މޫސުން ގޯސްވެ ކަނޑުދަތުރު ކުރުމުގައި ސަމާލުވާން އެދިއްޖެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށް ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އެދިއްޖެ އެވެ.

މިއަދުގެ ހަވީރުން ފެށިގެން މިރޭގެ 21:41 އަށް ހއ. އިން ފެށިގެން މ. އަތޮޅާ ދެމެދު އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު އަށް މޭލާއި 18 މޭލުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް ގަޑިއަކު 45 މޭލުގެ ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރޭގައި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި އިތުރަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް