ކަނޑުމަތިން 5.5 ކިލޯ ޑްރަގް އަތުލައި ހަ މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި 5.5 ކިލޯގެ ހެރޮއިން އަތުލައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިފައިންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 26 އަހަރުގެ ތިން މީހުންނާއި 30 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަން -- ފޮޓޯ/ ޕޮލިސް

އަތުލައިގެންފައި ވަނީ ގދ. ތިނަދޫން އައްޑޫ ސިޓީއަށް އެތެރެކުރަން މަސައްކަތް ކުރި މަސްތުވާތަކެތި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 17:20 އެހާކަންހާއިރު، އައްޑޫ ސިޓީ ހިތަދޫ ކަނޑިހެރާ އުތުރުފަރާތު ބޭރު ކަނޑުމަތިންނެވެ.

ކަނޑުމަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތި -- ފޮޓޯ/ ޕޮލިސް

ކަނޑުމަތިން އެމީހުން ދަތުރުކުރި ލޯންޗު ހުއްޓުވައި ބަލައިފާސްކުރިއިރު އެލޯންޗު ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ހުރި ބޮޑު ފަސް ޕެކެޓް ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނަކީ 5.5 ކިލޯ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަތުލައިގެން މަސްތުވާތަކެތި މިހާރު އައްޑޫ ސިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް