އިހްލާސްތެރިންގެ ފަހަތުން ދުވުމަކީ ގައުމުގެ މިސްރާބް އޮޅިދާނެ ކަމެއް: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު: އިހްލާސްތެރިންގެ ފަހަތުން ދުވުމަކީ ގައުމުގެ މިސްރާބު އޮޅިދާނެ ކަމެއް ކަމަށް ވަނީ ވިދާޅުވެފައި ---

ގައުމުގައި ތިބި އިހްލާސްތެރި އިހްސާންތެރިންގެ ފަހަތުން ދުއްވައިގަތުމަކީ ގައުމުގެ މިސްރާބް އޮޅިގެން ހިނގައިދާނެ ކަމެއް ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ގައުމު މިހާރު މި އޮތީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ދަތި އުނދަގޫ ހާލަތެއްގައި ކަމަށާއި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގައި ކޮންމެ އެއްޗެއް ވެސް މި ބޭނުންވަނީ ހައްގަށް ނަސްރު ހޯދުމަށްޓަކައި. އަޅުގަނޑުމެން ނުކުރާ ކަމެއް ނުކުރާ ބައެއްގެ ފަހަތުން ދުވުމާއި ދުވަހަކު ކުށަކަށް ނާރައިގަންނަ ވަރަށް އިހްސާންތެރި، އިހްލާސްތެރި މީހުންގެ ފަހަތުން ދުއްވައިގަތުމަކީ ގައުމުގެ މިސްރާބާއި ކަންތައް ކުރަން އުޅުމުގެ މިސްރާބް މުޅިން އޮޅިގެން ހިނގައިދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ސިޔާމް ވިދާޅުވި އެވެ.

ގުޅިފަޅު ޕޯޓް މަޝްރޫޢުއަށް ބިން ހިއްކަން ފެށުމުން އެކަމާ ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ދިރާސާކޮށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ސިޔާމް ވަނީ، އެންވައިރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

އީޕީއޭ އިން އެކި ފަރާތްތަކާ މެދު އަމަލު ކުރަމުން ދަނީ އެކި ގޮތްގޮތަށް ކަން ފާހަގަކޮށް ސިޔާމް ވިދާޅުވީ، ބޮޑެތި މަޝްރޫއުތަކުގެ އެޕްރޫވަލް ހޯދުމަށް އީޕީއޭއަށް ހުށަހަޅާ އަހަރު ދެ އަހަރުވާ އިރު ވެސް އެޕްރޫވަލް ނުލިބި އެބަހުރި ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ވިޔަފާރިވެރިންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާ ކަން ސިޔާމް ފާހަގަކުރެއްވި އެވެ.

ވަކި ކަމެއް ކުރުމުން އެކަކު ޖޫރިމަނާ ކުރާ އިރު ހަމަ އެކަންތައް އެހެން މީހަކު ކުރުމުން އަޅާ ވެސް ނުލާ ދޫކޮށްލާފައި އެބަހުރި ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މީހަކު ކުޑަ ކުޑަ މުޑިއެއް ޖަހާލީމާ ފަންސަވީސް ހާސް ރުފިޔާއިން ނޫނީއްޔާ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފާނެ. މިކަހަލަ ބޭއިންސާފު އެއްވެސް ކަހަލަ އިންސާފެއް ނެތް ގޮތުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި އެންވައިރުމެންޓް އޮތޯރިޓީ ފެނިގެން މިދިޔައީ 25 އަހަރު 30 އަހަރު،" ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް