ހައިލަމަށް މިހާރު ކުރަނީ ވިޔަފާރި ކުރުމުގެ ތުހުމަތު، ޖިނާއީ ތުހުމަތަށް އިންކާރު ކުރައްވައިފި

ހައިލަމް ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ސަންގު ޓީވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމަށް ވިޔަފާރި ކުރި ކަމުގެ ތުހުމަތުކޮށް، ފުލުހުންގެ ތަހުގީގު ޓީމުން އޭނައާ ސުވާލުކޮށްފިއެވެ.

ހައިލަމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، އޭނާގެ އެކައުންޓަށް ދެ ލައްކަ ރުފިޔާ ޖަމާކުރެއްވި މައްސަލައެވެ. އެކަމުގައި މަނީ ލޯންޑަރިންގެ އަމަލެއް ހިމެނޭތޯ ބެލުމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ފޮނުވިއެވެ. ނަމަވެސް ފުލުހުން ބެލިބެލުމުން އެކަމުގައި މަނީ ލޯންޑަރިންގެ އަމަލެއް ނެތް ކަމަށް އެނގިފައިވާ ކަމަށް ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައިލަމް ވިދާޅުވިއެވެ.

އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓްގައި ވެސް ތުހުމަތުކޮށްފައި ވަނީ މަނީލޯންޑަރ ކުރި ކަމަށެވެ.

ހައިލަމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ލަފާދީފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށް ތަހުގީގު ޓީމުން ބުނި ކަމަށެވެ.

"ފުލުހުން ވިދާޅުވަނީ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އަށް ނަންބަރުގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރަކު ވިޔަފާރިކޮށްގެން ނުވާނެ ކަމަށް. އެހެންވީމަ އެ އަސާސާ ޚިލާފުވީމަ، ނުކުރަން ބުނެފަ އޮތް ކަމެއް ކުރީމަ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނު ހިންގުމަށް ހުރަސްއެޅި ކަމުގެ ތުހުމަތޭ އަޅުގަނޑުގެ މައްޗަށް މިކުރެވެނީ،" ހައިލަމް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އިން ފަނޑިޔާރަކު ވިޔަފާރިކުރުން މަނާނުކުރާ ކަމަށާއި މަނާވަނީ ފަނޑިޔާރަކު އަމަލީގޮތުން ވިޔަފާރީގައި ބައިވެރިވުން ކަމަށް ހައިލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މާއްދާގައި ބަޔާންކުރާ ކަމެއް ކޮށްފިނަމަ، އަޅަންޖެހޭނީ ޑިސިޕްލިނަރީ ފިޔަވަޅު ކަމަށެވެ. އަދި ހައިލަމް ސިފަކުރެއްވީ އެއީ ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަމައަކީ ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ގާނޫނަކުން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް. ފަނޑިޔާރެއްގެ މަގާމުގައި ހުރެގެން ވިޔަފާރި ކުރުމުގެ ތުހުމަތު އަޅުގަނޑުގެ މައްޗަށް މި ކުރަނީ. ފުރަތަމަ ކަމަކަށް އަޅުގަނޑު ކުރި ވިޔަފާރިއެއް ވެސް ނޯންނާނެ،" ހައިލަމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވާނީ އެބޭފުޅުންނަށް ކަނޑައެޅިގެން ފަނޑިޔާރަކު ވިޔަފާރި ކުރުމަކީ ކުށެއް ކަމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގައި ބަޔާންކޮށްފައިވާ ކަމެއް ނޫނޭ. އެބޭފުޅުން ހަވާލާދޭ މާއްދާގެ، ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އަށް ވަނަ ނަންބަރާ އަޅުގަނޑު ޚިލާފުވީ ކަމަށް އެބޭފުޅުން މާނަ ކުރާއްވާ ކަމަށްވާނަމަ، އެ މާއްދާގެ 11 ވަނަ ނަންބަރާ ޚިލާފުވެފައޭވީ މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ،"

ހައިލަމް ވިދާޅުވީ ތަހުގީގު ބަޔާން ތައްޔާރުކުރުމަށްފަހު، ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެކަން އެންގުމަށްފަހު މިރޭގެ ތަހުގީގު ނިންމާލާފައިވާ ކަމަށެވެ.

އަލްހާން އޭނާގެ އެކައުންޓަށް ޖަމާކުރެއްވި ފައިސާއާ ގުޅޭގޮތުން ހައިލަމް ވިދާޅުވަމުން ގެންދަވަނީ އެއީ ދަރަންޏަށް ދިން ފައިސާތަކެއް ކަމަށެވެ.

comment ކޮމެންޓް