ޖެންޑާ ކޮމެޓީން އުޅެނީ ސަފާރީގައި ހިނގި ކަންތައްތަކަކީ ނުވާކަމެއް ކަމަށް ހަދަން: ޕީޕީއެމް، ޕީއެންސީ

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ---- ސަން ފައިލް ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އުޅެނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހިނގި ޖިންސީ ގޯނާގެ މައްސަލަ އަކީ ނުވާކަމެއް ކަމަށް ހަދަންކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުު ވިދާޅުވީ ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް، ސީނަށް ދިޔަ ފުލުހުން އެ ކޮމިޓީއަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަަމަށެވެ.

ޝުޖާއު ވިދާޅުވީ މިނިވަންކަމާއެކު އެ މައްސަލަ ތަހުގީގު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދޭންޖެހޭ ކަމަށެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން ފެނިގެން ދަނީ މިއީ ނުވާކަމެއްކަމަށް ދެއްކުމަށްޓަކައި. މިސާލަކަށް ބައްލަވާ ރާއްޖޭގެ މީޑިއާތައް އޮތްއިރު ބައްލަވާ މި މައުލޫމާތު ރައްޔިތުންނަށް ހާމަކުރަމުން ގެންދިޔަ ބައެއް މީޑިއާތަކުން ގެނެސްދިން މައުލޫމާތަކީ ނުބައި މައުލޫމާތުތައް ކަމަށް ދައްކައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ ބައެއް މީޑިއާތަކުން ގެނެސްދީފައިވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތައް ކަމަށް ދެއްކުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމެޓީން މަސައްކަތް ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ" ޝުޖާއު ވިދާޅުވިއެވެ.

ސަފާރީގައި ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.

"މިކަމުގައި ރެއިޑެއް ހުއްޓުވިންތޯ. ކުރި ރެއިޑުގައި ދިޔަ ފުލުހުން އަނބުރާ ސީން ދޫކޮށްފަ ދާން އެންގިންތޯ. މި ފެންނަނީ ދިވެހި ފުލުހުން މުށުތެރެއަށް ލާފަ ބަންދުވެފައި އޮތް މަންޒަރު،" ޝުޖާއު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންނާ ގުޅޭ ބާރުތަކެއް ނުދޭންޖެހޭ ސަބަބު މިހާރު ސާފުވެއްޖެ ކަމަށެވެ.

"އޭގެ މާނައަކީ ފުލުހުންގެ ތަހުގީގީ މަސައްކަތާއި ފުލުހުންގެ އިންޓެލިޖެންސް މަސައްކަތާއި މިބާވަތުގެ ކަންތަކަށް، އެހެން ބަޔަކު ސީދާ ގޮތްކިޔައި، ނުފޫޒު ފޯރުވަން ވެއްޖިއްޔާ ކަންވާނެގޮތް ވަރަށް ސާފުކޮށް މިއޮތީ ފެންނަން. މިކަން ނުކުރަންވީ ސަބަބު ރައްޔިތުންނަށް އޮޅުން ފިލައިފި،" މުންދު ވިދާޅުވިއެވެ.

comment ކޮމެންޓް