އެމިރޭޓްސްގެ ދަތުރުތައް ޖުލައި 16 އިން ފެށިގެން ރާއްޖެއަށް

އެމިރޭޓްސްގެ ފްލައިޓެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމިރޭޓްސް ގެ ދަތުރުތައް އަންނަ މަހުގެ 16 އިން ފެށިގެން ރާއްޖެއަށް ފަށާނެކަން އެ އެއާލައިން އިން ހާމަކޮށްފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުރު މަޑުޖެހި، ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ގައުމުތަކުން މިހާރު ދަނީ ބޯޑަރުތައް ހުޅުވާލަމުންނެވެ. ރާއްޖެއިން ނިންމާފައިވަނީ އަންނަ މަހުގެ 15 އިން ފެށިގެން އަލުން ހުޅުވާލުމަށެވެ.

އެމިރޭޓްސް އިން ބުނީ ޖުލައި އިން ފެށިގެން އެ އެއާލައިނުން 52 މަންޒިލަކަށް ދަތުރު ކުރާނެ ކަމަށެވެ.

ދުބާއީ އާއި މާލެ އާއި ދެމެދު ހަފްތާއަކު ފަސް ފްލައިޓު ބާއްވަން އެމިރޭޓްސް އިން ވަނީ ނިންމައިފައެވެ. އެގޮތުން އާދިއްތަ، ހޯމަ، ބުރާސްފަތީގެ އިތުރުން ހުކުރު އަދި ހޮނިހިރުގައި ފްލައިޓު ބާއްވާނެ އެވެ.

އެމިރޭޓްސް އިން ދުބާއީ އާއި ދުނިޔޭގެ ގިނަ މަންޒިލުތަކެެއް ގުޅާލާ، ދަތުރު ފަށާފައިވާއިރު އެ އެއާލައިނުގެ ފަސިންޖަރުންގެ ސަލާމަތައި ރައްކާތެރިކަމަށް އެމިރޭޓްސްގެ ފްލައިޓުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅައެވެ. ކޮންމެ ފަސިންޖަރަކަށް ކޮމްޕްލިމެންޓްރީ ހައިޖީން ކިޓެއް ދޭއިރު އޭގައި ހިމެނޭނީ ފޭސް މާސްކާއި އަންގީގެ އިތުރުން އެންޓިބެކްޓީރިއަލް ވައިޕްސް އަދި ހޭންޑް ސެނިޓައިޒާ އެވެ.

ބޯޑަރު ބަންދު ކުރުމުގެ ކުރިން އެމިރޭޓްސް އިން ރާއްޖެއަށް ދުވާލަކު އެވްރެޖުކޮށް ތިން ފްލައިޓު ބޭއްވި އެވެ.

އެމްއޭސީއެލް އިން ބުނީ ރާއްޖެ އަލުން ހުޅުވާލާއިރު 10 އެއާލައިނަކުން ރާއްޖެ އަންނަން ސްލޮޓް ބުކް ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް