ދެކުނު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނާޅަން ނިންމައިފިން: އުތުރު ކޮރެއާ

ކޭސީއެންއޭ ނޫހުން ބުނި ގޮތުގައި ދެކުުނު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނާޅާން އުތުރުން ނިންމީ ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ބައްދަލުވުމަކަށް ފަހުގައި ކަމަށް -- ފޮޓޯ:

ސޯލް (ޖޫން 24): ދެކުނު ކޮރެއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނާޅަން އުތުރު ކޮރެއާއިން ނިންމައިފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު ރިޕޯޓުކޮށްފި އެވެ.

އުތުރު ކޮރެއާގެ ކޭސީއެންއޭ ނޫސް އޭޖެންސީން ބުނި ގޮތުގައި އެގައުމުން ދެކުނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ނާޅަން ނިންމީ ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުން ބޭއްވި ބައްދަލުވުމަކަށް ފަހުގަ އެވެ. އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ލީޑަރު ކިމް ޖޮންގް އުން އެވެ.

ކޭސީއެންއޭގައިވާ ގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ "މިހާރުގެ ހާލަތަށް ބައްލަވާ" އަސްކަރީ ފިޔަވަޅު ނޭޅުމަށް ނިންމާފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އެ ނޫހުން ހާމަ ނުކުރެ އެވެ.

އުތުރާއި ދެކުނުގެ ގުޅުން މިފަހުން ގޯސްވެފައި ވަނީ އުތުރުން ފިލައިގެން ގޮސް ދެކުނުގައި ދިރިއުޅޭ ބައެއް މީހުން، ފުއްޕާހަމާއި ޑްރޯންތަކުގައި އައްސާފައި ބައެއް ތަކެތި އުތުރު ކޮރެއާއަށް ފޮނުވަމުންދާތީ އެވެ. އެގޮތަށް ފޮނުވާ ތަކެތީގެ ތެރޭގައި ކާނާ އާއި ޑޮލަރާއި އުތުރު ކޮރެއާއާ ދެކޮޅު މައުލޫމާތު ލިޔެފައިވާ ލީފްލެޓާއި ދެކުުނުގެ ހަބަރާއި ޑްރާމާތައް ފެންނަ ޕެން ޑްރައިވްތައް ހިމެނެ އެވެ.

އުތުރު ކޮރެއާއިން ވަނީ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި އެއީ ދެ ކޮރެއާގެ ލީޑަރުން 2018 ވަނަ އަހަރު ބައްދަލު ކުރައްވާ، ދެ ފަރާތުން "އަދާވާތްތެރި އަމަލުތަކާއި އަޑުގަދަކުރާ އާއި ލީފްލެޓުތައް މެދުވެރިކޮށް އެފަަދަ އަމަލުތަކަށް މަގުފަހި ކުރުން" ހުއްޓުވާނެ ކަމަށް އެއްބަސްވި އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެފަ އެވެ.

އޭގެ ސަބަބުން އުތުރު ކޮރެއާއިން ވަނީ ދެކުނާ އެކު އޮތް ހުރިހާ މުވާސަލާތީ ގުޅުންތައް ކަނޑާލާ، ދެ ކޮރެއާގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް މީގެ ދެ އަހަރު ކުރިން ހުޅުވި ލިއޭޒަން އޮފީސް މިދިޔަ ހަފްތާ ތެރޭ ގޮއްވާލާފަ އެވެ.

comment ކޮމެންޓް