ހިންމަފުއްޓަށް ޑްރަގް ގެންދަން އުޅުނު 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅުނު ދޮށީ އުމުރުގެ މީހެއް ހައްޔަރު ކޮށް އަތުލައިގަތް ތަކެތި ---- ފޮޓޯ: ފުލުހުން

ކ. ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން ދުވަސްވީ މީހެއް ފުލުހުން އިއްޔެ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސާއި ކ.ހިންމަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 65 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ

އެ ދެމީހުންހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ފުރައިގެން ހިންމަފުއްޓަށް އަންނަ ދޯންނަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އެ ދޯނި ކަނޑުމަތިން ހުއްޓުވައި، ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވޭ،" ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހު މުއްދަތެއް ވަނީ ދީފައެވެ.

އެ މައްސަލަ ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް