮށްލީ........." ޖިބްރީލްގެ ހިތުގައި ވީ މުޅިންވެސް ޝަކުވާއެވެ.

"ދުނިޔޭގައި ހުރެގެން ބައްދަލުވުމުގެ އިންތިޒާރުގައި ހުރެ ކަން ނޭގޭ މަންމަ ނިމިގެންދާނީ.." ސުކައިނާ އަސަރާއެކު ބުނެލިއެވެ.

އަރްސަންގެ ވަކިވެގެން ދިޔައީ އެތައް ރީތި ހަދާންތަކެއް އެންމެންގެ ހިތުގައި ރައްކާކޮށްފައެވެ. ނިރުބަވެރިއެއްކަމަށް ދެކުނަސް އާއިލާ މީހުންނަށްޓަކާ އޭނައަކީ ހިތުގެ ބަޔެކެވެ.

***

ސްނޯއިން ހުދުވެފައިވާ ފެންޑާގެ ފަތްތަރު މަތީގައި މާޒިން ކަކުލުގައި ބޯ ޖައްސާލައިގެން އިނެވެ. މާޒިންގެ ހިމޭން ކަރުނަތައް އާލިޔާވެސް މޮޅިވެރިކުރުވިއެވެ. އަރްސަންއަކީ ޑާކްއެންޖެލް ބާވައޭ ކިޔާފައި އާލިޔާ ޝައްކުކޮށްގެން ވާހަކަ ދެއްކި ދުވަހު ފަހު ދުވަހު ލިބުނީ ހިތްފަޅައިގެންދާ ވަރުގެ ޚަބަރެކެވެ. އޭގެ ކުރިން މާޒިންއަށް ލިބުނު މެސެޖްގެ މާނަ މިއެގުނީ އަދި ކިރިޔާއެވެ. އަރްސަންގެ އެކުއްލި ވަކިވުން އެންމެންގެ ހިތުގައި ކޫރުން އަޅުވައިފިއެވެ. ލިބުނު އުފާކޮޅު ފެނަށް ހަދައިލިއެވެ. ޑާކްއެންޖެލް ކުރީކޮޅު ކޮށްފައި ހުރީ ޕޭޖާއި ވަރަށް ދެކޮޅު ކޮމެންޓާއި މެސެޖެވެ. ވަރަށް ފަހުން އެކައުންޓްވަނީ ޑިލީޓްކޮށްފައެވެ. ނިރުބަވެރިޔާވެސް ކުރީކޮޅު އެޕޭޖަށް އިންޒާރުދީ ދެކޮޅަށް ފާޑުކިޔާ މެސެޖްކޮށްފައެވެ. ފަހުން ނިރުބަވެރިޔާ އޭނަގެ ކޮމެންޓްތަކަށް "ހާޓް" ފޮނުވާ ޕޮޒިޓިވް ކޮމެންޓްކުރަން ފެށުމުން އެއީ ކާކުކަމާއިމެދު އެތައް ސުވާލުތަކެއް ހިތުގައި އުފެދިފައިވެއެވެ.

"ހިތަށް އަރާ ތަންކޮޅެއް ރަގަޅަށް ތިއްތިއާއި ވާހަކަދެއްކުނު ނަމައޭ. މިންކާނޫނަސް އެހެން ރަގަޅު އަންހެން ކުއްޖަކު ހޯދަ ދެވުނުނަމައޭ...އޭރުން މިދުވަސް ދެކޭކަށް ނުޖެހުނީސްކަން ނޭގޭ.."

"މާޒިން. ތިއްތިއަކީ ނުވިސްނޭ ކުޑަކުއްޖެއްނޫން. އެހެން މީހުންނަށް ކުރާނެ އަސަރުވެސް އެނގިގެން ހުރެ އެ ނެގި ޑިޒިޝަނެއް ނެގީ. ކޮންޓެކްޓްވާންވެސް ނެތީމަ ދެން އޮތްގޮތަކީ ހަމައެކަނި ދުއާކުރުން. ކެތްތެރިވުން އޮތީ. މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. އަރްސަން ހުރި ކޮންމެ ތަނެއްގައި އުފަލުގައި ލަހައްޓަވާ ހިދާޔަތް ދެއްވާށި." އާލިޔާ ދުޢާކުރިއެވެ. މޫނުގައި އަތް ފިރުމައިލިއެވެ.

"އިފް ޔޫ އާ ނޮޓް ވިތް މީ ހަމަ ރަގަޅަށްވެސް މިފަހަރު އަހަރެން މެންޓަލީ ބްރޭކްވާނެ." މާޒިން އާލިޔާގެ ގައިގާ އަތް ވަށައިލަމުން މޭގައި މޫނު ފޮރުވައިލިއެވެ.

***

ހަޔެއްކަ މަސް ފާއިތުވެގެން ދިޔައީ ހަލުވިކަމާއެކުގައެވެ. މަޑުމަޑުންގޮސް އެންމެންގެ ދިރިއުޅުން ހަމަޔަކަށް އެޅުނެވެ. ސްކައިޕެލެސްގެ ފަޅުކަން ފިލާ ކޮންމެވެސް ވަރަކަށް ހިނިތުންވެފައިވާ މޫނުތައް ފެންނަން ފެށިއެވެ. ހަވީރު ސަޔަށް މައިމޫންގެ މަންމައާއި ބައްޕަވެސް އެގެއަށް ދުރުވިއެވެ. މާޒިންއާއި އާލިޔާ އަދި ރާހިލްވެސް ސައިގާ ބައިވެރިވިއެވެ. އަޔާޒްއާއި އަދާ މިންކާ މަހުދީ އަދި އެކުދިންގެ މައިންބަފައިންވެސް ބައިވެރިވިއެވެ. އަދާގެ މައިންބަފައިންވެސް މެއެވެ. ހުރިހާ އެއްޗެއް ތައްޔާރުކުރީ އަދާ މިންކާ އަދި އާލިޔާގެ އަތުންނެވެ. އެންމެނަށް އަތާޔެފް މީރުވެގެން އުޅުނެވެ. މަހަލަބިިޔާއާއި އަތާޔެފްއަކީ ޑެޒަޓްލެބް އިން އޯޑަރު ކުރުވައިގެން ގެންނަން ފެށި އެއްޗެއްސެވެ.

"މިއީ ދުބާއީގައި ހުންނަ އެއްޗެއްދޯ. ހާދަ މީރޭ..." އުއްމު ކުލްސޫމް އޭގެ ރަހަ ބަލައިލިއެވެ.

"އެމީހުން ރޯދަ ވީއްލަން ވަރަށް ބޭނުންކުރާ އެއްޗެއް....."

"އަޔާޒްގެ ދައްތަ މިހާރު އައިސް އެބައުޅޭ ދޯ.."

"އެހެންވެ އެންމެނަށް އެއްކޮށް މި އާދެވެނީ. ދައްތަ އެއްކޮށް މިކޮޅަށް ބަދަލުވީ. ދަރިފުޅުގެ އުޅުން ގޯސްވާތީ އެކޮޅުގައި ހުންނަން ބޭނުމެއްނުވެއޭ ބުނީ......." އާލިޔާ ޖަވާބު ދިނެވެ.

"ހޫމް މަންމައާއި ރަހުމާ މިހާރު ބެސްޓީއިންނަށް އެބަވޭ. ދެމީހުން ގަސް ހައްދަން މޮޔަވެފައި ވިއްޔަ..ހެހެ.." ސުކައިނާ އެންމެނަށް ކޮފީ އަޅާދިނެވެ. ބަގީޗާތެރޭ އޮތް ބުޅާ ކައިރިވެލުމުން ސުކައިނާ ބުޅާ ކާ ތަށްޓަށް "ކެޓްފުޑް" އެޅުމުން ހަމަޖެހިލައިގެން އޮވެ ކާންފެށުމުން ސުކައިނާއަށް އިރުކޮޅެއްވާންދެން ހަނދާނުގެ ތެރެއަށް ގެއްލިފައި އިނދެވުނެވެ. އަރްސަން ހުރި ނަމައެވެ. ކިތަންމެ ހަމަޖެހިގެން ހިނިތުންވެލާފައި އުޅުނަސް ދުވަހަކު ހިތުގެ ހުސްކަން ފިލައިގެނެއް ނުދާނެއެވެ. އަރްސަންއަށްޓަކާ ހިތުގައިވާ ލޯތްބާއި އެ ޖާގައަކީ އަރްސަންގެއެވެ. މަންމަމެންނަށް އޭނަ ގެނެސްދޭ ފްރޮސްޓީ ތަކާއި ޗޮކްލެޓާއި ލެވެންޑާފަދަ މާތައް ހަދާންވިޔަސް ފެންކަޅިވެއެވެ. ނުލިބޭތީއެއް ނޫނެވެ. އަރްސަންގެ "ލޯބި" ހިތަށް އަސަރު ކުރުވަނީއެވެ. އެހެން ކުދިންގެ ލޯބި ޚާއްސަ ނުވަނީއެއް ނޫނެވެ. ނަމަވެސް އަރްސަން އުޅޭލެއް ތަފާތުވީއެވެ.

ދެން ދެކެވުނީ އެންމެން އެއްކޮށް އުމްރާއަށް ދާ ވާހަކައެވެ. އުމްރާއާއި ހައްޖަށް ދާނީ މިންކާ ގެ އުމްރާ ގްރޫޕާއެކުގައެވެ. މިންކާގެ ހުރިހާކަމެއް އޭނަ ޚާލިސްކޮށްފައިވަނީ އަޅުކަމާއި ދީނަށެވެ. ހައްޖާއި އުމްރާއަށް މީހުން ގެންދަން ގްރޫޕެއް ހަދާ ސަރުކާރުގެ ހުއްދަ ހޯދުމަށްފަހު އޭނަ އުޅެމުން ދިޔައީ މުޅިންވެސް އެކަމުގައެވެ. ކޮންމެ ފަހަރަކު އޭނަ އެ ގްރޫޕާއެކު ހައްޖަށް އަދި އުމްރާއަށް ދާނެއެވެ. އަދި އުމްރާއާއި ހައްޖަށްދާން ބޭނުންވެފައި ތިބޭ ނިކަމެތި މީހުންނަށް މިންކާގެ ޚަރަދުގައި ކޮންމެ ފަހަރަކު ކޮންމެވެސް ވަރަކަށް މީހުން ގެންދެއެވެ. މިންކާފަދަ ކުއްޖަކު އެހާ ބޮޑަށް ބަދަލުވާނެ ކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ހަސަދައާއި ރުޅިވެރިކަމުން ފުރިފައިވާ ހިތެއް މިހާރު ސާފު ބިއްލޫރިކޮޅެއް ފަދައެވެ. މާތްﷲ ހިދާޔަތް ދެއްވައިފި އަޅަކީ ނަސީބުވެރިއެކެވެ. އެއީ ހަމައެކަނި ވާޖިބަކަށް ވާތީ ވާޖިބު ފުއްދަން ތެޅިފޮޅިގެންގޮސް ނަމާދުކޮށްލާ ރޯދަހިފާ މީހުންނެއް ނޫނެވެ. މިންކާފަދަ ކުދިންނަކީ ހަގީގަތުގައި އަޅުވެރިންނެވެ. މާތްﷲއަށްޓަކާ އެތައް ގުރުބާނީއެއްވެ ލޯބިވާ އިންސާނާވެސް ދޫކޮށްލީއެވެ. މުޅި ހަޔާތް އަޅުކަމުގައި ވަގުފު ކޮށްލަން އަޒުމް ކަނޑައެޅިއިރު ވަޒީފާއަކަށް ހެދީވެސް އެފަދަ މާތް ކަމެކެވެ. އެމަސައްކަތާއިމެދު މިންކާ ނިކަން ހިތްހަމަޖެހުނެވެ. ދެން އެފަދަ ބަދަލެއް އައި ރާހިލްވެސް އުޅެނީ އެހާ އަޅުވެރިކޮށެވެ. އިސްލާމިކް ރިޒޯޓްތައް ހިންގުމާއެކު އިތުރަށް އެ ވިޔަފާރި ފުޅާކުރަމުން ދިޔައެވެ.

***

އަޔާޒުގެ ކުރީގެ އަންހެނުންގެ މެއިލް އެއް ފެނުމުން އަޔާޒު އެ މެއިލް ބެލީ އަދާގެ ގާތުން ހުއްދަ ހޯދާފައެވެ. އެއްވެސް ކަމެއް އެދެމީހުންގެ ދޭތެރޭ ސިއްރު ކުރަން ބޭނުން ނުވާތީ އެވެ. އެއީ ވަރަށް އަސަރުގަދަ މެއިލްއެކެވެ. އޭނަ އަޔާޒު ގާތުން މާފަށް އެދިފައިވެއެވެ. އޭނައަށް ކެންސަރު ޖެހިފައިވާ ކަމަށާއި އަޔާޒުއާއި ވަކިވެވުނު ކަމާމެދު ހިތާމަ ކުރާކަމަށް ބުނެފައި ވެއެވެ. އޭނަފަދަ މީހެއްގެ ކައިރީ ތިބުމުން ކުދިން ހަލާކުވެ ނުބައި މަގު ޚިޔާރުކުރަމުން ދާ ކަމަށާއި އެކުދިންގެ ބައްޕަފަދަ ހެޔޮލަފާ ސޯލިހު ކުދިންނަށް ހެދުމަށް އެހީތެރިވެދޭން އެދުނެވެ. އޭނަ އެދެނީ އަޔާޒްއާއި އަދާއަށް އުފާވެރި ދިރިއުޅުމެކެވެ. ފަހަރެއްގައިވެސް އެދޭތެރެއަށް ވަންނަން އޭނަ މަސައްކަތެއް ނުކުރާނެއެވެ. އެ ސިޓީ ކިޔާފައި އަދާ ހިތާމަވެސް ކުރިއެވެ. އެކަމާ ކުޑަކޮށް ވާހަކަދެއްކިއެވެ. އެފަދަ ދެރަގޮތެއް އެއްވެސް އިންސާނަކަށް ވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށާއި އަދި އެއް އިރެއްގައި ލޯބިވެވުނު ފަރާތަކަށް އެފަދަ ބައްޔެއް ޖެހުމުން ދެރަވާކަމުގައި އަޔާޒު ބުނެލިއެވެ.ަކަށް ވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށާއި އަދި އެއް އިރެއްގައި ލޯބިވެވުނު ފަރާތަކަށް އެފަދަ ބައްޔެއް ޖ

"އެއްވެސް ތަދަކާ ވޭނަކާއި ނުލާ ދެކުދިން ލިބުނީނު. އައިމް ސޯ ލަކީ..." އަދާ އުފަލާއެކު އެއްބަސްވިއެވެ.

"އެކަމަކު އެކުދިން އަންނަންވާއިރަށް ދުވަސްކޮޅަކުން އިތުރު ސިބްލިން އެއް ހުންނާނެ އިންޝާﷲ...."އަދާގެ ޖުމްލައިން އަޔާޒު ސިހިފައި ބަލައިލިއެވެ.

"ޔެސް........." އަދާ ގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓުނެވެ.

އެއީ އަޔާޒުގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ހިނދުކޮޅު ކަމުގައި ވިއެވެ. ވަގުތުން ތިރިވެވުނީ ޝުކުރުގެ ސަޖިދައަކަށެވެ.

***

މަންސޫރުއާއި އާލިޔާއާއި ދޭތެރޭ އޮތް ގުޅުން ރަގަޅުވީ މަޑުމަޑުންނެވެ. މަންމަ އެއްލާލާފައި އެހެން އަންހެނަކު އެ މަގާމަށް ގެނައުމަކީ ދުވަހަކު މާފުދޭން ބޭނުންވި ކަމެއް ނޫނެވެ. ބައްޕައެއްގެ ގޮތުގައި އެންމެ ލޯބިވި ޝޭޚުވެސް ދުރަށް ދިޔައީއެވެ. އެފަހުން ބައްޕައާއި މަންމަގެ މަގާމުވެސް ފުރާލަދީ ހިމާޔަތްދިން މީހަކީ އޭނަގެ ދޮންބެ އަޔާޒުއެވެ. ނަމަވެސް އޭނަގެ ހިތް ސާފުކަމުން ބައްޕައާއި ދޮންމަންމައަށްވެސް މާފުދިނީއެވެ. ދޮންމަންމަވެސް އުޅުން އިސްލާހުކޮށް ދޮންދަރިންނާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ބާކީ އޮތް ބައި ވޭތުކުރަން ނިންމީ ގިނަގޮތްގޮތަށް ވިސްނާފައެވެ. މަންސޫރުދެކެ ލޯބިވެސް ވާތީއެވެ. އާލިޔާ ގާތުން މާފަށް އެދުމުން އާލިޔާ ދޮންމަންމަ ބަލައިގަތީއެވެ. އަދްނާނުގެ ސަބަބުން މަންސޫރުއާއި އެ ޚާންދާނާއި އޮތް ގުޅުންވެސް އެންމެނަށް އެނގުނެވެ. މަންސޫރުއަކީ އަދްނާނުގެ ކޮއްކޮއެކެވެ. އެހަގީގަތް އެނގުމުން މަންސޫރުގެ ދަރިންނާއި ލޭގެ ގޮތުން ގުޅުން އޮތްކަން އެނގި ޚާއްސަކަމެއް ބެހެއްޓުނެވެ.

އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ތިބިއިރު މާޒިންއާއި އާލިޔާ ގިނަވަގުތުތައް ހަރަމްފުޅުގައި ހޭދަކުރިއެވެ. ޒަމްޒަމް ފެންބޮއިގެން ކަދުރުކޮޅެއް ކާލައިގެން އަޅުކަމުގައެވެ. އެއްފަހަރުވެސް ދުރަށް ދާ ހިތެއްނުވެއެވެ. ދެމަފިރިން އެކީ އައުމުން އެލިބުނު ހިތްހަމަޖެހުމާއި ރޫހާނީ ހިތްހަމަޖެހުން ދުލުން ބަޔާންކޮށްދޭން ނުކުޅަދާނައެވެ. ގެފުޅަށް ބަލައިލިޔަސް އުފަލުގެ ކަރުނަ ލޮލުން އޮހިގަނެއެވެ. މީހުން ގިނަވެ ފިތިބާރުވާ ވަގުތު މާޒިންގެ އަތުގެ ހިމާޔަތް ލިބެއެވެ. އެއްވެސް ކަހަލަ އަނިޔާއެއް ލިބުނަކަ ނުދެއެވެ. މީހުންމަދުވާ ވަގުތުވެސް އާލިޔާގެ އަތުން މާޒިން ދޫކޮށެއްނުލައެވެ. އަބަދުވެސް އެންމެ ގާތުގައެވެ. ފިރިއެއްގެ ހެޔޮކަމާއި އަޅާލުން އެންމެ ފުރިހަމަގޮތުގައި އޭނައަށް ލިބެމުން ދިޔައެވެ.

އަސުރަށްފަހު މައިމޫންއާއި ސުކައިނާ އަދި އެހެން މެމްބަރުންވެސް ކުޑަކޮށް ބާޒާރުކޮށް މައްކާ ތަންތަން ބަލައިލަން ދާން އުޅުމުން އާލިޔާއާއި މާޒިން ތައްޔާރުވިއެވެ.

"ދުވާލަށް ހޫނުވެފައި ރޭގަނޑަށް ފިނިވީމަ ކުޑަކޮށް ރޯގާ ވައްތަރު މިވީ..." އާލިޔާ ކުޑަކޮށް ކިނބިހި އަޅަން ފެށިއިރަށް ނޭފަތް ރަތްވެއްޖެއެވެ.

"އެވަރުންވެސް އައިސްކްރީމް ކާން އެބަޖެހޭވިއްޔަ...." މާޒިން އާލިޔާގެ ކޮލުގައި ވިކައިލިއެވެ.

"މިތާ ކާއެއްޗެހިވެސް މީރީއޭ. ފްރެޝް ސްޓްރޯބެރީ އަޅާފައި ހުރީމަ ވަކިން އެ އައިސްކްރީމް ސްޕެޝަލް"

"ނަސީބެއްނު މިތާ ތިބި ދުވަސްކޮޅު ބަލިނުވިކަން. އަލްހަމްދުލިﷲ..."

"އަދި ވަރަށް މަޖާ ރޭގައި މަންމަ ބުނުއްވިއޭ ދަރިއެއް ނުލިބޭތީ ދުޢާކުރާށޭ. މަންމަ ވަރަށް ބޭނުމޭ ގޭގައި ތުއްތު ކުއްޖެއް ގެންގުޅެން....ދެން ބުނިން އަދި ޕްލޭން ކުރާނީ އަހަރެއް ފަހުންނޭ. ހަނީމޫން ނިމޭނީ އަހަރަކުންނޭ....." މާޒިން އެދުވަހު ބުނީ ފިރިހެންކުދިން ލިބިއްޖެއްޔާ އަރްސަން އާއި އިޔާން ކިޔާނެ ކަމުގައެވެ. އޭރުން އެކުދިންގެ ބޮޑުބޭބެއިންގެ ހަދާންތައް ދެމިހުންނާނެތާ އެވެ.

ބާޒާރުކުރަން ގޮސްފައި އާލިޔާއަށްޓަކާ މާޒިން އަތުގައި އަޅާ ގަޑިއަކާއި ގަހަނާ ސެޓެއް ގަނެދިނެވެ. ދެން މާޒިން ދިނީ ރަންކުލައިގެ ކަވަރެއް ލާފައިވާ ކުޑަ މުސްހަފެކެވެ. ހުރިހާ ހަދިޔާއަކަށްވުރެ އެންމެ ޚާއްސަ ލޯބިވެތި ހަދިޔާއެއްކަމުގައިވީ އެ ހަދިޔާއެވެ. ބޮސްދެވުނީ މާޒިންގެ އަތާއެކު ޚަތިމަށެވެ.

"އެންމެ އަގުބޮޑު ހަދިޔާއަކީ މިއީ..."

"އައި ނޯ އާލިޔާ ސްވީޓްހާޓް. ތަރުޖަމާއެއް ދޭން ހިތަށް އަރާފައިވެސް ހަދާންވީ އާލިޔާ ގުރުއާނިކް އަރަބިކް ދަސްކުރިއޭ. އެހެންވީމަ ތަރުޖަމާއެއްގެ ބޭނުމެއް ނެތޭ. އަސްލު ގުރުއާންގައި ހުންނަ މިރެކްލްތައް ފެންނާނީ އަރަބިކް ދަސްކޮށްގެން ކިޔަވަންފެށީމަ ދޯ. އަހަންނަށްވެސް ވީ ހަމަ އެހެން......." މާޒިން ހިނިތުންވެލިއެވެ.

ގުރުއާނިކް އަރަބިކް ކޯސްތައް އޮންލައިންކޮށް ހެދޭއިރު ދަސްކުރަން މާ ގިނަ ދުވަހެއް ނުނަގާނެއެވެ. ކޮންމެ މުސްލިކަމަށްވެސް ގުރުއާންގެ ދެލިގަނޑު ބަލައިގެން ކިޔެވުމަށްވުރެ މާނަ އެނގިގެން ކިޔެވުމުން ބޮޑަށް އަސަރުކުުރާނެއެެވެ. ޚާއްސަކޮށް އަރަބިބަސް އުނގެނި ކިޔެވުމުން މާ ބޮޑަށް ތަފާތެވެ.

***

މަދީނާއަށް ދިޔުމަކީވެސް މުސްލިމުންނަށް ކުރެވޭނެ ތަފާތު ތަޖުރިބާއެކެވެ. މަސްޖިދުއްނަބަވީ ގައި ނަމާދުކޮށް ރައުޟާއަށް ޒިޔާރަތްކުރުމަށްފަހު ގުބާ މިސްކިތް ޖަންނަތުލް ބަގީއު އަދި އުހުދު ހަގުރާމަ ހިނގި ތަަނަށްވެސް އާލިޔާމެން ޒިޔާރަތްކުރިއެވެ. އިޝާނަމާދަށްފަހު އެންމެން އެކީގޮސް ކައިގެން ހޮޓެލް އޮބްރޯއީއަށް ވަނެވެ. މާޒިންއާއި މަހުދީ އައީ ފަހަތުންނެވެ. މިންކާ އާއި އާލިޔާ އިރުކޮޅަކަށް ވާހަކަދައްކާލަން އެތާ ލޮބީގައި މަޑުކޮށްލިއެވެ. މައްކާއަށް ވުރެ މަދީނާ ފިނިގަދަކަމުން އުޅެން ޖެހުނީ ޖެކެޓް ލައިގެންނެވެ.

"ކިހިނެއް މިންކް. ހާދަ ބިޒީކޮށްލާފައި ދިމާވެސް ނުވޭ....."

"އާން އަބަދު މިއުޅެވެނީ މަސްޖިދުގައި...." މިންކާ ހީލީ އުފާވެރި ގޮތަކަށެވެ.

"މިތަން މާ ފިނި ދޯ. އިހުސާސްތައްވެސް ތަފާތުކަން ނޭގޭ."

"ތިބުނީ ހަމަ ތެދެއް. މައްކާއާއި މަދީނާގައި އުޅޭއިރު އިހުސާސްވާ ގޮތް ތަފާތު. މައްކާގައި އުޅޭއިރު ސްޕިރިޗުއަލީ އެނަޖައިޒްޑް. ފާޑަކަށް ހައިވެފައި. ދުނިޔޭގެ އެހެން އެއްވެސް ކަމެއް ހަނދާނެއް ނުހުރޭ....މަދީނާގައި އުޅޭއިރު އަދި ނަބަވީގައި އުޅޭއިރު އެހެން ކަހަލަ ފީލިންގް އެއް ދޯ ހުންނަނީ. ލައިކް އިން ދަ ކޮމްޕެނީ އޮފް ދަ ޕްރޮފެޓް. އަހަންނަށް ނޭގޭ އެހެން މީހުން މިހެން ވިސްނާނެކަމަށް. އަހަންނަށް އިހުސާސްވާގޮތް. މައްކާއަށްވުރެ މޯ އެޓް ޕީސް އޭ މިތާ އެހެންވެސް ހިތަށް އަރާ. ހީ ވުޑް ވޯކް ބެއާ ފުޓްކަން މި މަގުތަކުގާ. މިއީ އެކަލޭގެފާނުގެ ހަޔާތުގެ ފަހުކޮޅު އުޅުއްވި ބިން.....އެހެންވެ ދެން ވަރަށް ބުނެދޭން ނޭގޭފަދަ އިހުސާސްތަކެއްވަނީ. އާލިޔާއަށްވެސް އެހެންތަ؟"

"އެކްޒެކްޓްލީ ހަމަ ސޭމް ފީލިން. އެކަމަކު މިންކު މިހާރު މާ ބޮޑަށް އަޅުވެރިވެއްޖެ. ބުނީމެއްނު ހަމަ ޓްރައިކުރީމަ ވާނެއޭ. އައިމް ސޯ ހެޕީ ފޯ ޔޫ. ދެން މެރީ ކުރުމަކީ ސުންނަތެއް. އެކަމާ ވިސްނާ. އޭރުން ހުރިހާކަމެއް ފުރިހަމަވީ...." އާލިޔާ މިންކާގެ ގައިގާ ބައްދައިލިއެވެ.

"ކޮންމެވެސް ދުވަހަކުން. އިރާދަކުރެއްވިއްޔާ. ލޯބިވާ މީހަކަށްޓަކާ މީހަކަށް އުޅެވޭނީ އެވަރަށް. އެހާ ވަރުވިން. އެފަދަ ދުވަހެއް ހަޔާތުގައި އަންނަން ހުރިއްޔާ ވާނެ. މިހާރު ވިސްނާކަށް ބޭނުމެއްނޫން. އެއަށްވުރެ އުފާވޭ މިގޮތަށް އަޅުކަމުގައި އުޅެވުނީމަ...."

އެކިމީހުންނަށް ހިދާޔަތް ދެއްވަނީ އެކި ގޮތަށެވެ. މިންކާ އެފަދަ އަޅުވެރިކުއްޖަކަށް ވާންވެސް އެތައް ސަބަބުތަކެއް މެދުވެރިވިއެވެ. މިއަދު މިންކާއަށްވެސް ހަގީގީ ހިތްހަމަޖެހުން ލިބިއްޖެއެވެ.

***

ސްކައިޕެލެސްއިން މިފަހަރު އުމްރާއަށް ދިޔަ އެންމެން މައްކާގައި ތިބީ މައްކާ ކްލޮކް ޓަވާއާއި ރަފްލެސް މައްކާ ޕެލެސްގައެވެ. މާޒިންއާއި އާލިޔާ ބާޒާރުކުރުން ނިންމާލަފައި ތައްޔާރުވެލައިގެން މަސްޖިދުލްހަރާމަށްގޮސް މަޣުރިބާއި އިޝާ ނަމާދުކޮށްލިއެވެ. ޝޭޚު ޝުރައިމްގެ ހިތްގައިމު ގުރުއާންގެ އަޑުއިވުމުންވެސް ގައިން ހީބިހިނަގާވަރުވެއެވެ. ނަމާދުން ނިމިގެން ދެ ޒުވާނުން ރަފްލްސް މައްކާ ޕެލެސްއަށް ވަންނަމުން ސަލާމްގޮވައިލުމުން ރިސެޕްޝަނުގައި ތިބި އަރަބި ޒުވާނުން ހިނިތުންވުމާއެކު ސަލާމްގެ ޖަވާބުދިިނެވެ. ކޮޓަރިއަކީ ޝާހީ ސްޓައިލަށް ފަރުމާކޮށް އެފަދަ ފަރުނިޗަރުތައް ބަހައްޓާފައިވާ ހިތްގައިމު ސުއިޓެކެވެ. ފެންވަރަން ބިލިގާވެސް ބަހައްޓާފައިވާ އެންމެ ހިތްގައިމު އެއް ތަނެވެ. ކޮޓަރީގެ ބިއްލޫރި ފުޅާ ދޮރުތަކުގެ ބޯ ފަރުދާ ކަހާލާފައިިހުރިިއިރު މަސްޖިދުލް ހަރާމްއާއި އެހެން އިމާރާތްތައް ރޭގަނޑުގެ އަނދިކަމުގެ ތެރެއިން ދިއްލިފައިވާ މަންޒަރު ނިކަން ހިތްގައިމުކޮށް ފެނެއެވެ. އެނދުގައި އޮށޯވެލައިގެން ގައިގާ ރަޖާ އަޅާލައިގެން ތިބިއިރުވެސް އެމަންޒަރުތައް އެހެރީ ފެންނާށެވެ. މުއްސަދިކަމަކީ ބައެއްމީހުންނަށް ދެއްވާ ނިއުމަތެކެވެ. އެފަދަ ފުރިހަމަ ސުއިޓްތަކުގައި ތިބުމުގެ ނަސީބެއް ކޮންމެ ކޮންމެ މީހަކަށް ނުލިބި ހިގައިދާނެއެވެ. މަސައްކަތްކޮށްފިއްޔާ ދެދުނިޔޭގެ އުފަލާއި ނަސީބަކީވެސް އެމީހެއްގެ ހައްގެއްކަމުގައި ވެދެއެވެ.

"އަބަދަށް މި މާތް ބިމުގައި ހުރެވޭނެނަމަ..މިތަނުގައި ވަޒަންވެރިވެވިދާނެތަ؟ " އާލިޔާ އާއި މާޒިން އޮތީ އެކަކު އަނެކަކަށް ފެންނަގޮތަށް އޮށޯވެލައިގެން މޫނަށް ބަލާށެވެ.

"ކޮންމެވެސް ދުވަހަކުން އިންޝާﷲ...." މާޒިން ހިނިތުންވެލިއެވެ.

ކުޑަކުޑަ ދޫނިތަކެއް ކުޑަދޮރު ކައިރީ ޖައްސާލިތަން މާޒިންއަށް ފެނުނެވެ.

"އަހަރެމެންނަކަށް ޕްރައިވެސީއެއް ނުދޭނަމޯ.......ހެހެ.." މާޒިންގެ ޖުމްލައިން އާލިޔާވެސް އެނބުރި ބަލާލާފައި ހީގަތެވެ. އަދި ތެދުވެގެންގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ. މާޒިންވެސް ފަހަތުންގޮސް އާލިޔާގެ ގައިގާ މަޑުމަޑުން ބައްދާލައިފިއެވެ.

"މިތާގައި އުޅޭ ހުރިހާ އެއްޗެއްދެކެވެސް ލޯބިވޭ. މަގުތަކުގައި ހިނގާލާއިރުވެސް އެހެން ކަހަލަ އިހުސާސެއްކުރެވޭ. ކެއުންވެސް އެހާ މީރު. ރީތި ތަންތަނަށް ދެވުމުންވެސް މިހާވަރުގެ ހިތްހަމަޖެހުމެއް ނުލިބޭ.ހިތަށް އަރާ އެންމެން އެކީ އާއިލާތައް ޗުއްޓީތައް ހަދަން ޕްލޭން ކުރާގޮތަށް މިތަނަށް އަންނަން ޕްލޭންކޮށްފައި ދުޢާކުރާނެ ނަމައޭ. އާއިލާ އެންމެން އެކީ ހިއްސާކުރަން އެންމެ ބޮޑު އުފަލަކީ ހަމަ މިއީދޯ......." އާލިޔާ ބުނެލިއެވެ.

"ތިއްތިވެސް ހުރިނަމަ..." މާޒިން ހިނދުކޮޅަކަށް ފެންކަޅިވިއެވެ.

އޭނަ އެންމެ ގިނަ ދުޢާކުރީވެސް އަރްސަންއަށެވެ. އަޚަކު އޭނަގެ އަޚު ނެތްތަނެއްގައި ދުޢާކުރުމުން އިޖާބަކުރައްވައެވެ. އޭނަ ދުޢާކުރީ އެންމެ މުގައްދަސް ބިމުގައި އެންމެ މުގައްދަސް ތަނުގައެވެ. އެތައް ހެޔޮ ދުއާއެއް އަރްސަންއަށްޓަކާ ކުރިއެވެ.

"މިއީ އުފަލަކީ. ރޫހާނީ ހިތްހަމަޖެހުމަކީ. ކޮންފަދަ އަމާން ބުނަންނޭގޭފަދަ އުފަލެއް ހިތަށް އިހުސާސްކުރެވެނީ. މިއީ މިވީހާތަނަށް ނުލިބޭފަދަ އުފަލެއް. ހަމަ އެ ސޭމް ފީލިންގްތަ؟." އާލިޔާ ހިނިތުންވެލަމުން މާޒިންއާއި ކުރިމަތިވާގޮތަށް އެނބުރުނެވެ.

"ޔެސް މައިލަވް ޔެސް.." މާޒިން އާލިޔާގެ ނިތްކުރީގައި ބޮސްދިނެވެ.

އެނދުގައި އޮށޯވެލައިގެން ތިބެ އެކި ވާހަކަ ދައްކަމުންގޮސް އާލިޔާ ގަސްތުކޮށްލީ ޕޭޖް ބަލައިލުމަށެވެ.

"އައި ހޭވް ޓު ސޭ ސަމްތިން. މި ނިރުބަވެރިޔާއަކީ ކާކު؟ މި ޒުވާނާ ކާކުކަން ނޭގުނަސް ކޮންމެ ޕޯސްޓަކަށް ލައިކްކޮށް މިހާރު މެސެޖެއްވެސް ކޮށްލައިފި. އާލިޔާއާއި ހެދި ޔޯ ޗޭންޖްވީ. މިހާރު އޭނަވެސް މިހިރީ އާލިޔާއާއެކު އެ ފްލައިޓްގައި އައިސް ހަމަ ރަފްލްސް މައްކާ ޕެލެސްގަޔޯ. ބަލާލަބަލަ މި މެސެޖް....." އާލިޔާ ޕޭޖް ހުޅުވާލާފައި އެ މެސެޖް ދައްކާލައިފިއެވެ. އިރުގަނޑެއްކުރިން ކޮށްފައިވާ ޕޯސްޓެކެވެ. އަޖައިބުވަނީ އެންމެފަހުން ހިތުގެ އިހުސާސްތައް ބަންޑުންޖަހާ ލޯބިވާ މިންވަރުވެސް ކިޔާދީފައެވެ.

"އަދި ލޯބިވާ ވާހަކަ ބުނާއިރުވެސް އާލިޔާ މިކުއްޖާ ޕޭޖްގައި ބައިންދަނީ. މައި ހާޓް އިޒް ބްރޯކެން. ދިސް އިޒް އެ ބިޓްރޭޔަލް..........." މާޒިން މޫނާއެކު ރަޖާއެޅިއެވެ.

"ނޫން މިރޭ އެކަނި އޭނަ ލޯބިވާ ވާހަކަ އެ ބުނީ. އަސްލު ވަރަށް ގިނަ މީހުން ކޮމެންޓްކުރޭ ލައިކްކުރޭ. ނިރުބަވެރިޔާ ލައިކްކޮށް ހާޓް ދޭ ކަން އެނގުނީ ވަރަށް ފަހުން. އަދި އޭނައަށް އަހަރެމެން އުމްރާއަށް އައިކަން އެނގުނުގޮތެއްވެސް ނޭގޭ. މި ހޮޓެލްގައި އުޅެނީ. ސްޓޯކް ކުރަނީ ކާކުތަ؟ އަރްސަންއަށް ވެދާނެބާ.. އޭނަ އަކީ ޑާކް އެންޖެލްއަށްވެސް ވެދާނެ...."

"ތިއްތި އަނެއްހެން ރަގަޅުވާނެ. ބްރަދާއަކަށް ވުރެ ފްރެންޑެއްހެން އުޅުނީ. އެހެންވީމަ މަގޭ ގާލްއާއިހެދި ނޫޅޭނެ. ތިއްތި އޭރު ޑީލްހެދީވެސް އެއްވެސް ވަރަކަށް އެއްޗެއް ހިތުގައި އޮވެގެނެއްނޫން...." މާޒިން ބުނެލިއެވެ.

"އާ ޔޫ އަޕްސެޓް؟ " މިފަހަރު އާލިޔާ ވާހަކަދެއްކީ އަރަބިބަހުންނެވެ. އޭނައާ މުޚާތަބުކުރީވެސް ހަބީބީގެ ނަމުންނެވެ.

"ނޮޓް އެޓް އޯލް. " މާޒިން މޫނުން ރަޖާނެގިއެވެ.

"އަލްހަމްދުލިﷲ. ދެން މި ނިރުބަވެރިޔާ ޕޭޖުން ބްލޮކްކޮށްލަނީ. ސަބަބަކީ މި ޕޭޖްގެ މަގުސަދަކީ މިއީއެއް ނޫން. އަހަންނަކީ މާޒިންގެ އަންހެނުން. އެހެން އެއްވެސް ފިރިހެނަކާއި ޕްރައިވެޓް މެސެޖްކޮށް ވާހަކަދެއްކުން ހުއްދައެއްނޫން. އެހެންވެ......." އާލިޔާ އެހެން ބުނިތަނާ މާޒިން އެއަތުގައި ހިފެހެއްޓިއެވެ.

"އެވަރުންވެސް ނޭގޭތަ؟ ނިރުބަވެރިޔާ ޗޭންޖުވީމަވެސް...." މާޒިން އެއް ބުމަ އަރުވައިލިއެވެ.

"ސުބުހާނަﷲ. އިޓްސް ޔޫ......މާޒިން ގަނޑާ.....އަދި އެބަ ބުނޭ ބިޓްރޭއި ކުރީއޭ. އިޓްސް ޔޫ އޯލް ދަ ވޭ....." އާލިޔާ ބާލީހުން މާޒިންގެ ގައިގާ ތަޅައިގަތެވެ.

"ހެހެ...." މާޒިން އާލިޔާގެ ގައިގާ އަތް ވަށައިލިއެވެ.

އާލިޔާ ދެން ބަލައިލީ ނިރުބަވެރިޔާގެ ޕްރޮފައިލް ފޮޓޯއަށެވެ. ފެންނަން ހުރީ ރަތްކުލައިގެ ފިނިފެންމަލެއްގައި ލައިޓަރަކުން ރޯކޮށްލާ މަންޒަރެވެ. ކިތަންމެ މާނައެއް ނެގިދާނެ ހިތްގައިމު ފޮޓޯއެކެވެ. އާލިޔާ ފަދަ ނާޒުކް ފިނިފެން މަލަކަށް މާޒިން ގެއްލުންދޭން އުޅުނީއެވެ. ފަހުން ޚިޔާލުބަދަލުވެ އެ ފިނިފެންމާ އަމިއްލަކުރީ ނޫންހެއްޔެވެ؟

"އަސްލުވެސް އަހަރެން އެކްޓްކުރީ ނިރުބަވެރިއެއްފަދައިން ދޯ. ފުރަތަމަ އާލިޔާ ކިޑްނެޕްކޮށް ބިރުދައްކަމުން އުޅުނީ. ފަހުން ޕޭޖަށް އެ ނަމުގައި ވަދެވެސް އިންޒާރުތައް ދިނީ. ފަހުން ގޮސް ލައިކްވާން ފެށީ. ދެން އެ ރުހެވުނުގޮތަށް ބަދަލުވީ ލޯތްބަށް...."މާޒިން ހެމުން ބުނެލިއެވެ.

"ސޯ. މިއީ އަހަރެންގެ ނިރުބަވެރިޔާ. ޓެރެސްރިސްޓަކަށް ވިޔަސް އަހަންނަށްވެސް ލޯބިވެވެނީ އަހަރެންގެ ހަބީބީއަކަށް މިވީ މި ކުއްޖާ. މަގޭ ނިރުބަވެރިޔާ...." އާލިޔާގެ އަޅި ދެލޮލުން ފެނުނީ އުފާވެރިކަމުގެ ކަރުނައެވެ. މާޒިންގެ މޭގައި ބޯ އަޅައިލަމުން ލޯބިވާ ވާހަކަ ބުނެލިއިރު އެއީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކޮޅު ކަމުގައިވިއެވެ. ޚާއްސަކޮށް "ނިރުބަވެރިޔާ"ގެ ގޮތުގައި ފަހުން އެތައް ކޮމެންޓެއް ކޮށްފައިވަނީ އޭނަގެ ލޯބިވާ ފިރިމީހާކަން އެނގުމުން ތަފާތު ޚާއްސަ ނަމަކަށް ވެސް ވިއެވެ. މާޒިންއަކީ އޭނަގެ ނިރުބަވެރިޔާއެވެ. އެހެން މީހުންގެ އެއް ނޫނެވެ. ހަމައެކަނި އޭނަގެ އެވެ.

ނިމުނީ

comment ކޮމެންޓް