ރޭޕްކުރުން ހުއްޓުވުމަށް ގޮވާލައި ޖެންޑާ މިނިސްޓްރީ ކައިރީ މުޒާހަރާ ކުރަނީ

ރޭޕް ހުއްޓުވުމަށް ގޮވާލައި، ޖެންޑަ މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން އަންނަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ.

މަދު ބަޔަކާ އެކު މުޒާހަރާ ފެށި ނަމަވެސް، މިހާރު ގިނަ އަދަދެއްގެ މީހުން އަންނަނީ މިނިސްޓްރީ ކައިރިއަށް ޖަމާވަމުންނެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާސްކް އަޅައި، ގައިދުރުކަން ބަހައްޓައިގެން، "އަގެއިންސްޓް ރޭޕް އެންޑް އިމްޕިއުނިޓީ"ގެ ނަމުގައި ކުރަމުން އަންނަ މުޒާހަރާގައި ގާތްގަނޑަކަށް 100 ވަރަކަށް މީހުން ބައިވެރިވަމުން އަންނަ ކަމަށް އެތަނުގައި ހުރި "ސަން" ގެ ރިޕޯޓަރު މައުލޫމާތުދެ އެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން އަންނަނީ ޖިންސީ އަނިޔާގެ ކުށްތައް ހުއްޓުވުމަށް އިންސާފު ގާއިިމުކޮށްދިނުމަށާއި ނުފޫޒުވެރިން ހާމަކުރުމަށެވެ. އަދި ކަމާބެހޭ ފަރާތްތައް ޒިންމާދާރުވުމަށެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ޝުއޫރުތައް ލިޔެފައިވާ ގިނަ އަދަދެއްގެ ބޯޑުތަކާއި ބެނާތައް ވެސް ބޭނުންކުރަމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ނުބޭއްވުމަށް އަންގާފައި ވަނިކޮށް، މަޖިލިސް ދޮށުގައި ބޭއްވި މުޒާހަރާއެއް ފުލުހުން ވަނީ ރޫޅާލައިފައެވެ. ނަމަވެސް މިއަދު މުޒާހަރާގެ ބައިވެރިން އެއްވެފައިވާ މަގު ބަންދުކޮށް، ވަކި ހިސާބެއްގައި މުޒާހަރާކުރަން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ފުރުސަތު ދީފަ އެވެ.

އަދި މިއަދު މުޒާހަރާ ކުރާ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނީ މަދު އަދަދެއްގެ ފުލުހުންކަން ފާހަގަކޮށްލެއްވެ އެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު، ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އެމީހުން ވަނީ ހަމަ އެ ދުވަހު ބަންދުން ދޫކޮށްލައިފަ އެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށާއި މަައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މިކަމުގައި ސަރުކާރުގެ ބޮޑުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެކަން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

މީގެކުރިން ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ވެސް ޖެންޑާ ކައިރީގައި ވަނީ މުޒާހަރާކޮށްފަ އެވެ. އަދި މުޅި ރާއްޖޭގައި ވަނީ އެކަމާ ގުޅިގެން އަޑުއުފުލައިފަ އެވެ.

މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއެކު، އޭރު ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި، ޝިދާތާ ޝަރީފް ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

comment ކޮމެންޓް