އެފްއޭއެމްއާ މެދު ފިޔަވަޅު ނާޅާ މައްސަލަ މަޖިލީހަށް

ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ އިސްވެރިން ކޮންގްރެސްގައި --- ފޮޓޯ/ އެފްއޭއެމް

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަޔަރމަންޓުން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް އެފްއޭއެމްއާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެ އިދާރާއާ މެދު ގާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސްކަން ކުރެއްވި އަލީ އާޒިމް ހުށައެޅުއްވި މި މައްސަލަ ބެލުން މަޖިލީހުން މިއަދު ބާއްވާ ޖަލްސާއަށް ތާވަލުކޮށްފައިވާ އިރު، ކުރިން އެފްއޭއެމްއާއި ސަރުކާރާ ދެމެދު އުފެދުނު ކޯޅުންގަނޑަށް ނިމުމެއް އައިސް ވަނީ އެކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.

އެގޮތުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ރާއްޖެ ޓީވީއިން ގެނެސްދިން ކުޅިވަރު ފައިލްގައި ވާހަކަ ދައްކަވަމުން ވެސް ވަނީ އެފްއޭއެމްއާއި އެ އިދާރާއިގެ ރައީސް ބައްސާމްއާ އެކު ގުޅުން ކުރިއަށް ވުރެން ވެސް ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އަދި އެފްއޭއެމްގެ ހިންގުމާއި، އެ އިދާރައިގެ އިންތިހާބުގެ ކަންކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، އެކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން ވެސް މަހްލޫފް ވަނީ މިރޭ ދެއްވާފަ އެވެ.

ނަމަވެސް އާޒިމްގެ މި މައްސަލައާ އެކު ސަރުކާރާއި އެފްއޭއެމްއާ ދެމެދު ނުތަނަވަސްކަމެއް އަދިވެސް އޮތްކަން ފާހަގަވާއިރު އެފްއޭއެމުން އަންނަނީ އެ އިދާރައިގެ އިންތިހާބު އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މި އިންތިހާބުގައި ވާދަކުރެއްވުމަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ފިޔަވާ އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާއިރު އާޒިމް ކުރިން ޗެއާމަންކަން ކޮށްފައިވާ ނިއުރޭޑިއަންޓް ވަނީ އެފްއޭއެމުން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

މަޖިލިހަށް ހުށައެޅުނު މައްސަލައިގައި އޮތީ ކޯޗެއް؟

އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށް ވަނީ މި މައްސަލައިގެ ނުކުތާތަކުގައި ފާހަގަ ކޮށްފަ އެވެ.

އެގޮތުން އެފްއޭއެމްގެ ހިންގާ ކޮމިޓީ 20 ނޮވެމްބަރު 2016 ގައި އިންތިހާބުވީފަހުން ތަފާތު އެކި ދުވަސްވަރު ކޮމިޓީއަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތަކުން އިސްތިއުފާ ދެއްވާފައިވާ އިރު އަލުން އެ މަގާމުތަކަށް މީހުން އައްޔަން ކުރީ ގަވާއިދާ ޚިލާފަށް ކަމަށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ވަނީ ބުނެފަ އެވެ.

އަދި އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން، ހިންގާ ކޮމިޓީ އިންތިހާބުވުމަށް ފަހު، ހިންގާ ކޮމިޓީގެ މަގާމުތައް ނުވަތަ 50 ޕަސެންޓް މަގާމާ ހަމަޔަށް މަގާމެއް ހުސްވެއްޖެ ނަމަ ޖެހިގެން އޮންނަ ކޮންގްރެސްއާ ހަމަޔަށް އެ ހުސްވި މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިގެންވާ ކަމަށެވެ.

އެއާއެކު ޖެހިގެން އަންނަ ކޮންގްރެސްގައި ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ އޮތް ބަޔަށް އެ "އައްޔަނު" ކުރެވުނު މަގާމުތަކަށް އަލުން މީހުން "އިންތިހާބު" ކުރަން ޖެހޭކަން ސާފުކޮށް އެނގެން އެބައޮތް ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ހިންގާ ކޮމިޓީ އަލުން އިންތިހާބު ކުރަން ވާނެ ކަމަށާއި އަދި ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަހުގެ ތެރޭގައި އިންތިހާބުކުރަން ވާނެ ކަމަށް އޮތް ކަމަށް ވެސް އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު އާޒިމްގެ މައްސަލައިގައި ވަނީ ބުނެފަ އެވެ.

އާޒިމްގެ މި މައްސަލައިގައި އެފްއޭއެމްގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން ވެސް އެދެވޭ ފިޔަވަޅުތަކަށް ނާޅާތީ ކަންބޮޑުވުން ފާހަގަ ކުރައްވާފައިވާ އިރު، ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށްގެން ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގައި ޖަމްއިއްޔާ ރަޖިސްޓްރީކުރާ ތާރީހުން ފެށިގެން ދެ އަހަރުވާއިރު، އެ ޖަމިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާ ނަމަ، ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިވިދިގެން ދެ އަހަރު، ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވާކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ކަމުން އެފްއޭއެމްގެ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖިލިހުގެ ލަފަޔަކަށް އާޒިމް ވަނީ އެދެފަ އެވެ.

comment ކޮމެންޓް