އަންނަ މަހުން ފެށިގެން ޓްރީޓޮޕް އާންމު ހާލަތަށް

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލު އާންމު ހާލަތަށް ބަދަލުކޮށް ކުރިއެކޭ އެއްފަދައިން ހޮސްޕިޓަލުން ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް ދޭން ފެށުމަށް ނިންމައިފި އެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި ހާއްސަ ތަނެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލު ވަނީ މިދިޔަ މެއި މަހުގައި ސަރުކާރަށް ދީފައެވެ.

އެ ނިންމުމާއި ގުޅިގެން، ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިން ފަރުވާ ހޯދަމުން ގެންދިޔަ ބަލި މީހުން އައިޖީއެމްއެޗަށް ބަދަލުކުރެވި ފަރުވާދިނިމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އަލުން ހުޅުވުމުގެ ކުރީން ޑީ ކޮންޓޭމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިންގެ މަސައްކަތް މިހާރު ޓްރީ ޓޮޕުން ކޮށްފައިވާ ކަމަށެވެ.

އަދި އެ ހޮސްޕިޓަލުން ހިދުމަތްތައް ފޯރުކޮށްދޭނެ ވަގުތުތައްވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އޯޕީޑީގެ ހިދުމަތް ހެނދުނު 10:00 އިން ފެށިގެން 20:00ގެ ނިޔަލަށް ލިބޭނެ ކަމަށާއި ޓެލެމެޑިސިން ކޮންސަލްޓޭޝަންގެ ހިދުމަތް ހެނދުނު 10:00 އިން ރޭގަނޑު 20:00ގެ ނިޔަލަށް ހުންނާނެ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ. ކޮވިޑް-19 އާ ގުޅިގެން ހެނދުނު 10:00 އިން ފެށިގެން 20:00 އަށް ފްލޫ ކްލިނިކްވެސް ހުޅުވާފައި ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހުރިހާ ހިދުމަތެއްވެސް ހުކުރުދުވަށް ބަންދުވާނެއެވެ. އެހެންނަމަވެސް އީއާރުގެ ހިދުމަތް އެ ދުވަހުވެސް ލިބޭނެ ކަމަށް ޓްރީ ޓޮޕް އިން ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅޭނެއެވެ. އެންބިއުލެންސްގެ ހިދުމަތަށް ގުޅަން ޖެހޭނީ 1610އަށެވެ.

ކޮވިޑް-19 އަށް ފަރުވާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް، ކޮވިޑް-19 އަށް ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރި އިރު އެތަނަށް ކޮންމެ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެ މުއްދަތުގައި ހަރަދުތައް ކުރާނީ ތަނުގެ މަނޭޖްމަންޓުން ކަމަށް ހޮސްޕިޓަލުން ކުރިން ބުންޏެވެ.

comment ކޮމެންޓް