ވިސާގެ މައްސަލައެއްގައި ލަންކާއިން ފަސް ދިވެހިން ހައްޔަރުކޮށްފި

ސްރިލަންކާ: އެގައުމުން ފަސް ދިވެއްސަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ އޭޕީ

ވިސާގެ މައްސަލައިގައި ލަންކާއިން ފަސް ދިވެހީން ހައްޔަރުކޮށްފިއެވެ.

މި ފަސް މީހުން ހައްޔަރު ކުރީ ކޮން އިރަކުކަމެއް އަދި ސަފެއް ނޫންނެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ، ވިސާގެ މައްސަލައެއްގައި ލަންކާއިން ފަސް ދިވެހިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް މައުލޫމަތު ލިބުނީ މިއަދު ކަމަށެވެ.

"އެފަދަ މައުލޫމާތެއް ލިބިގެން އަޅުގަނޑުމެން މިހާރު މިދަނީ ކޮންސިއުލާ އެހިތެރިކަން ފޯރުކޮށްދެމުން،" މިއުވާން ވިދާޅުވެވެ.

މިއުވާން ވިދާޅުވީ، އެ ފަސް ދިވެހިންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށެވެ.

މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބޭ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ، ބޭރު ގައުމުގައި އުޅޭ ދިވެހިން އެގައުމުތަކުގެ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލެބުން. އަދި ހާއްސަކޮށް ވިސާގެ މައްސަލައިގައި އިތުރަށް ދިވެހިން ސަމާލުކަން ދިނުމަށް ވަރަށް ބޮޑަށް އެދެން،" މިއުވާން ވިދާޅުވިއެވެ.

ލަންކާގައި 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދެއެވެ.

comment ކޮމެންޓް