ކޮވިޑްގެ މަސައްކަތް އާ މަރުހަލާއަކަށް، އެންއީއޯސީގެ މަސައްކަތްތައް ހެލްތުގެ ދަށަށް

އެންއީއޯސީގެ މުވައްޒަފުންނާ ރައީސް ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން އެކުލަވާލި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ނިންމައިފިއެވެ.

ދަރުބާރުގޭގައި ހިންގާ އެންއީއޯސީ އަށް ޒިޔާރަތް ކުރައްވާ އެތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ކޮވިޑް 19 އާއި ދެކޮޅަށް ކުރާ މަސައްކަތް އަންނަ މަހުން ފެށިގެން އާ މަރުހަލާއަކަށް ބަދަލު ކުރައްވާނެ ކަމަށެވެ.

މި ބަދަލާއެކު އެންއީއޯސީގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ކޮވިޑް19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

ބައެއް އެހެން ގައުމުތައް ދިޔަފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ވަނީ އެބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.

ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް އާ މަރުހަލާއަށް ބަދަލުވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްް19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެވުނު މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެފަރާތްތަކަށްވެސް ރައީސް ސޯލިހު ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި ޒިޔާރަތުގައި ރައީސް ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއިގުޅޭގޮތުން ރައީސް އަށް މައުލޫމާތު ދެއްވާފައެވެ.

comment ކޮމެންޓް