މާޒިން ގެޒެއިނިޔާގެ ދޮރާށި ހުޅުވާލުމާއެކު ނޭފަތުގައި ޖެހުނީ ގާޑްނިއާ އަދި ހުވަދުމަލުގެ މީރުވަހެވެ. އެތެރެއަށް ވަނުމުން ބަޓަރު ކޭކެއް ފިހެވޭ ވަހެވެ.

"އައްސަލާމް އަލައިކުމް.." މާޒިން ތެޅިތެޅިވާ ހިތަކާއެކު ގޮވާލިއެވެ.

ސަލާމުގެ ޖަވާބުދިނީ އަދާއެވެ. އިރުކޮޅެއްނުވެ އަދާ ނުކުތްއިރު އޭނަ އެއްވެސް ކަހަލަ މޭކަޕެއްކޮށްފައެއް ނެތެވެ. ގަޔަށް ދޫ ހެދުމަކާ ހަރުވާޅެއްލައިގެންނެވެ. މާޒިން ފެނުމުން އަދާއަށް ހީލާކަށްވެސް ރުޅި އަންނާކަށްވެސް ނޭގުނެވެ. އެއްވެސް ޝުއޫރެއްނެތް ބެލުމަކުން ބަލާލާފައި މާޒިން އެއްޗެކޭ ބުނުމުގެ ކުރިން އޭނަ ޖަވާބުދިނެވެ.

"އާލިޔާއާއި ބައްދަލުކުރަން ކަމަށް ވަންޏާ އެކަމެއްނުވާނެ. އާލިޔާ ބޭނުމެއްނޫން މާޒިންއަށް ފެންނާކަށް. އައިމް ސޮރީ..." އަދާގެ ރާގުގައި ހަމްދަރުދީ އެއް ނެތެވެ.

"ހަމަ އެންމެ ވާހަކައެއް ބުނެލަން..."

"ތެދަށް ބުނަންޏާ މާޒިންމެންގެ އާއިލާއާއި ދުރުވީ ވަރަކަށް އެންމެނަށް ފައިދާ އޮތީ. ހަމަޖެހިގެން ދިރިއުޅެވޭނީ...." އަދާ ހިތުގައިވާ އެއްޗެއް ބުނެލިއެވެ.

"އެއީ؟ " މާޒިން ދެރަވިއެވެ.

"ޚިޔާލު ތަފާތުވީމަ.....އިފްޔޫލް އެކްސްކިއުޒް މީ...." އަދާ ދާންވެގެން އެނބުރުނެވެ.

"އަހަރެން ދާނީ އާލިޔާއާއި ބައްދަލުކޮށްފައި.." މާޒިންގެ އަޑުގައި ހުރީ ގޮތްދޫނުކުރާނެ ރާގެކެވެ. އަދާ ސިހިފައި މާޒިންގެ މޫނަށް ބަލައިލުމަށްފަހު އާލިޔާގެ ކޮޓަރިއަށް ވަންތަން ފެނުނެވެ. މާޒިން އިންތިޒާރުގައި ހުއްޓާ ވަގުތުތައް ފާއިތުވަމުންގޮސް ފަނަރަ ވަރަކަށް މިނިޓް ހިގައްޖެއެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ހުރުމާއެކު އަދާ އަދި އާލިޔާއަކީ އަޑުހަރުކޮށް ވާހަކަ ދައްކާ ބަޔަކަށް ނުވާތީ އަޑެއް ބަޑެއްނީވެއެވެ. މާޒިންއަށް ކެތްނުކުރެވިގެން ދޮރުގައި ޓަކި ދިނެވެ. ތަންކޮޅެއް ބާރަށެވެ. ރުންކުރުވާންވެސް ފެށީއެވެ. ނަމަވެސް ވިސްނާލާފައި އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އޭނައަކީ އެހާ ރުޅިގަދަ ރުންކުރު މީހެއްވެސް ނޫނެއް ނޫން ހެއްޔެވެ. އަމުދުން އަމިއްލައަށް ކުރި ކުށާއިމެދު އާލިޔާއަށް ބާރު ފޯރާ ގަދަ ދައްކާ ރުޅި ބާލަންޖެހޭހެއްޔެވެ.

އިރުކޮޅަކުން ދޮރު ހުޅުވާލައިފިއެވެ.

އޭނަގެ ކުރިމަތީގައި ހުރީ އާލިޔާއެވެ. ނަމަވެސް ނިގާބުގައެވެ.

"މާޒިން. ކީކޭ ބުނަން ބޭނުންވަނީ؟"

"އަހަރެމެންނަށް އިރުކޮޅަކަށް ޕްރައިވެޓްކޮށް ވާހަކަދައްކާލެވިދާނެތަ؟ " މާޒިން އެހިއެވެ.

"ކޮޓަރީގައި ތިބީ މާމައާއި އަދާ. ދޮންބެ ހުންނެވީ ޑިއުޓީގައި. ދެން ޕްރައިވެސީ ލިބޭނީ މިހާވަރަކަށްނު......" އާލިޔާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އިންސާނުންނަށް ކުށް ކުރެވިދާނެ. މާފުކުރުމާއި މާފަށް އެދުމަކީވެސް އޮންނަ ސިފައެއްކަން ނޭގޭ. އާލިޔާގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އައި ބަދަލު އެހެން މީހަކަށް ނޫން އެނގޭނީ. އެންމެ ބޮޑަށް އެނގޭނީ އާލިޔާއަށް......"

"އެކަން ނޭގެނީއެއްނޫން.. އެކަމަކު.....އަރްސަންގެ އިންޓެންޝަން އަދި އޭނަވެސް ޗޭންޖެއްނުވޭ. އޭނަގެ އެހެން މަގުސަދެއް އޮތީ. އޭނަ ރިވެންޖް ނަގަން އަހަރެން ޔޫޒްކުރަންޏާ ހަމައެކަނި ދެރަ ލިބޭނީ އަހަންނަކަށް ނޫން. ދޮންބެއާއި އަދާވެސް އެކަމުގެ ތެރެއަށް ވައްޓާލެވެނީ. އޭނަގެ މަގުސަދު އެގިއްޖެ. އަދާގެ ފަރާތުން ބަދަލުހިފުން. އެކަން އޭނަ ކުރާނެ. ދޮންބެމެންގެ ދިރިއުޅުމަށް ހިޔަނި އެޅުމުގެ މެދުވެރިއަކަށް އަހަރެންވާން ބޭނުމެއްނޫން..." އާލިޔާ ސާފުބަހުން ބުނެލިއެވެ.

"އަހަންނަށް ނޭގޭ ބުނާނެ އެއްޗެއް.." މާޒިން މާޔޫސްވާން ފެށިއެވެ.

"މާ ބޮޑަށް އެއްވެސް މީހަކަށް އެޓޭޗްވާން ފަށައިފިއްޔާ ދިރިއުޅުން ވޭނަކަށް ވެދާނެ......."

"އައި ނޯ. އާލިޔާ. އައި ނޯ. އެޓޭޗްވާން ވީ ހަމައެކަނި ހެއްދެވި ފަރާތަށް. އެކަމަކު އައިމް ނަތިން ލައިކް ޔޫ. ތިހެންވާން ބޭނުމީ އެކަމަކު އަދި އެ ލެވެލްއަކަށް ނުދޭ. ކެތްކުރުން ފަސޭހަކަމަކަށްނުވޭ. އިޓް ހާޓްސް ޓޫ މަޗް..." މާޒިން ފެންކަޅިވާން ފެށިއެވެ. އެލޮލުގައި ވިދަން ފެށި ކަރުނަތައް އާލިޔާއަށް ފެނުނެވެ.

"ކަމް ބެކް ޓު މީ އާލިޔާ..."

"އެންމެ ރަގަޅު. އެކަމާ ވިސްނާނަން. އަހަންނަށްވެސް ވަގުތު ބޭނުން. ހަމައެކަނި މާޒިންއަކަށް ނޫން ހާޓްވާނީ. އެހާ ތާކުން ތާކު ނުޖެހޭ ލަނޑު މީހުންނަށް ދޭން ވިސްނުމުގެ ކުރިން ހާސްފަހަރު ވިސްނަންވާނެ. ކޮންމެ ކޮންމެ މީހަކު މާފު ނުދީފާނެ." އާލިޔާގެ އަޑު ކުރިއަށްވުރެ މަޑުވިއެވެ.

"އިންތިޒާރުކުރާނަން......"

"އޯކޭ......" އާލިޔާ ލޯ މަރައިލިއެވެ.

"ފީ އަމާނިﷲ...." މާޒިން ދާން ހިގައިގަތުމުން އާލިޔާ ބުނެލިއެވެ.

***

އަޔާޒް އަދާ ގޮވައިގެން ސްކައިޕެލެސް ރެސްޓޯރެންޓަށް ޖައްސައިލީ ރޭގަނޑުގެ ކެއުމަކަށެވެ. އާއްމުކޮށް ބޭރުން ކައި އުޅުން އާދައަކަށް ނުވިޔަސް މަންމަ އަދި އަންހެނުންގެ އުފަލަށްޓަކާ ދޭތެރެއަކުން އެފަދަ ތަންތަނަށް ގޮސްލުމަކީ އޭނަ ދެކޭގޮތުގައި އެންމެ ރަގަޅުކަމެކެވެ. ސްކައިޕެލެސް ރެސްޓޯރެންޓް ހުންނަނީ ހޮޓަލުގެ މަތީބައިގައެވެ. ރަންކުލައިގެ ޗާންދަލިޔާތަކުގެ ރަން އައްޔާއެކު ބިންމަތީގައި އަޅާފައި ހުންނަ ރަން ދޫލަ އަދި އެކުލައާއި ރަތްކުލައިގެ ގޮދަޑިޖެހި ގޮނޑިތަކާއި މޭޒު އަދި ފާރުގައިވާ ކުރެހުންތަކުން ސިފަވަނީ ޔޫރަޕްގެ ގޮތްގަނޑެވެ. އެހާ ހިތްގައިމެވެ. ދެމީހުންގޮސް ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި ޖަައްސައިލިއެވެ. މެނޫ ބަލާފައި އޯޑަރު ދިނުމަށްފަހު ވާހަކަދައްކަން ތިބިއިރު ބައެއް އަންހެންކުދިންގެ ނަޒަރު އެމޭޒަށް ހުއްޓުނެވެ. މޭޒުމައްޗަށް ކާން އެރުވުމުން ބިސްމި ކިޔާފައި ކާންފެށިއެވެ. ކައި ނިމިގެން ސެލެޑް ކާންފެށިތަނާހެން އެހެން މޭޒަކާ ދިމާލަށް އެންމެން ބޮނޑިވެގަތުމުން އަޔާޒްއަށްވެސް އެދިމާލަށް ބަލައިލެވިއްޖެއެވެ. ކޮންމެވެސް މީހަކަށް ކަމެއް ދިމާވީއެވެ. ހާޓްއެޓޭކެއް ބާވައެވެ.

"އަދާ. މަޑުކޮށްލާ އިނގޭ މި އަންނަނީ.." އަޔާޒް އަވަސްވެގަތީ އެދިމާލަށެވެ.

އެހިސާބާ އަރާ ހަމަވީއިރު އަދާގެ މަންމަ ދިޔާނާ ހާސްކަމާއެކު އޭނަގެ ފިރިމީހާ ގާތުގައި ހުއްޓިލައިގެން ހުރެ ބުރަކަށީގައި މަޑުމަޑުން ތަޅަމުން ފެން ބޯން އެދެމުން ދިޔައެވެ. އޭނައަކަށް ނޭވައެއް ނުލެވެއެވެ.

"ކަރުގައި އެއްޗެއް ތާށިވީކަން ނޭގޭ.." އެކަކު ބުނެލިއެވެ.

އަޔާޒް ސިކުންތުކޮޅަކަށްވެސް މަޑުކޮށްލުމެއްނެތި ފަރުވާދޭން އަވަސްވެގަތެވެ. އޭރު އެހެންމީހަކު އެމްބިއުލެންސަށްވެސް ގުޅައިފިއެވެ. އަޔާޒު އޭނަގެ ފަހަތުން ހަށިގަނޑުގައި ހިފަހައްޓާފައި ހައިމްލިކް މެނޫވާ ހެދިއެވެ. އޭނަ ވަގުތުން ނޭވާ ލެވި ހަމަޔަކަށް އެޅުނެވެ. އޭރު އަދާގެ މަންމަ ހުރީ އަނގަމަތީ އަތް އަޅައިގެންނެވެ. އަދާގެ ބައްޕަގެ ފުރާނަ ސަލާމަތްކޮށްދިނީ ދެވަނަ އެހެން މީހެއް ނޫނެވެ. އެމީހުން ނުރުހިގެން ބާކީކޮށްލި އަދާގެ ފިރިމީހާއެވެ. ޑޮކްޓަރ އަޔާޒުއެވެ. އަދާގެ ބައްޕަ ޝުކުރުވެރިވިއެވެ. ހިނިތުންވެލިއެވެ. އެވަގުތު އަދާއަށްވެސް އެހިސާބަށް އާދެވިއްޖެއެވެ.

"ބައްޕަ އާ ޔޫ އޯކޭ؟ " އަދާ ލޯ ބޮޑުކޮށްލައިގެން ހުރީ ވީގޮތެއް ނޭގިފައެވެ.

"ބައްޕަ ކަނިކޮށް ކޮށި އަރައިގަނެ ނޭވާ ނުލެވުނީ. މިހާރު މުޅިން ރަގަޅު. ތޭންކްސް ޓު މައި ސަން އިން ލޯ...."

"އަލްހަމްދުލިއްﷲ ހުރިހާ ޝުކުރެއް ހެއްދެވި ފަރާތަށް..."

އަދާގެ ލޯ ކަރުނުން ފުރުމާއެކު ބައްޕަގެ ގައިގާ ބައްދައިލެވުނެވެ. އޭނައަކީ އަބަދުވެސް ޑެޑީގެ ލިޓްލް ގާލްއެވެ. ބައްޕަ ވިޔަފާރި ދަތުރުތަކުގައި ގޮސްފައި ސަޕްރައިޒް ދިނުމުން ހަމަ މިހެން ބައްދާލައިގެން ހުރެ ރޯ ހަދާން އޭނަ ވެއެވެ. އޭރު އަދާގެ މަންމަވެސް ހުރީ އިސްޖެހިފައެވެ. ދެރަވެފައެވެ. އަދާ އޭނަގެ މަންމަގެ ގާތަށް ހުއްޓުނެވެ. މަންމައަށް ގޮވައިލިއެވެ. ހާލު އެހިއެވެ. ދިޔާނާގެ މޫނު އަލިވެގެން ދިޔުމާއެކު އަދާ ގެނެސް މޭގައި ޖައްސާލެވުނެވެ.

"ގެއަށް އަންނައްޗޭ ދޭތެރެއަކުން."

"ތިއީ ދައުވަތެއްތަ މަންމާ.." އަދާއަށް ހީލެވުނެވެ.

"ޔަގީން..." ދިޔާނާގެ ލޮލުން ކަރުނަ އައެވެ.

އޭރު އަޔާޒް އަދާގެ ބައްޕައާއި ސަލާމްކޮށްލާފައި ތަންކޮޅެއް ދުރުގައި ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ބައްޕަ ޝުކުރު އަދާކުރީކަން ޔަގީނެވެ. އަޔާޒު ހިނިތުންވެލާފައި އެއްޗެކޭ ބުނެލާފައި ކުރިން އިންތާ އިށީދެ ފޯނާއި ކުޅެންފެށިއެވެ. އެހެންމީހުންވެސް އެކި ދިމާލަށްގޮސް އެމީހެއްގެ މޭޒުގައި ޖައްސާލައިފިއެވެ. ދިޔާނާ އަދާ ގޮވައިގެން ގޮސް އެމީހުން ތިބި މޭޒު ދޮށުގައި އިށީދެފައި ވާހަކަދެއްކިއެވެ.

"މަންމަ އަޔާޒު އުޅޭގޮތް ވަރަށް ބަލައިފިން. އެންމެން އިހުތިރާމްކުރާ ރަގަޅު ޒުވާނެއްކަމަށް ވަނީ. ޚާއްސަކޮށް އޭނަގެ މަންމަ ގޮވައިގެން ރެސްޓޯރެންޓަށް ގެންގޮސް އަޅާލާ ވަރު ފާހަގަކުރެވޭ. އަމިއްލަ މަންމައަށް އެހާ އަޅާލާ ލޯބިވާ ފިރިހެންދަރިއަކު އޭނަގެ އަންހެނުންނާއިމެދުވެސް ކަންތައް ކުރާނީ ހަމަ އެހާ ލޯބިން. އާއިލާ މޮޅުނުވިޔަސް އެމީހެއްގެ މަސައްކަތުން އިހުތިރާމް ކުރާ ފަދަ ޒުވާނަކަށް ވެވޭނީ. ނިކަމެތިކޮށް އުޅޭ މީހުން ޒިންމާދާރު ހަރުދަނާ މީހުންނަށް ވެފައި އެބަތިބި. އަދި މުއްސަދިންގެ ދަރިން އުޅުމެއްނެތި މައިންބަފައިން ކާންދިނީމަ ކައިގެން އެބަތިބޭ. މަންމައަށް މިހާރު ވިސްނިއްޖެ. އަޔާޒު ދަނބިދަރިއެއްގެ ގޮތުގައި ބަލައިގަންނަން ތައްޔާރަށް މިހިރި. ޚާއްސަކޮށް މިރޭގެ ހާދިސާއިން ފިލާވަޅެއް ލިބިއްޖެ. އަޔާޒު ނެތްނަމަ އަޔާޒުގެ އެ އިލްމު ނެތްނަމަ މިއަދު ބައްޕަގެ ފުރާނަ ސަލާމަތް ނުކުރެވުނީސް. ކޮންމެވެސް ސަބަބެއް މެދުވެރި ކުރައްވާނެތާ. އުމުރަށް އަޔާޒުގެ އިހުސާންތެރިކަން މަންމަ ހަދާނެއް ނުނެތޭނެ...ހީ ކޭމް ލައިކް އެން އެންޖެލް........." ދިޔާނާ އޭނަގެ ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ. ކަރުނަތައް ގިނަވުމުން ޓިޝޫއަކުން ފޮހެލިއެވެ.

"އިޓްސް އޯކޭ މަންމާ.."

ދަރިފުޅު ގެއަށް އާދޭ....ދެކުދިންނަށް އުޅެވޭނެ.."

"ނޫން މަންމާ ހިޔެއްނުވޭ އަޔާ އޭނަގެ މަންމަ އެކަނިކޮށްލާފައި އެހެން ތަނަކަށް ދާނެހެން. އަޔާގެ ހުރިހާވެސް މީހަކީ އޭނަ މަންމަ.........."

"ހައު ސްވީޓް.." ދިޔާނާ ތައުރީފުކުރިއެވެ.

"ބައްޕަމެން ލަދުވެސް އެބަގަނޭ އޭނައާއި ދޭތެރޭ ކަންތައް ކުރެވުނުގޮތުން. އެކަމަކު ބައްޕަ މާފަށް އެދުނިން. ގެއަށް އަންނަންވާނެއޭވެސް ބުނިން. އެގޭގެ ދޮރުތައް އަބަދުވެސް އަޔާޒުމެންނަށްޓަކާ ހުޅުވިފައި ހުންނާނެއޭ ބުނިން. ޝުކުރުވެސް ކުރިން. އޭނަ ބުނީ އެއީ ޑިއުޓީއެއްކަމަށާއި މާފަށް ނޭދުނަސް ހިތުގައި ބުރަކަމެއް ނެތްކަމަށް. އަަސްލު އެންމެނަށް ފަސްޓް އެއިޑް އެނގިފައި އޮތުން މުހިއްމު........." ބައްޕަ ހިނިތުންވެލިއެވެ.

"އެކަން ގަބޫލުކުރާނީ އަޔާޒު މަންމަމެންގެ ދައުވަތު ގަބޫލުކޮށްގެން އައިއްޔާ..."

"އޯކޭ މަންމާ ބައްޕާ. ވަރަށް ބޮޑަށް އުފާވެއްޖެ..." އަދާ ތެދުވެފައި އޭނަގެ މަންމައާއި ބައްޕަގެ ގައިގާ ބައްދާލިއެވެ. އަދި އަޔާޒު އިން މޭޒާއި ދިމާލަށް ހިނގައިގަތްއިރު ހިތުގެ ކަނުގައި މިހުރިހާ ދުވަހު ފިލާފައިވި ހިތްދަތިކަން އެއްފަހަރާ ނެތި އާ ފޯރިއަކާއި ޖޯޝެއް ހިގާލައިފިއެވެ. އުފަލުންގޮސް ރޮވޭވަރުވިއެވެ. އަޔާޒު ގާތު އޭނަ އެހުރިހާ ވާހަކަތަކެއް ކިޔާދިނެވެ. އޭނަގެ ދުޢާތައް އިޖާބަކުރައްވައިފިއެވެ. މިހާރު ދުޢާއަކީ މަންމައާއި ބައްޕައަށް ހިދާޔަތް ދެއްވާ ދީނަށް ލޯބިކުރާ ބަޔަކަަށް ވުމެވެ. ހަމައެކަނި ދުނިޔޭގެ ރީތި ކުލަތަކަށް ނުހެއްލި ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން މަސައްކަތް ކުރާ ސޯލިހު ބަޔަކަށް ވުމެވެ.

***

އަރްސަންގެ ކާރުގައި ރޯކޮށްލިތަނާ ދެތިން ދުވަސް ތެރޭގައި އޭނައާއި ހަށިފާރަވެރިންނަށްވެސް ހަމަލާދިނެވެ. އެކަން ކުރި ބަޔަކު ފިލައިގެން ދިޔައީއެވެ. މޫނުގައި މާސްކް އަޅައިގެން ތިބުމުން ވަކި ކުރެވޭނެގޮތެއް ނުވިއެވެ. ފުލުހުންނަށް އެކަން ނުހޯދި ހައިރާންކަމާއި ބިރުވެރިކަމެއްގެ ތެރޭ ތިއްބާ އަރްސަންގެ ގޭގައިވެސް ރޯކޮށްލައިފިއެވެ. ޖެހިޖެހިގެން އޭނައަށް ހަމަލާތައް އަންނަން ފެށިއިރު ސޯޝަލް މީޑިއާގައި އަރްސަންއަށް ވީޑިއޯތަކުންވެސް އިންޒާރު އަންނަމުން ދިޔައެވެ. ނިރުބަވެރިންގެ އަމާޒަކަށް އަރްސަން ވީއެވެ. ސްކައިޕެލެސްއަށް ލިބުނު ޝޮކަކަށް އެ ހަމަލާތައްވިއެވެ. ސުކައިނާ އޭނަގެ ދަރިފުޅަށް ގުޅަން މަސައްކަތް ކުރިއިރު ފޯނުވެސް ނިވާލާފައެވެ. އަރްސަން ފުރައިގެން ދިޔައީ މިފަހަރު ވަދާއުގެ ސަލާމް ކޮށްލުމެއް ނެތިއެވެ. ސުކައިނާ ހިތާމައިގެ ކޮޅެއްނެތެވެ. ކިރިޔާވެސް ހިތް ހަމަޖެހުމެއް ލިބުނީ ޓެލެގްރާމުން ލިބުނު މެސެޖަކުންނެވެ.

"މަމް. ޑޯންޓް ވޮރީ އެބައުޓް މީ. އައިމް އޯކޭ. އިންޓަނޭޝަނަލް ނިރުބަވެރި ޖަމާއަތަކުން އަހަންނަށް އިންޒާރުދީ މަރާލާނެކަމަށް ތަކުރާރުކޮށް ބުނާތީ މިދުވަސްކޮޅު ގޮއިންގް އިން ޓު ހައިޑިން ބުއްދިވެރިކަމަކަށް ފެނުނީ. ލަވް ޔޫ މަމް..

މަންމަގެ ހެޔޮ ދުޢާއަށް ބޭނުންވެފައިވާ މަންމަގެ އަރްސަން."

އެސިޓީ މޭގައި ޖައްސާލައިގެން ހުރެ ސުކައިނާ ރުޔެވެ. އޭނަގެ ދެލޯ ނޭދި އެދޭ ދަރިފުޅަށް މިޖެހުނީ ކޮންފަދަ ނުބައި ބަދު ދުޢާއެއް ހެއްޔެވެ. ސުކައިނާއަށް ކަރުނައިގެ ތެރެއިންވެސް ލޮލުގައި އަޅައިގަތީ ދަރިފުޅު ދުޢާކުރަން އެދިފައިވާތީ އެބަހެވެ. ދީނީ ގޮތުން އެވަރުގެ ލަފުޒެއް ވެސް އަރްސަން ބޭނުން އެކުރީ ފުރަތަމަ ފަހަރަށެވެ. އެހެންވެދާނެއެވެ. ކަލަކު ވާކަމަށް އަރްސަން ގަބޫލު ކުރޭ ނޫންހެއްޔެވެ. އެކަމަކު އޭގެ މާނައަކީ މުސްލިކަމަށް ވީއެއް ނޫނެވެ. ސުކައިނާ ފުރަތަމަ ފަހަރަށް ދަރިން ތަރުބިއްޔަތު ކުރެވުނު ގޮތާއިމެދު ވިސްނިއެވެ. ދީން އޮޅުން ފިލުވައިދީ އުޅުނުނަމަ ފަހަރެއްގައި ޖަންނަތުގައި އެންމެން އެކުގައި އުފާވެރިކަމާއެކު ވަކިވެދާނެކަމުގެ ބިރެއްނެތި އުޅެވުނީހެވެ. ނަމަވެސް މިއީ ކެހިވެރިކަމުގެ ވަގުތީ ދުނިޔެއެކެވެ. އަދި އޭނަގެ އަތުގެ ހިމާޔަތުގައި ގެންގުޅުނު ލޯބިވާ ދަރިންކޮޅު ބޮޑެތިވެގެން ފަހަރަކު ކުއްޖަކަށް ގެއްލިގެން އެދަނީއެވެ. އެންމެފަހުން އަރްސަންއަށް މިޖެހުނީ ކޮންފަދަ ކަމެއްހެއްޔެވެ؟ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ މީހުންގެ އުދަގޫތައް ޖެހުނީއެވެ. އެ ޖަމާއަތަށް އާލިޔާމެން ނިސްބަތް ނުވާކަން އޭނަ ދަނެއެވެ. ނޫނީ އާލިޔާމެންނަކީވެސް އެމީހުންގެ ގޮތްޕެއް ހެއްޔެވެ. އެކަން ދެނެގަންނާނީ ކިހިނެއް ބާވައެވެ.

***

މާޒިން ގެޒެއިނިއާއަށް ދިޔައީ ޕޮޓެއްގައި ހުރި އޮރެންޖް ގަހެއް ހިފައިގެންނެވެ. ކުދި ކުދި އޮރެންޖުން ބަރާވެފައިވާއިރު ނިކަން ހިތްގައިމެވެ. ގާޑަނިއާ ގަސްތަކުގެ ތެރޭ ބަހައްޓާފައި އޭނަގޮސް ގޭ ބެލްކަނީގައި އާލިޔާގެ އިންތިޒާރުގައި ބަލަން ހުރީ ބޭގަރާރުވެފައެވެ. އާލިޔާއަށް އެ ގަސް ފެނި ނިކަން ޝައުގުވެރިކަމާއެކު ގަސް ނެގިއެވެ. ފިރުމިއެވެ. ހަމަ ކުއްލިއަކަށް އާލިޔާ ބަލައިލީ މާޒިން ހުރި ބެލްކަންޏާއި ދިމާލަށެވެ. އޭނަ ރާސްލާފައި އެތެރެއަށް ވަދެގެން ހިގައްޖެއެވެ.

***

މައިމޫންއާއި ސުކައިނާ ކާރުން ފޭބިއިރު ދޮރާށިކައިރީ ބުޅަލެއް އޮތްތަން ފެނުމުން މައިމޫން އެދިމާލަށް ބައްލަވައިލެއްވިއެވެ.

"މިއީ ސޭމް ކާންދޭ ބުޅަލެއް ދޯ..."

"އޯ......ޔެސް. ސޭމް ފެންނައިރަށް މި ސޮރު އާދޭ..." ސުކައިނާގެ ލޮލުން ކަރުނަ ހިލުނެވެ.

މައިމޫންގެ ފައި ކައިރިއަށް ބުޅާ އައުމުން ދެލިގަނޑެއްފަދަ ބުޅާ ނެންގެވިއެވެ. އަދި ފެންޑާގައި ބާއްވާފައި ޚާދިމާއަކަށް އެންގެވީ ބުޅަލަށް ކާންދޭން ކެޓްފުޑް ގަނެގެން އައުމަށެވެ. ފައްސަތޭކަ ރުފިޔާގެ ނޫޓެއް ދިއްކޮށްލެއްވުމުން އޭނަ އަވަސްވެގަތީ ބުޅަލަށް ދޭ ކާނާ ގަންނަން ދާށެވެ.

"ވަޓް އާ ޔޫ ޑުއިން...."

"ސޭމްއަށްޓަކާ...."

"ކުރިން ބުޅާދެކެ ލައިކެއް ނުވަމު..."

"ޔެސް. މިހާރު ހިތް ބަދަލުވީ. ދަރިންދެކެ ވާ ލޯބީގެ ސަބަބުން ދަރިން ލޯބިކުރާ އެއްޗެއްސަށްވެސް ލޯބި ޖެހޭފަހަރު އާދޭ........." މައިމޫން ބުނުއްވިއެވެ. އަރްސަންއަށްޓަކާ މައިމޫންގެ ހިތުގައިވާ ލޯތްބަކީ ނަމޫނާއެކެވެ. އަރްސަން އަބަދަށްޓަކާ ގެއްލިގެން ދިޔައީކަމުގައި އޭނަވެސް ގަބޫލުކުރެއްވީހެއްޔެވެ؟ ސުކައިނާގެ ހިތުގައި ބިރުވެރިކަމުގެ ރަގަބީލު އެޅިއެވެ. ނުފެންނަ ކަރުނަތަކުން ލޯ ބަރާވެއްޖެއެވެ. ހިތް ރޮނީއެވެ. ދަރިއަކު ގެއްލުމުން އެންމެ އަސަރުކުރާނީ ހަމަ މައިމީހާއަށެވެ. ނޫނެކެވެ. އޭނަ އުއްމީދު ގެއްލުވާނުލާނެއެވެ. ސުކައިނާ އަވަސްވެގަތީ ނަމާދަށް ދިޔުމަށެވެ. ކިތަންމެ މޮޅުވިޔަސް މުއްސަދިވިޔަސް ފައިސާ ގިނަވެގެން ކުރާނެ ކަމެއް ނޭގިގެން އުޅުނަސް އެންމެ ބޭނުންވީ ދުވަހު އެއިން މަންފާއެއް ނުކުރިއެވެ. ހަގީގަތުގައި އިންސާނާގެ އެއްވެސް އާރެއް ބާރެއްނެތެވެ.

***

އާލިޔާ މާޒިންއާއި ބެހޭގޮތުން އަޔާޒުއާއި މަޝްވަރާކުރިއެވެ. އަޔާޒު ބުނީ އާލިޔާގެ ހިތް ބުނާގޮތަށް ކަންތައްކުރުމަށެވެ. ހިތް ބުނާނީ ރަގަޅަށް ކަމުގައެވެ. މާޒިން ކައިވެނި ކުރީ ކޮންމެ ނިޔަތެއްގައި ކަމުގައި ވިޔަސް އެމީހަކު ބަދަލުވުމުން ފުރުސަތު ދިނުމަކީ އެންމެ ރަގަޅުކަމެއް ކަމުގައެވެ. އެ އާއިލާގައި އާލިޔާއާއި ދެކޮޅު އެންމެ މީހަކު ހުރިކަމުގައި ވިޔަސް އެއީ ހަޔާތުގެ ބައިވެރިޔާއާއި ދުރުވާން އޮތް އުޒުރެއް ނޫނެވެ.

"ކޮއްކޮގެ ސަބަބުން މާޒިންއަށް ހިދާޔަތް ދެއްވީ. ދޮންބެއަށްވެސް މިހާރު އެއީ ކުރީގެ މާޒިން ނޫންކަން އެނގޭ. އެންމެނަށްވުރެ ކުރިން މިސްކިތަށް ގޮސް ނަމާދު ވަގުތަށް ބަލަބަލާ ތިބޭ މީހުންނަށް މާތްﷲ ގުރުއާނުގައި ތައުރީފުގެ ބަސްފުޅު ވަހީކުރައްވާފައިވޭ. އެފަދަ މީހުންނަކީ ނަމާދު ގާއިމުކުރާ މީހުން. މާޒިންގެ ހިތުގައިވާ އެއްޗެއް ބައްލަވާ ވޮޑިގެންވަނީ އެފަރާތުން އެކަމަކުވެސް ފެންނަ ފެނުމަށް މާޒިންގެ މުއުމިނެއްގެ ހުންނަން ޖެހޭ ސިފަތައް އެބަހުރި. ހީ ހޭޒް ޗޭންޖްޑް އެލޮޓް." އަޔާޒުގެ ޚިޔާލު ފައުޅުކުރިއެވެ.

"އަލްހަމްދުލިﷲ. ވަރަށް އުފާވެއްޖެ.." އާލިޔާ ހިނިތުންވެލިއެވެ.

ކޮޓަރިއަށް ވަދެފައި އާލިޔާ ވަގުތުން މެސެޖްކޮށްލީ މާޒިންއަށެވެ. ދެވަނަފަހަރަށްވެސް މާޒިންއަށް ފުރުސަތުދެނީ ހިތް އެގޮތަށް އަންގާތީ ކަމުގައި ބުނެލިއެވެ. މާޒިން ފޮނުވައިލީ އިމޯތަކެވެ. ރަތްކުލައިގެ ހިތްތަކެވެ.

"މީގެ މާނައަކީ ކޮބާ؟ " އާލިޔާ އެހިއެވެ.

"އާލިޔާ. އަހަރެން ދެން އިތުރަށް ވާހަކަދައްކާނީ ފިރިމީހާގެ ހައިސިއްޔަތުން. އެދުވަހަކަށް މިހާރުއްސުރެ އިންތިޒާރު ކުރަން މިފެށީ. ދެވަނަ ފުރުސަތެއް ލިބުނުކަމަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރުވެރިވަން. ދެން އަހަރެން ޕާސްޓްގައި ހެދި މިސްޓޭކް ތަކުރާރެއް ނުކުރާނަން. އެދުވަސްތައް ފާއިތުވެގެެން ހިގައްޖެ. ޒިންމާދާރު ހަރުދަނާ މީހެއްގެ ގޮތުގައި ދިރިއުޅުމާއި ކުރިމަތިލާން އަމިއްލަ ނަފުސަށް ވައުދު ވެއްޖައިން. އާލިޔާ ބުނާފަދައިން އިޝްގީ ލޯތްބަށް ވުރެ އެ ލޯތްބެއްގައި ހިތްހަމަޖެހުމާއި އުފާތައް ލިބޭނީ މާތްﷲއަށްޓަކާ ލޯބިވުމުން. އާލިޔާ އަހަންނަށް އެ އުފާ ހޯދާނެގޮތް ދަސްކޮށްދީފި. ގުޑްނައިޓް މައި ބިއުޓިފުލް ވައިފް......" މާޒިން ދިގު މެސެޖެއްކޮށްލިއެވެ.

އާލިޔާގެ ލޮލުން ފެނުނީ އުފާވެރިކަމުގެ ކަރުނަ ތަކެވެ.

***

އަރްސަންއަށް އޭނަގެ މާމައާއި ކާފަ ލަންޑަނުގައި އުޅޭކަން އެނގިގެން ބައްދަލުކޮށްލަން ދިޔައެވެ. އޭނަގެ މާމަގެ ނިތްކުރީގައި ބޮސްދިނެވެ. ބައްދާލައިގެން އިރުކޮޅެއްވާންދެން ހުއްޓެވެ. ދެން ކާފަގެ ގައިގައެވެ. އެދެމީހުންނަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އަރްސަންގެ ގައިގާ ބޮސްދީ ފިރުމާފައި އުޅުނުތަން ފެނުނު މީހެއްގެ ހިތް ރަހުމުން ފުރިގެން ބަންޑުންވާނެއެވެ. މާމަ ދަރިފުޅު ދެން ދުވަހަކު ނުފެންނާނެކަމަށް ނިންމައިގެން ހުއްޓާ އެނބުރި އައީއެވެ. އުފާވެރިކަމުގެ ކަރުނަ އައީ އެހާވެސް ބޮޑަށް ހަދާންވާތީއެވެ.

"ދެން ދުރަށް ނުދައްޗޭ ކާފަގެ ފުރާނަޔާ..."

"ދުނިޔޭގައި ހުރިއްޔާ އަދިވެސް ބައްދަލުވާނެ. ނޫނީ އާޚިރަތް ދުވަހުން ދިމާވާނީ. ކާފަމެންނަށް އެނގިލައްވާނެ އަޅުގަނޑަށް ކުރިން އުޅުނުހެން މިހާރު އުޅެވެން ނެތްކަން. ޓާގެޓްކޮށްގެން ފަހަތުން އުޅޭ ބަޔަކު އެބަތިބި. އާއިލާއާއެކު ދެން އުޅެވޭކަށް ނެތް. އެހެންވެ ދުރަށް ދާން މަޖުބޫރުވީ. އަޅުގަނޑަށް މާފުކޮށް ދެއްވައްޗޭ. ދުރުގައިވިޔަސް ހެޔޮ ދުޢާ ކޮށްދެއްވަންވާނެ. މިހާރު އެންމެ ބޭނުންވަނީ ހެޔޮދުއާ............." އަރްސަން މާމަގެ އަތުގައިވެސް ބޮސްދިނެވެ.

"އަރްސަން ތިހެން ހަދަނީ އަންބަކު ނެތީމަ. އަންބަކާއި ދަރިން ތިބިނަމަ ތަންކޮޅެއް ޒިންމާވެ ސިޔާސީ އަދި ހަގުރާމައިގެ ކަންތައްތަކަށް ނުވަންނާނެ..." ކާފަ އަރްސަންގެ އަނެއް އަތުގައި ހިފިއެވެ. ދިޔަނުދޭން ބޭނުންވާ ފަދައެވެ.

"އަޅުގަނޑު މީހަކާއި އިންނަމަ އެކުއްޖެއްގެ ނަސީބު ވަރަށް ދެރަވާނެ. ދަރިންކޮޅު ޔަތީމުވާނެ. އޯލްމައިޓީ ހުރިހާ ކަމެއް ރާއްވަވާނީ ހިކުމަތްތެރިކޮށް. އެމީހަކާއިމެދު ހުރިގޮތަކަށް ކަންތައްވަމުން ދާނީ. އައި ރިގްރެޓް ދަ ލައިފް އައި ހޭޑް އެކަމަކު މިހާރު ކުރިއަށް ދާން އޮތް މަންޒިލް ސާފުވެއްޖެ. އެކަކަށްވެސް ދެން ބަލިކޮށެއް ނުލެވޭނެ. ނަސީބު ލެއްވީ އަދި ކިރިޔާ. ތޭންކް ގޯޑް....." އަރްސަންގެ ލޮލުގައި ތަފާތު ވިދުވަރެކެވެ. ސިއްރުވެރި ގޮތެކެވެ. އޭނަ ބުނި އެއްޗެއް އެކަކަށްވެސް ފަހުމެއްނުވިއެވެ. އަރްސަން ގެ މަންޒިލަކީ ކޮބާކަމެއް ނޭގުނެވެ.

"ދަރިފުޅުގެ ނެތީ ކޮންކަމެއް ހުރިހާ އެއްޗެއް ލިބެ ހުރެ ތިކަހަލަ ކަންތައްތަކަށް ނުވަންނަމަ. ތި އިޒްރޭލަށް ހަތިޔާރު ނުވިއްކިނަމަ............"

"ނާއިންސާފުން ކަންތައް ހިނގާ ދުނިޔެއެއްގައި މިކަހަލަ މީހުންވެސް ބޭނުންވާނެ. އަޅުގަނޑު މިނެގީ އެންމެ ރަގަޅު ޑިޒިޝަން. އިސްލާމިކް ތާރީޚުވެސް ކޮންމެވެސް ވަރަކަށް ކިޔައިފިން. ޕްރޮފެޓް އާދަމްގެ ދަރި ގާބިލް ހާބިލް މަރައިލި ހިސާބުން ފެށިގެން އަދި އަދަށްދާންދެން ހަގުރާމަ ނުހިގާ އެންމެ ޒަމާނެއްވެސް ދުނިޔެ ނުދެކޭ. މި ދުނިޔެއަށް ފޮނުއްވި ސަބަބު ހަދާން ހުރި އެކަކުވެސް ނެތީބާވައޭ ހިތަށް އަރާ........" އަރްސަން ޖިންސްގެ ޖީބުގައި އޮތް ބަޑީގައި މަޑުމަޑުން އަތް ޖައްސައިލިއެވެ.

"ކޮބާ އެ މަގުސަދަކީ......." މާމަ އެހިއެވެ.

"އަޅުގަނޑަށް އަދި ވަގުތެއް ވެއްޖެއްޔާ ބައްދަލު ކުރާނަން. އެވާހަކަ ފަހުން ދައްކާނީ..." އަރްސަން ހުރީ ލަސްވެފައެވެ. އޭނަ މާމައާއި ކާފަގެ ގައިގާ ބައްދައިލަމުން މޫނުގައި ބޮސްދިނެވެ. " އެންމެ މިސްވާނެ އެއްބަޔަކީ އަޅުގަނޑުގެ ލޯބިވާ މާމައާއި ކާފަ..."

އަރްސަންގެ ލޮލުން ފޭބި ކަރުނަތިކިން މާމައާއި ކާފަވެސް ރޮއްވާލައިފިއެވެ.

"މޭ އޯލްމައިޓީ ޓޭކް ގުޑް ކެއާ އޮފް މައި ލަވިން ގްރޭންޑް ޕޭރެންޓްސް.." އަރްސަން ދޮރު ލައްޕާލާފައި ނުކުތުމުން މާމައާއި ކާފަ ދިޔަނުދޭން ނުކުތްއިރު ކާރަކަށް އަރާ ދުއްވައިލީއެވެ. އެމީހުންގެ ހިތް ހުސްކަމުގެ ތެރެއަށް ގަންބާފައެވެ. އެއީ އެމީހުންދެކެ އެންމެ ލޯބިވި މާމަ ދަރިފުޅެވެ. ކުޑައިރުއްސުރެ އަރްސަންގެ ހުންނަ އެންމެ ލޯބި ސިފައަކީ އެމީހުންނަށް އަޅާލިކަމެވެ. އޭނައަށް މައިންބަފައިން އެއްޗެއް ގެނެސްދިނަސް ދުއްވައިގަންނާނީ މާމައާއި ކާފައަށް ދޭށެވެ. މެޓާ ލިބުނަސް ޗޮކްލެޓެއް ލިބުނަސް އެމީހުންނަށް ދީފައި ނޫނީ ނުކާނެއެވެ. ޚާއްސަ ކުއްޖެކެވެ.

ޑޯންޓްވޮރީ މައި ލަވް. ހީ ވިލް ބީ ބެކް..." ކާފަ މާމަގެ ގައިގާ ފިރުމައިލިއެވެ.

***

މާޒިންއާއި އާލިޔާގެ ކައިވެނި ދެވަނަފަހަރަށް ކުރެވުނީ އެހާ ދެއްކުންތެރި ވަރުގަދަ ހަފްލާއެއް ބާއްވައިގެނެއް ނޫނެވެ. ނަމަވެސް ބޭނުންވާ ކޮންމެ މީހަކަށް އެ ހަފްލާގައި ބައިވެރިވެވޭނެ ހެންނެވެ.

ނުނިމޭ

comment ކޮމެންޓް